ENGLISH

10 މޭ 2026

Advertisement

މައްކާ ރޫޓު އިނީޝިއޭޓިވްގެ އިންތިޒާމުތައް ހަމަޖެއްސުމަށް ސަޢުދީގެ ބޭފުޅުން ރާއްޖެއަށް

10 މޭ 2026

|

އަޙުމަދު ޙަމީދު

މައްކާ ރޫޓު އިނީޝިއޭޓިވްގެ އިންތިޒާމުތައް ހަމަޖެއްސުމަށް ސަޢުދީގެ ބޭފުޅުން ރާއްޖެއަށް ވަޑައިގަންނަވަން ފެއްޓެވުން

މި އަހަރުގެ ޙައްޖުވެރިން ރާއްޖޭން ފުރުމުގެ އިންތިޒާމްތަކުގެ ތެރެއިން، މައްކާ ރޫޓު އިނީޝިއޭޓިވްގެ ދަށުން ހަމަޖައްސަންޖެހޭ އިންތިޒާމުތައް ހަމަޖެއްސުމަށް ސަޢުދީ ޢަރަބިއްޔާގެ ބޭފުޅުން ރާއްޖެ ވަޑައިގަންނަވަން ފައްޓަވައިފި އެވެ.

އެގޮތުން މައްކާ ރޫޓު އިނީޝިއޭޓިވްގެ ވަފުދުގެ އިސްބޭފުޅެއްކަމަށްވާ އޮޕަރޭޝަންސް މެނޭޖަރ ޢުމަރު ޢަބްދުލްމަޖީދު އާރް. އައްދަޢީޖު ވަނީ ރޭގައި ރާއްޖެ ވަޑައިގަންނަވާފައެވެ. މައްކާ ރޫޓޫ އިނީޝިއޭޓިވްގެ ވަފުދުގައި ހިމެނިވަޑައިގަންނަވާ އިތުރު 18 ބޭފުޅުން 11 މެއި 2026 ގައި ރާއްޖެ ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ޙައްޖުވެރިންގެ ދަތުރު ލުއިފަސޭހަކޮށްދިނުމުގެ ގޮތުން ސަޢުދީ ޢަރަބިއްޔާއިން ކުރިއަށް ގެންދާ މައްކާ ރޫޓު އިނީޝިއޭޓިވްގައި ދިވެހިރާއްޖެ ހިމަނާފައިވަނީ 1446 ވަނަ އަހަރުގެ ޙައްޖު މޫސުމުގައެވެ. އެގޮތުން މިދިޔަ އަހަރު ދިވެހިރާއްޖޭގައި މި ޚިދުމަތް އިފްތިތާޙްކޮށްދެއްވީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. މިކަމަށްޓަކައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތުގައި މައްކާ ރޫޓު އިނީޝިއޭޓިވް ކޮމިޓީގެ ޗެއާމަން އަދި ސައޫދީ ދާޚިލީ ވަޒީރުގެ އެޑްވައިޒަރު ލެފްޓިނެންޓް ޖެނެރަލް ހިޒް އެކެސެލެންސީ ސުލައިމާން ބިން އަބްދުލްއަޒީޒު އަލްޔަޙްޔާގެ އިތުރުން ސަޢުދީ ޢަރަބިއްޔާ އިސް ވަފުދެއް ބައިވެރިވެލެއްވިއެވެ.

މައްކާ ރޫޓު އިނީޝިއޭޓިވްގެ ދަށުން ދިވެހި ޙައްޖުވެރިން ސައުދީއަށް ދަތުރުކުރުމުގެ އިންތިޒާމް ހަމަޖެހިގެންދިއުމަކީ ލިބިގެންދިޔަ ވަރަށް ބޮޑު ފަސޭހައެއްކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ދިވެހި ޙައްޖުވެރިން ސަޢުދީއަށް އެތެރެވުމުގެ ކުރިން ސަޢުދީ ޢަރަބިއްޔާގެ އިމިގްރޭޝަން ނިމޭއިރު، ޙައްޖުވެރިންގެ ފޮށިތައްވެސް މައްކާ ރޫޓު އިނީޝިއޭޓިވްގެ ފަރާތުން ޙައްޖުވެރިން ތިއްބަވާ ހޮޓަލާއި ހަމައަށް ގެންގޮސްދެއެވެ. އެހެންކަމުން ޙައްޖުވެރިން ޖިއްދާ އެއާޕޯޓުގައި ހޭދަކުރަން ޖެހޭ ވަގުތު ވަރަށް ބޮޑަށް މަދުވެ، ޙައްޖުވެރިންގެ ދަތުރަށް ބޮޑު ފަސޭހައެއް ލިބިގެންދެއެވެ.

ދިވެހިރާއްޖެއަށް މި ޚިދުމަތް ލިބިފައިވަނީ އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ސަޢުދީ ޢަރަބިއްޔާގެ ކަމާބެހޭ އިސްވެރިންނާއެކު ކުރެވުނު މުހިއްމު މަޝްވަރާތަކަކަށް ފަހުގައިކަން ފާހަގަކޮށްލެވެއެވެ.

ޚާއްސަ ހުއްދައެއްގެ ދަށުން މި ޚިދުމަތް ދިވެހިރާއްޖެއަށް ފޯރުކޮށްދެއްވުމަކީ، ސަޢުދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްއާއި، ވަލީއަޙްދު މުޙައްމަދު ބިން ސަލްމާންގެ ހިތްޕުޅުގައި ދިވެހި ރައްޔިތުންނާއި މެދު އޮތް ގުޅުން ފާހަގަކޮށްލެވޭ ކަމަކެވެ. މިކަމަށްޓަކައި ދިވެހި ސަރުކާރުން، ސަޢުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލް ޢަޒީޒްއާއި ވަލީއަޙްދު މުހައްމަދު ބިން ސަލްމާނަށް އަދި ސަޢުދީ ޢަރަބިއްޔާގެ އިސްވެރިންނަށް ޝުކުރު އަދާކުރައްވައެވެ.

މީގެ އިތުރުން ދިވެހި ޙައްޖުވެރިންގެ ކަންކަމުގައި ދިވެހިރާއްޖޭގައި ހުންނަ ސަޢުދީ އެމްބަސީން ދެއްވާ އެއްބާރުލުމާއި އެހީތެރިކަމަށް ސަޢުދީ ޢަރަބިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސެލަންސީ ޔަޙްޔާ ޙަސަން އަލްޤަޙްޠާނީއަށާއި އެމްބަސީގެ މުވައްޒަފުންނަށް އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ޝުކުރު އަދާކުރައްވައެވެ.

ކިޔުންތެރިންގެ ހިޔާލު