ENGLISH

11 މޭ 2026

Advertisement

ދުނިޔޭގެ ފެންވަރުގެ "ވެލަޔަށް" ފަރުވާދޭ އިންސްޓިޓިއުޓެއް ރާއްޖޭގައި ހުޅުވައިފި

11 މޭ 2026

|

ހަނާން އަހުމަދު ނައީމް

ދުނިޔޭގެ ފެންވަރުގެ ސީ ޓާޓަލް ހެލްްތް އިންސްޓިޓިއުޓެއް - ފޮޓޯ ޕީއެސްއެމް

ދިވެހިރާއްޖޭގެ ކަނޑުފަޅުތަކުގައި އުޅޭ ވެލަޔަށް ދިމާވާ ބަލިތަކާއި އަނިޔާތަކަށް ފަރުވާ ދިނުމަށް ދުނިޔޭގެ ފެންވަރުގެ ޒަމާނީ "ސީ ޓާޓަލް ހެލްތު އިންސްޓިޓިއުޓް" ރަސްމީކޮށް ހުޅުވާލައިފިއެވެ.

މި މަރުކަޒު ހުޅުވާފައިވަނީ ޖަވަކާރަ ރިސޯޓުގައެވެ. މިއީ މި ސަރަހައްދުގައިވެސް ހުޅުވުނު މިފަދަ އެންމެ ބޮޑު އެއް އިންސްޓިޓިއުޓެވެ.

މި މަރުކަޒަކީ ކްރައުން އެންޑް ޗަމްޕާ ރިސޯޓްސް އާއި އޮލިވް ރިޑްލީ ޕްރޮޖެކްޓް (އޯއާރުޕީ) ގުޅިގެން ގާއިމުކުރި ތަނެކެވެ.

މި މަރުކަޒު ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ކްރައުން އެންޑް ޗަމްޕާ ރިސޯޓްސްގެ މެނޭޖިން ޑިރެކްޓަރ ސާރާ މޫސާއެވެ. މި ރަސްމިއްޔާތުގައި ޗަމްޕާ ރިސޯޓްސްގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ސޮލާހުއާއި، އޮލިވް ރިޑްލީ ޕްރޮޖެކްޓުގެ ޑިރެކްޓަރުންނާއި ޕްރޮޖެކްޓް ކޯޑިނޭޓަރުން ވަނީ ބައިވެރިވެވަޑައިގެންފައެެވެ.

ސީ ޓާޓަލް ހެލްތު އިންސްޓިޓިއުޓުގައި ގާއިމްކޮށްފައިވާ ވަސީލަތްތަކަށް ބަލާއިރު، އެތަނުގައި ޖުމްލަ ހަތް ޓޭންކު ހުރިއިރު، މީގެ ތެރޭގައި ހޮސްޕިޓަލް ހަތަރު ޓޭންކާއި، ތެރަޕިއުޓިކް ބޮޑު ޓޭންކެއްގެ އިތުރުން ކްރިޓިކަލް ކެއާ ދެ ޓޭންކު ހިމެނެއެވެ.

މި އިންސްޓިޓިއުޓުގައި މިވަގުތު 7 ޓޭންކެއް ހުރި ނަމަވެސް ކުއްލި ހާލަތްތަކުގައި ޕާޓިޝަން ޖަހައިގެން ކޮންމެ ޓޭންކެއްގައިވެސް ދެ ވެލާ ބޭތިއްބޭއިރު، ކުރިއަށްއޮތްތާގަ ޓޭންކުތަކުގެ އަދަދު 12 އަށް އިތުރުކުރުމަށް ވަނީ ނިންމާފައެވެ.

މި އިންސްޓިޓިއުޓުގެ އެންމެ ހާއްސަ އެއް ކަމަކީ މި ސަރަހައްދުގައި ވެލާޔަށް ހާއްސަކޮށްގެން ގާއިމުކުރި ފުރަތަމަ އިންޓެންސިވް ކެއާ ޔުނިޓް އައި.ސީ.ޔޫ މިތަނުގައި ހުރުމެވެ. މި ޔުނިޓް ހުންނަނީ އާންމުންނަށް ނުފެންނަ ގޮތަށް، ވަރަށް ބޮޑަށް ބަލިވެފައިވާ ވެލާތަކަށް ހިމޭން މާހައުލެއްގައި ފަރުވާ ދެވޭނެ ގޮތަށެވެ.

މީގެ އިތުރުން، ރާއްޖޭގައި އާންމުގޮތެއްގައި އުޅޭ ވެލާ، ކަހަނބު، އަދި ވާވޮށު ވެލަޔަށް ދެވޭ ފަރުވާ އިތުރަށް ހަރުދަނާކުރުމަށް ކްލިނިކެއްވެސް ވަނީ ގާއިމްކޮށްފައެވެ.

މި ކްލިނިކުގައި ސާޖަރީ ހެދުމަށް ހާއްސަ ކޮޓަރިއަކާއި، ޑައިގްނޯސްޓިކް ލެބޯޓްރީއެއްގެ އިތުރުން އެކްސް-ރޭ ނެގޭނެ އިންތިޒާމުވެސް ވަނީ ގާއިމުކޮށްފައެވެ. އަދި އެންޑޯސްކޯޕީއާއި، ލޭޒާ މެދުވެރިކޮށް ވެލަޔަށް ފަރުވާ ދިނުމުގެ ހުރިހާ އިންތިޒާމުތަކެއް ވަނީ ހަމަޖައްސާފައެވެ.

މިއީ ވެލާޔަށް ފަރުވާ ދިނުމަށް ރާއްޖޭގައި މިހާތަނަށް ގާއިމުކުރެވުނު އެންމެ ފުރިހަމަ އިންސްޓިޓިއުޓެވެ.

މީގެ އިތުރުން، ވެލާ ހިމާޔަތްކުރުމުގެ ދާއިރާއިން މީހުން ބިނާކުރުމަށް ތަމްރީނުތަކާއި ވޯކްޝޮޕްތައް ބޭއްވުމަށްވެސް މިތަން ބޭނުންކުރުމަށް ވަނީ ހަމަޖެހިފައެވެ.

އެގޮތުން ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީއާ ގުޅިގެން 'ސީ ޓާޓަލް ވެޓެރިނަރީ އެސިސްޓަންޓް ޑިޕްލޮމާ' ޕްރޮގްރާމް މިތަނުގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށާއި، މިއީ ދިވެހި އަދި ބޭރުގެ ދަރިވަރުންނަށްވެސް ބައިވެރިވެވޭނެ، ބައިނަލްއަގުވާމީ ފެންވަރުގައި ބަލައިގަންނަ ކޯހެއް ކަމަށް ރިސޯޓުން ބުނެއެވެ. އަދި މިކަމަށްޓަކައި ޚާއްސަ ކްލާސްރޫމެއްވެސް މި އިންސްޓިޓިއުޓުގައި ވަނީ ގާއިމުކޮށްފައެވެ.  

ކިޔުންތެރިންގެ ހިޔާލު