ENGLISH
10 މޭ 2026
ހަނގުރާމަ ނިމުމަކަށް ގެނައުމަށްް އެމެރިކާގެ ހުށަހެޅުމެއް؛ އީރާނުންދަނީ މުތާލިއާކުރަމުން
07 މޭ 2026
|
އެމެރިކާގެ ރައީސް ޑޮނާލްޑް ޓުރަމްޕު، ފޮޓޯ: ނިއުޔޯކް ޓައިމްސް
އެންމެ މަޤްބޫލު
އީރާނާއެކު ކުރަމުންދާ މަޝްވަރާތަކުގައި ކުރިއެރުންތަކެއް ލިބިފައިވާކަމަށް ވިދާޅުވެ، ހޮރްމުޒު ކަނޑުއޮޅި ހުރަސްކުރާ އުޅަނދުފަހަރަށް ހިމާޔަތްދިނުމަށް ހިންގަން އެމެރިކާއިން ރޭވި އަސްކަރީ އޮޕަރޭޝަން ފަސްކުރެއްވުމަށް ނިންމެވިކަން އެމެރިކާގެ ރައީސް ޑޮނާލްޑު ޓުރަމްޕު އިއުލާނުކުރެއްވިތާ އެއް ދުވަސްފަހުން، އެމެރިކާއިން ހަނގުރާމަ ނިމުމަކަށް ގެނައުމަށް ހުށަހެޅުންތަކެއް ހުށަހަޅާފައިވާތީ އެ ހުށަހެޅުންތަައް މުތާލިއާކުރަމުންދާކަމަށް އީރާނުން ބުނެފިއެވެ.
އީރާނުގެ ހާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާއީލް ބަޣާއީ ވިދާޅުވީ އީރާނުން އެ ހުށަހެޅުމާ ގުޅިގެން ވަކި ގޮތެއް ނިންމައި، އެމެރިކާއާއި އީރާނުގެ މެދުގައި މަޝްވަރާތަކުގެ މެދުވެރިއެއްގެ ދައުރު އަދާކުރާ ޕާކިސްތާނަށް ވަކި ގޮތެއް އަންގާފައިނުވާ ކަމަށެވެ. ޓުރަމްޕު އަދި ބަޣާއީވެސް މި ހުށަހެޅުމުގައި އެކުލެވޭ ކަންކަން ހާމަނުކުރައްވައެވެ.
އެ ހުށަހެޅުމުގައި ހުރި ކަންކަމާމެދު އީރާނުގެ ސަރުކާރުން ގޮތްތަކެއް ނިންމުމަށްފަހު، އެ ނިންމުންތައް ޕާކިސްތާނާ ހިއްސާކުރާނެ ކަމުގައި ބަޣާއީ އީރާނުގެ ނޫސް އިދާރާ އައިއެސްއެންއޭއަށް ދެއްވި ބަސްދީގަތުމެއްގަައި ވިދާޅުވެފައިވެއެވެ.
ވައިޓްހައުސްގައި އޮތް މަންމައިންގެ ދުވަހުގެ ހަރަކާތެއްގައި ވާހަކަދައްކަވަމުން ޓުރަމްޕު ވިދާޅުވީ އީރާނުން މަޝްވަރާކޮށް އެއްބަސްވުމެއް ގާއިމުކުރަން ބޭނުންވާ ކަމަށެވެ. އިތުރަށް ޓުރަމްޕު ވިދާޅުވެފައިވަނީ އީރާނަށް ނިއުކުލިއާ ހަތިޔާރު ލިބުނަނުދެއްވާނެ ކަމަށާއި، އެމެރިކާއިން ވާހަކަދައްކަމުންދަނީ އެއްބަސްވުމެއް ހެދުމަށް ބޭނުންވާ އީރާނުގެ މަސްއޫލުވެރިންނާއެކު ކަމަަށާއި، އުންމީދަކީ ދެ ފަރާތަށް ރުހެވޭ އެއްބަސްވުމަކަށް ވާސިލުވެވުން ކަމަށެވެ.
ބުދަދުވަހު އީރާނުގެ ދިދައިގެ ދަށުން ދަތުރުކުރި ތެޔޮ ޓޭންކަރެއް ހޮރްމުޒް ކަނޑުއޮޅިއަަށް ވަނުމަށް ދަތުރުކުރަން އުޅެނިކޮށް އެމެރިކާގެ ކަނޑުގެ އަސްކަރީ އުޅަނދަކުން ހުއްޓުވާފައިވެއެވެ. އެމެރިކާގެ އަސްކަރިއްޔާއިން ބުނި ގޮތުގައި އެ އުޅަނދު ހުއްޓުވީ ތަކުރާރުކޮށް އިންޒާރު ދިނުމަށްފަހުއެވެ.
މީސްމީޑިޔާގައި އެ ދުވަހު ކުރެއްވި ޕޯސްޓެއްގައި ޓުރަމްޕު ވިދާޅުވީ އީރާނުން އެއްބަސްވި ކަންކަން ފޯރުުކޮށްދީފިނަމަ ހަނގުރާމަ ނިންމައިލެވި، ހޮރްމުޒު ކަނޑުއޮޅި ހުރަސްކޮށް އުޅަނދުފަހަރަށް ދަތުރުކުރަން ފެށޭނެ ކަމަށެވެ. ނަމަވެސް އީރާނުން އެއްބަސްވިކަމަށް އިޝާރާތްކުރެއްވި ކަންކަމުގެ ތަފުސީލު ޓުރަމްޕު ހާމަނުކުރައްވައެވެ.
"އެގޮތަށް އީރާނުން އަމަލުނުކޮށްފިނަމަ ބޮން އަޅަން ފަށާނެ. ހިތާމައާއެކު ބުނެލަން އޮތީ ދެން ބޮން އަޅާއިރު އަޅާނީ ކުރިއަށްވުރެ ގިނައިން އެއަށްވުރެ ބާރުގަދަކޮށް،" ޓުރަމްޕު މީސްމީޑިޔާގައި ލިޔުއްވިއެވެ.
މީގެ އެއް ދުވަސް ކުރިން އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓު މާކޯ ރޫބިއޯ ވިދާޅުވެފައިވަނީ އެމެރިކާއިން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ އަމަލީ މަރުހަލާ ނިމިފައިވާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެމެރިކާއިން ދެން އޮތް މަރުހަލާގައި އިސްކަންދޭނީ ހޮރްމުޒް ކަނޑުއޮޅި ހުޅުވައިލުމަށް ހިންގާ ދިފާއީ މިޝަނަށެވެ. އަދި އެމެރިކާއިން އީރާނަށް ދެން ހަމަލާދޭނީ އީރާނުން މަދަނީ ބޯޓުފަހަަރަށް ނުވަތަ އެމެރިކާގެ ބޯޓު ފަހަރަށް އީރާނުގެ ހަމަލާތަކެއް އަމާޒުވާ ހާލަތުގައި އެކަނި ކަމަށް ވިދާޅުވިއެވެ.