ENGLISH
09 މޭ 2026
އަސާސީ މުދާ ގެނައުމުގައި އެއް މާކެޓަށް ބަރޯސާވާ މިންވަރު ކުޑަކޮށް ތަފާތު މާކެޓުތައް ބަލަނީ
09 މޭ 2026
|
އިގުތިސާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ ކޮންސަލްޓެންޓް ޓެރޭޑް އެންޑް އިންވެސްޓްމަންޓް ޝުހާދު އިބްރާހީމް ޓްރޭޑް ޑެސްކް ޕްރޮގްރާމުގައި.
އެންމެ މަޤްބޫލު
ރާއްޖެއަށް އަސާސީ މުދާ ގެނައުމުގައި އެއް މާކެޓަށް ބަރޯސާވެފައި އޮތް އޮތުން ބަދަލުކޮށް، މުދާ އެތެރެކުރުމަށް ތަފާތު މާކެޓުތައް ބަލަމުން އަންނަކަމަށް އިގުތިސާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ ކޮންސަލްޓެންޓް ޓެރޭޑް އެންޑް އިންވެސްޓްމަންޓް ޝުހާދު އިބްރާހީމް ވިދާޅުވެއްޖެ އެވެ.
"ޓްރޭޑް ޑެސްކް" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ޝުހާދު ވިދާޅުވީ އިރާނާ ދެކޮޅަށް އެމެރިކާއިން ފެށި ހަނގުރާމައިގައި އެންމެ ބޮދަށް ދިމާވީ ތެލުގެ ދަތިކަން ކަމަށެވެ.
ނަމަވެސް ރާއްޖެއަށް ތެޔޮ އެތެރެކުރާ ކުންފުނިތަކާއެކު އެސްޓީއޯއިން ކުރަމުން އަންނަ މަޝްވަރާތަކުގެ ސަބަބުން މިހާލަތުގައި ވެސް ރައްޔިތުންނަށް ތެޔޮ ސަބްސިޑައިސްކޮށް، އަގު ހެޔޮކޮށް ފޯރުކޮށްދެވޭ ކަމަށް ޝުހާދު ވިދާޅުވި އެވެ.
މިހާ ހިސާބަށް އައިއިރު އަސާސީ ކާބޯތަކެތި ވެސް ފޯރުކޮށްދެމުން އައީ އަގުހެޔޮކޮށް ކަން ފާހަގަކުރައްވައި ޝުހާދު އިތުރަށް ވިދާޅުވީ މިހާރު ވުޒާރާއިން ކުރަމުން އަންނަ މުހިންމު އެއް މަސައްކަތަކީ ރާއްޖެއަަށް އަސާސީ މުދާ އެތެރެކުރުމުގައި އެންމެ މާކެޓަކަށް ބަރޯސާވުމުގެ ބަދަލުގައި ތަފާތު މާކެޓުތައް ހޯދުމުގެ މަސައްކަތްތައް ކަމަށެވެ.
"މިހާރު ކުރަމުން އަންނަ މުހިންމު މަސައްކަތެއް މިއީ އެއް މާކެޓު ބަދަލުވީ ނަމަވެސް އިތުރު މާކެޓުތައް ބެލޭނެ ގޮތް ހަމަޖެއްސުން. ކޮންމެގޮތެއްވިޔަސް މާކެޓުގައި ހުސްނުވެ އެކި ބްރޭންޑްތަކުގެ އަސާސީ މުދާ ލިބޭނެ ގޮތް ކަށަވަރުކުރުމަށްޓަކައި އެކި ގައުމުތަކުގެ ސަރުކާރުތަކާ ވެސް ވާހަކަދެކެވެމުން ދަނީ،". ޝުހާދު ވިދާޅުވި އެވެ.
މި ކާރިސާގެ އަސަރު މުޅި ދުނިޔޭގެ ހުރިހާ ގައުމަކަށް ކުރަމުންއަންނައިރު މި ހާލަތުން އަރައިގަތުމަށް ގިނަ މަސައްކަތްތަކެއް ރާއްޖެއިން ކުރަމުންދާކަމަށް ވިދާޅުވި އެވެ.