ENGLISH

10 މޭ 2026

Advertisement

ރައީސްގެ އުންމީދީ ތަޤުރީރެއް: ބަނޑޭރި ކޮށީގައި ޒަމާނީ ހައުސިން މަޝްރޫޢެއް، ސިފައިންނަށް މަޤާމުގެ ކުރިއެރުން ނުހުއްޓޭނެ ގޮތް ހަދަނީ

10 މޭ 2026

|

އަޙުމަދު ޙަމީދު

ދިވެހި ސިފައިންގެ 134 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި، ކަޅުތުއްކަލާކޮށީގައި މިރޭ ބޭއްވި ރަސްމީ ޖަލްސާ

ދިވެހި ސިފައިންގެ ކުރިއެރުމާއި ލާބައަށްޓަކައި ކުރައްވަން ނިންމަވާފައިވާ ގިނަ ކަންތައްތަކެއް ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑޮކްޓަރ މުޙައްމަދު މުޢިއްޒު މުޢިއްޒު މިރޭ އިއުލާނު ކުރައްވައިފި އެވެ.

އެމަނިކުފާނު އެކަން އިއުލާނު ކުރެއްވީ ދިވެހި ސިފައިންގެ 134 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި، ކަޅުތުއްކަލާކޮށީގައި މިރޭ ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. 

މި ޖަލްސާގައި ރައީސް ވަނީ މިނިވަންކަމާއި ސިޔާދަތީ ރަތް ރޮނގު، ސަލާމަތްތެރިކަމާއެކީގައި ހިމާޔަތްކޮށްދީ، ދަމަހައްޓައިދެނީ އަމިއްލަ ނަފުސަށްވުރެ ޤައުމު އިސްކުރައްވައިގެން ސިފައިން ކުރައްވާ ބުރަ މަސައްކަތުން ކަމަށް ވިދާޅުވެ ދިވެހި ސިފައިންގެ ކުރިއެރުމާއި ލާބައަށްޓަކައި ކުރައްވަން ނިންމަވާފައިވާ ކަންކަން އިއުލާނު ކުރައްވާފަ އެވެ.

ބަނޑޭރިކޮށީގައި ބިޔަ ހައުސިން މަޝްރޫޢުއެއް

ބަނޑޭރިކޮށްޓަކީ ސިފައިންނާއި އެ މީހުންގެ އާއިލާތައް ދިރިއުޅެން ޚާއްސަ ގެތައް ހިމެނޭ ސަރަޙައްދެވެ. ބޮޑު ދެ ކޮށި ހިމެނޭ މި ސަރަޙައްދުގައި ޒަމާނީ ހައުސިން މަޝްރޫޢުއެއް ހިންގުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ.

ރައީސް މިރޭ ވިދާޅުވީ އެ މަޝްރޫޢު ފެށުމަށް ތައްޔާރުވަމުންދާ ކަމަށެވެ. އަދި އެމަނިކުފާނުގެ ވިސްނުންފުޅަކީ އަށެއްކަ މަސް ދުވަސްތެރޭ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުން ކަމުގައި ވިދާޅުވި އެވެ.

ހައުސިންގް ސްކީމްތަކުން ސިފައިންނަށް ކަނޑައަޅާ ފްލެޓް އިތުރުކުރުން

ރައީސް ވިދާޅުވީ ބޯހިޔާވަހިކަމަކީ ދިވެހި ކޮންމެ ރައްޔިތެއްގެވެސް އަސާސީ އެއް ޙައްޤަކަށް ވާހިނދު، ދިވެހި ސިފައިންނަށްވެސް މި ޙައްޤު ފުރިހަމަވާންޖެހޭ ކަމަށެވެ.

އެކަމަށް ވަރަށް އިސްކަން ދެއްވާ ކަމުގައި ވެސް ވިދާޅުވި އެވެ. އެގޮތުން ސަރުކާރުގެ ހައުސިންގް ސްކީމްތަކުގެ ތެރެއިން، އަސާސީ ބޯހިޔާވަހިކަން ލިބޭ ސިފައިންގެ ޢަދަދު އިތުރުކޮށްދެއްވާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.

ސިފައިންގެ ޚިދުމަތުގައި ދެމި ހުރެވޭނެ ގޮތަށް ބަދަލެއް

މިރޭގެ ޖަލްސާގައި ރައީސް ވިދާޅުވީ ސިފައިންގެ ޚިދުމަތުގައި ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއެކު ޚިދުމަތް ކުރަމުންދާ ސިފައިންނަށް، އެއް ރޭންކުގައި ވަކި މުއްދަތެއް ވިއަސް، މިހާރު އޮތް ޤަވާއިދުގެ ތެރެއިން ލިމިޓޭޝަން ހަމަވާ ގޮތަށް އޮތް އޮތުން ބަދަލުކުރައްވާނެ ކަމަަށެވެ.

އެގޮތުން އެފަދަ ބޭފުޅުންނަށް ސިފައިންގެ ޚިދުމަތުގައި ދެމި ހުރެވޭނެ ގޮތަށް  ޤަވާއިދު ބަދަލުކޮށްދެއްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ އެގޮތަށް ބަދަލުކޮށްދީ ސިފައިންގެ ޚިދުމަތްކުރުމުގައި ދެމި ހުރެވޭނެ ގޮތް އިރާދަކުރެއްވިއްޔާ ހަދަން ގަސްތުކުރަން. އެގޮތަށް ބަދަލުކޮށްދޭނަން،" ރައީސް ވިދާޅުވި އެވެ.

އަދި ސިފައިންގެ ކޮންމެ މީހެއްގެ ޢާއިލާ ދިރިއުޅޭ ސަރަޙައްދު ހިމެނޭ އޭރިއާ ކޮމާންޑެއްގައި ޑިއުޓީ އަދާކުރެވޭނެ ފުރުޞަތު ޤާއިމުކޮށްދެއްވާނެކަމުގައި ވެސް އެމަނިކުފާނު ވިދާޅުވި އެވެ. 

މީގެ އިތުރުން ވަނީ ގިރިފުށި އިތުރަށް ތަރައްގީ ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ސިފައިންގެ ޓްރެއިނިންގ ފެސިލިޓީތައް ތަރައްޤީ ކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު