ENGLISH

09 މޭ 2026

Advertisement

މޫސުން ގޯސްވުމުގެ ސަބަބުން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އިލްތިމާސްކޮށްފި

09 މޭ 2026

|

އައިމިނަތު ޝަފާ

މޫސުން ގޯސްވެ މާލޭގައި ފެންބޮޑުވެފައި. ފޮޓޯ؛އެމްއެންޑީއެފް

ރާއްޖެ ކައިރިން އުފެދިފައިވާ ކޮޅިގަނޑެއްގެ އަސަރު ރާއްޖެއަށް ކޮށް ކުރިއަށް އޮތް ފަސް ދުވަހު ރާއްޖޭގެ ދެކުނުގެ ސަރަހައްދުތަކަށާއި މެދުރާއްޖެ ތެރެއަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށްފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް މޯލްޑިވްސް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ(އެންޑީއެމްއޭ) އިން ބުނެފި އެވެ. 

އެންޑީއެމްއޭއިން ބުނީ ރާއްޖޭގެ އިރުދެކުނުން އުފެދިފައިވާ ކޮޅިގަނޑުގެ ސަބަބުން މިއަދުން ފެށިގެން އަންނަ ބުދަ ދުވަހާ ހަމައަށް ގަދަވަޔާއެކު ކަނޑުތައް ގަދަވެ، ބޯކޮށް ވާރޭވެހި ވިއްސާރަވުމުގެ ފުރުސަތު އޮތް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައިވާކަމަށެވެ. 

ވުމާއެކު މޫސުން ގޯސްވެ ލިބިދާނެ ގެއްލުންތަކުން ރައްކާތެރިވުމަށް ދުރާލާ މަސައްކަތްކުރުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ. މިގޮތުން ގޯތިގެދޮރަސާއި މުދަލަށް ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް އެޅިދާނެ ފިޔަވަޅުތަކުގެ ތަފްސީލު އެންޑީއެމްއޭއިން ވަނީ ހިއްސާކޮށްފަ އެވެ. 

* ވާރޭވެހި ފެންބޮޑުވެދާނެކަމަށް ސަމާލުވެ، ގެއަށް ފެން ނުވަންނާނެހެން ކުރިޔާލައި ގޭގޭ ދޮރުމަތީގައި ވެލި ބަސްތާ ޖެއްސުން.

* ވާރޭ ވެހި ފެންބޮޑުވެދާނެ ހިސާބުތަކުގައި ހުންނަ ކާބޯތަކެއްޗާއި ހިފާގެންގުޅޭ ތަކެތި ފެން ނުޖެހޭފަދަ އުސް ތަންތަނަށް ބަދަލުކުރުން.

* ގަދަ ވައިގެ ސަބަބުން ގޭގެ ފުރާޅު އެއްލާލާފާނެކަމަށް ލަފާ ކުރެވޭނަމަ ކުރިއާލައި ވައު ފަދަ ތަކެތި ބޭނުންކޮށްގެން ހައްޔަރުކުރުން. 

* ގަދަވައިގެ ސަބަބުން އެއްލާލާފާނެ ތަކެތި ރައްކާތެރިކުރުން. 

* ބޭނުން ނުކުރާނަމަ ކަރަންޓު ބޭނުންކުރާ ތަކެތި ނިއްވާފައި ބެހެއްޓުން.

* ކަނޑު ދަތުރު ކުރާ ފަރާތްތަކުން، ކަނޑު ގަދަ ކަމަށް ލަފާކުރެވޭ ނަމަ، ދަތުރު ނުފެށުން، ނުވަތަ ސަލާމަތީ ކަންކަން ފުރިހަމަ ކުރުން.

* ކާޑުގެ ބާވަތްތަކާއި ޒަރޫރީ ތަކެއްޗަށް ދަތި ނުވާގޮތަށް ދުރާލާ ކަންކަން އިންތިޒާމުކުރުން. 

ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހަށް މޫސުން ގޯސްވާނެތީ އެކަމާ ގުޅިގެން މޫސުމާ ބެހޭ އެންމެ ފަހުގެ އަދާހަމަ މައުލޫމާތު ހޯދުމަށާއި، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކަށް ހާއްސަ ސަމާލުކަމެއް ދިނުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ. 

ކިޔުންތެރިންގެ ހިޔާލު