ENGLISH
10 މޭ 2026
ދޭދޭ ގައުމުތަކުގެ ގުޅުންތަކާ ގުޅޭގޮތުން ވާހަކަދައްކާއިރު ސަމާލުވުމަށް އިލްތިމާސްކޮށްފި
09 މޭ 2026
|
ދިވެހި ހާރިޖިއްޔާގެ މައި ވުޒާރާ
އެންމެ މަޤްބޫލު
ޤައުމީ މަސްލަހަތާއި ބޭރު ޤައުމުތަކާއެކު އޮންނަ ގުޅުންތަކަށް އަސަރުކުރާ ފަދަ ކަންކަމުގައި ވާހަކަދައްކާއިރު، ނުހަނު ބޮޑަށް ސަމާލުވެ، ޙިކުމަތްތެރިކަން އިސްކުރުމަށް ދިވެހި ހާރިޖިއްޔާއިން އިލްތިމާސްކޮށްފި އެވެ؛
ހާރިޖިއްޔާއިން ނެރުނު ބަޔާނުގައި ބުނީ ދިވެހިރާއްޖޭގެ ޤައުމީ ސިޔާދަތު ރައްކާތެރިކުރުމާއި، ޤައުމީ މަސްލަހަތު އިސްކުރުމާއި، އިންސާނީ ޙައްޤުތައް ޙިމާޔަތްކުރުމުގެ މައްޗަށް ބިނާވެފައިވާ "މޯލްޑިވްސް ފަސްޓް" ސިޔާސަތަކީ ދިވެހި ސަރުކާރުގެ ޚާރިޖީ ސިޔާސަތުކަމަށެވެ. މި ސިޔާސަތަކީ ބައިނަލްއަޤުވާމީ ޤާނޫނުތަކަށް އިޙުތިރާމްކުރާ، ޒިންމާދާރު އަދި މިނިވަން ސިޔާސަތެއްކަމަށާއި އަދި ދޭދޭ ޤައުމުތަކާއި ބައިނަލްއަޤުވާމީ ބައިވެރިންނާއެކު ބިނާކުރަނިވި ގުޅުމެއް ބޭއްވުމަށް ސަރުކާރުން ދޭ އަހަންމިއްޔަތު މިސިޔާސަތުން ހާމަކޮށްދޭކަމަށް ވުޒާރާގެ ބަޔާނުގައި ބުންޏެވެ.
މިނިވަން މުސްތަޤިއްލު ދައުލަތެއްގެ ހައިސިއްޔަތުން، ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބައްޓަންކޮށް ކުރިއަށް ގެންދަނީ ޤައުމީ މަސްލަހަތުގެ މައްޗަށް ބިނާވެފައިވާ، ކަނޑައެޅިފައިވާ ނިޒާމުތަކުގެ ތެރެއިންކަމަށް ހާރިޖިއްޔާއިން ބުންޏެވެ. މިގޮތުން ރާއްޖޭގެ ތަރައްޤީގެ ބައިވެރިންނާއެކު އޮންނަ ޒަމާންވީ ގުޅުންތަކަށާއި، އެކަކު އަނެކަކަށް ކުރާ އިޙުތިރާމާއި ދެފަރާތުގެ މަސްލަހަތުގެ މައްޗަށް ބިނާވެފައިވާ ގާތް ގުޅުމެއް، ހުރިހާ ޤައުމުތަކާއެކު ބޭއްވުމަށް ދިވެހިރާއްޖެއިން ނުހަނު ބޮޑު އިސްކަމެއް ދޭކަން ފާހަގަކޮށްފައިވެއެވެ.
"އަދި، ސަރަޙައްދީ ޞުލްޙަ މަސަލަސްކަމާއި، ކަނޑުގެ ސަލާމަތާއި، ދެމެހެއްޓެނިވި ތަރައްޤީ ފަދަ ކަންކަމުގައި، ޤައުމުތަކާއި ޖަމްޢިއްޔާތަކާއެކު އޮންނަ އެއްބާރުލުން ހަމަހަމަ އަދި ބިނާކުރަނިވި ގޮތެއްގައި ވަރުގަދަކުރުމަށް ސަރުކާރުން ދެމިއޮންނާނެ އެވެ،" ބަޔާނުގައި ވެއެވެ.
ޚާރިޖީ ސިޔާސަތާއި، ސަރަޙައްދީ ސަލާމަތާއި، ބައިނަލްއަޤުވާމީ ގުޅުންތަކާ ގުޅޭގޮތުން، ޚާއްޞަކޮށް ދައުލަތުގެ މަތީ މަގާމުތައް ފުރުއްވާފައިވާ ބޭފުޅުން ފާޅުކުރައްވާ ހިޔާލުތަކަކީ އޭގެ ސަބަބުން ނޭދެވޭ ނަތީޖާތަކެއް ނުކުމެދާނެ ކަންކަންކަމަށް ބަޔާނުގައި ވެއެވެ. އެހެންކަމުން މިފަދަ ވާހަކަތަކަކީ ޙަޤީޤަތުގެ މައްޗަށް ބިނާވެފައިވާ، ޤައުމީ އެއްބައިވަންތަކަމަށާއި ރާއްޖޭގެ މުވައްސަސާތަކަށް އޮންނަ އިތުބާރު ބޮޑުކުރުމަށް ބާރުއަޅާ ވާހަކަތަކަކަށް ވާންޖެހޭކަން ވަނީ ފާހަގަކޮށްފަ އެވެ. އަދި، ޤައުމީ މަސްލަހަތާއި ބޭރު ޤައުމުތަކާއެކު އޮންނަ ގުޅުންތަކަށް އަސަރުކުރާ ފަދަ ކަންކަމުގައި ވާހަކަދައްކާއިރު، ނުހަނު ބޮޑަށް ސަމާލުވެ، ޙިކުމަތްތެރިކަން އިސްކުރުމުގެ މުހިންމުކަން ވުޒާރާއިން ފާހަގަކުރެއެވެ.
ބަޔާން ނިންމާލަމުން ވުޒާރާއިން ވަނީ ދޭދޭ ޤައުމުތަކާއި ބައިނަލްއަޤުވާމީ ޖަމްޢިއްޔާތަކާއެކު އޮންނަ ގުޅުންތައް އިތުރަށް ބަދަހިކުރުމަށާއި، ރާއްޖޭގެ ސިޔާދަތާއި، ކަރާމާތާއި، ދިގު މުއްދަތުގެ މަސްލަހަތުތައް ރަމްޒުކޮށްދޭ ޚާރިޖީ ސިޔާސަތެއް ކުރިއެރުވުމުގައި ދިވެހި ސަރުކާރު ސާބިތުކަމާއެކު ދެމިއޮންނާނެކަމުގެ ޔަގީންކަން ދީފަ އެވެ.