ENGLISH
13 މޭ 2026
ފައިސާ ނޫޓު ބޭނުންކޮށްގެން އާޓް އުފެއްދުމަށް ރަޖިސްޓަރީ ވުމުގެ ސުންގަޑި ހަމަވަނީ
13 މޭ 2026
|
ދިވެހި ރުފިޔާ. ފައިސާ ނޫޓު ބޭނުންކޮށްގެން އާޓް އުފެއްދުމުގެ މުބާރަތަކަށް އެމްއެމްއޭއިން ވަނީ ހުޅުވާލާފައި. ފޮޓޯ؛ ސޯޝަލް މީޑިއާ
އެންމެ މަޤްބޫލު
ފައިސާ ނޫޓު ބޭނުންކޮށްގެން އާޓް އުފެއްދުމަށް ރަޖިސްޓަރީ ވުމުގެ ސުންގަޑި މާދަމައަށް ހަމަވާނެ އެވެ.
މަރުކަޒީ ބޭންކް-- އެމްއެމްއޭ އިން އިއުލާނުކޮށްފައިވާ މި މުބާރާތުގެ މަގުސަދަކީ ކުނޑިކޮށްފައިވާ ފައިސާއިން މާނަވީ އުފެއްދުންތަކެއް ތައްޔާރުކޮށްގެން އެއަށް އައު ދިރުމެއް ގެނެސްދިނުންކަމަށް އެމްއެމްއޭއިން ބުންޏެވެ.
ބާވެ ހަލާކުވުމުގެ ސަބަބުން ކުނޑިކޮށްފައިވާ ރަންދިހަފަހެއް ސީރީސްގެ ނޫޓުތަކުގެ ކުނޑި ބޭނުންކޮށްގެން އުފެއްދުންތައް ތައްޔާރުކުރުމުގެ މުބާރާތައް ރަޖިސްޓަރީވުމުގެ ސުންގަޑިއަކީ މާދަމާ ރޭ 11:59 އެވެ.
މި މުބާރާތް ކުރިއަށް ދަނީ ދެ ކެޓަގަރީ އަކަށް ބަހައިލައިގެން ނެވެ. އެއީ ކުނޑިކޮށްފައިވާ ނޫޓުތައް ބޭނުންކޮށްގެން އާޓްވޯކް ތައްޔާރުކުރުމާއި ހަނދާނެއްގެ ގޮތުގައި ބެހެއްޓޭނެ "ސުވެނިއާ" ފަދަ ތަކެތި ޑިޒައިންކޮށް އުފެއްދުމެވެ. މި މުބާރާތުގައި ސްވެނިއާގެ ގޮތުގައި ޑިޒައިން ކުރަންޖެހެނީ އެމްއެމްއޭ އިން ރަސްމީ ހަދިޔާގެ ގޮތުގައި ބޭނުންކުރެވޭނެ ފަދަ އެއްޗެކެވެ. އަދި އާޓްވޯކް އުފެއްދުމުގައި ކުނޑިކޮށްފައިވާ ފައިސާއަކީ އެ އާޓްވޯކެއް އުފެއްދުމުގައި ބޭނުންކުރާ އަސާސީ މާއްދާއަށް ވާންވާނެކަމަށް ވެސް މަރުކަޒީ ބޭންކުން ބުނެ އެވެ.
މަރުކަޒީ ބޭންކުން ބުނީ މި މުބާރާތުން ހޮވާލެވޭ އެންމެ މޮޅެތި އުފެއްދުންތައް މި އަހަރު ޖުލައި މަހު އެމްއެމްއޭއިން ބާއްވާ މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯގައި ދައްކާލުމަށް ބަހައްޓާނެކަމަށެވެ.
މިއީ ދިވެހީންނަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ މުބާރާތެކެވެ. ވަކިވަކި ފަރުދުންނަށް ވެސް، ޓީމެއްގެ ގޮތުގައި ވެސް އަދި ވިޔަފާރިތަކަށް ވެސް މުބާރާތުގައި ބައިވެރިވެވޭނެ އެވެ. އަދި ބޭނުންނަމަ ދެ ކެޓަގަރީގައި ވެސް ވާދަކުރެވޭނެ އެވެ.
މުބާރާތުގެ ދެ ކެޓަގަރީއަށް ވެސް ފައިސާގެ އިނާމުތަކެއް ކަނޑައެޅިފައިވާއިރު ސްވެނިއާ ޑިޒައިންކުރުމުން ވަނަވަނަ އަށް ހޮވޭ ފަރާތްތަކަށް އެމްއެމްއޭއާއެކު ވަކި އެއްބަސްވުމުގެ ދަށުން ސްވެނިއަރ އުފެއްދުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.
ޝައުގުވެރިވާ ފަރާތްތަކުން އެމްއެމްއޭގެ ވެބްސައިޓުގައިވާ އެޕްލިކޭޝަން ފޯމާއި ޕްރޮޕޯސަލް ފުރިހަމަކުރުމަށްފަހު[email protected] އަށް އީމެއިލް ކުރުމުގެ ފުރުސަތު އަދިވެސް ހުޅުވާލެވިފައިވާކަމަށް އެމްއެމްއޭއިން ވަނީ ބުނެފަ އެވެ.
މުބާރާތާ ގުޅޭ އިތުރު މައުލޫމާތު އެމްއެމްއޭގެ ވެބްސައިޓުގައިވާ ގައިޑްބުކުން ލިބޭނެ އެވެ.