ENGLISH
12 މޭ 2026
އައްޑޫގައި ބާއްވާ ބިޒްނަސް ޑައިލޮގަކީ ފެށުމެއް، އަމާޒަކީ ރާއްޖެއަށް ފުޅާކުރުން: ވަޒީރު ސަޢީދު
12 މޭ 2026
|
ނޫސްވެރިންގެ ބައްދަލުވުމުގައި ސައީދު ވާހަކަދައްކަވަނީ. އައްޑޫ ބިޒްނަސް ޑައިލޮގްގެ ކޮންސެޕްޓް ރާއްޖެއަށް ފުޅާކުރައްވާނެކަމަށް ވިދާޅުވި. ފޮޓޯ: ރައީސް އޮފީސް
އެންމެ މަޤްބޫލު
މާދަމާ އައްޑޫ ސިޓީ އަދި އައްޑޫ އަތޮޅުގައި ފަށާ "އައްޑޫ ބިޒްނަސް" ޑައިލޮގަކީ ޕައިލެޓް ޕްރޮޖެކްޓެއް ކަމަށާއި، އައްޑޫގެ ތަޖުރިބާއަށް ފަހު އަމާޒަކީ ރާއްޖޭގައި މި ޕްރޮޖެކްޓް ފުޅާކުރުން ކަމަށް އިގުތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެ އެވެ.
އައްޑޫ ބިޒްނަސް ޑައިލޮގާ ގުޅޭގޮތުން ވަޒީރު ވާހަކަދެއްކެވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
ސަޢީދު ވިދާޅުވީ، އިގުތިޞާދީ ގޮތުން ނަތީޖާ ނެރެދިނުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރިޔާސީ ބަޔާނުގައި ކަނޑައެޅުއްވި އެއް ދާއިރާއަކީ ކުދި ވިޔަފާރިތަކަށް ލުއިދެއްވުން ކަމަށެވެ.
މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އައްޑޫގައި ހިންގާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ތިން އަހަރުގެ މުއްދަތަށް ދައުލަތަށް ކުއްޔާއި ޓެކްސްތައް ދައްކަން ނުޖެހޭ ގޮތަށް ލުއިތަކެއްދީ، އައްޑޫ އައިޓީގެ ހަބަކަށް ހަދަން ސަރުކާރުން ނިންމާފައިވާކަން އިއުލާނުކުރައްވައިފައެވެ. އެ ލުއިތައް ދިނުމަށް ނިންމާފައިވަނީ 2027 ޖަނަވަރީ އެއް ވަނަ ދުވަހުން ފެށިގެންކަން ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ އައްޑޫގައި ބިޒްނަސް ޑައިލޮގް ގެންދަން ނިންމެވީ ވަޒީރުންގެ މަޖިލީހުގައި ފުޅާކޮށް މަޝްވަރާކުރައްވައިގެން ކަމަށެވެ. އަދި އައްޑޫގައި ބާއްވާ ބިޒްނަސް ޑައިލޮގްގައި އައްޑޫގެ ވިޔަފާރިތަކާއި، މާލޭގައި ދިރިއުޅޭ އައްޑޫގެ ވިޔަފާރިވެރިންނާއި، އިދާރާތަކާއި ފަންނީ ބޭފުޅުންނާއެކު މަހާސިންތާގައި ފުޅާދާއިރާއެއްގައި މަޝްވަރާކުރަން ބޭނުންފުޅުވާކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި، އައްޑޫގައި ކުރެވޭ މަސައްކަތުގެ ކޮންސެޕްޓް އެކުލަވާލައި އަމާޒަކީ މަހާސިންތާ އިތުރަށް ފުޅާކުރުންކަން ވަޒީރު ފާހަގަކުރެއްވިއެވެ.
"އުފެދޭ އެކިއެކި ވާހަކަފުޅުތައް އަޅުގަނޑުމެން ކަރުދާހަށް ތިރިކޮށް އަޅުގަނޑުމެން ކޮންސެޕްޓެއް މި ޑިވެލޮޕްކުރަނީ އައްޑޫއިން ސީދާ އަޅުގަނޑުމެންނަށް ލިބޭ މަޢުލޫމާތުތައް. އެ މަޢުލޫމާތުތައް މި އަންނަނީ ކެބިނެޓަށް. ކެބިނެޓުން ރައީސުލްޖުމްހޫރިއްޔާ ވަރަށް ފުޅާ ދާއިރާއެއްގައި މިކަހަލަ ކޮންމެ މައުޟޫއެއް ނިންމަވާ ގޮތަށް މަޝްވަރާކުރައްވައިގެން ނިންމަވާނީ އައްޑޫ އަށް 2027، 2028، 2029 ގައި ދެއްވާނީ ކޮން ލުއިތަކެއްތޯ. އެހެންވީމަ އެއީ ޕައިލެޓް ޕްރޮޖެކްޓަކަށް ވަނީ. އެހެންވީމަ އެ މޮޑެލް އަޅުގަނޑުމެން ރާއްޖޭގެ އެހެން ތަންތަނަށް ގެންދިއުން ރައީސްގެ ވިސްނުންފުޅަކީ" ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ މިހާރުވެސް ކުދި ވިޔަފާރިތަކަށް ސަރުކާރުން ގިނަ ލުއިތަކެއް ދެއްވާފައިވާ ކަމަށެވެ. އެގޮތުން 20 ކޯޓާ ހިލޭކުރުމާއި ބަނދަރުގައި ވަކި ގަޑިއެއްގައި ކުރާ މަސައްކަތްތައް އިތުރުކުރުން ފަދަ ކަންކަން ފާހަގަކުރެއްވި އެވެ.
އައްޑޫގައި ގެންދާ މަޝްވަރާތަކާއެކު، ވިޔަފާރިވެރިންނާއި ފަންނީ ބޭފުޅުންގެ ނަޒަރުގައި އިޤްތިޞާދީ ކުރިއެރުމަށް ކުރެވިދާނެ ކަންކަން އެނގިގެންދާނެކަމަށް ވަޒީރު ވިދާޅުވި އެވެ.