ENGLISH

06 މޭ 2026

Advertisement

ރައީސް ލަންކާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު؛ އެކުވެރިކަން އައު ހަރުފަތަކަށް ގެންގޮސް މަންފާގެ މަގުތައް އަލިކުރެވުނު

06 މޭ 2026

|

ޝިފްޒާން އަޙްމަދު

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒާައި ލަންކާގެ ރައީސް ޑިސަނާޔަކެ، ފޮޓޯ: ރައީސް އޮފީސް

ދިވެހިރާއްޖެއާއި ލަންކާގެ މެދުގައި އޮތް ގުޅުމަކީ ގަދީމީ ގުޅުމެކެވެ. ތާރީހުގެ އެންމެ ދުރު ސަފުހާތަކަށް ދެމިގެންދާ މި ގުޅުމުގެ އަސާސަކީ ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮތް ގާތްކަމާއި، ބަހަވީ ސަގާފީ ގުޅުންތަކުން ލާމެހިފައި އޮތް އޮތުމެވެ. ދިވެހިންގެ ތުންތުން މަތިން ވާރުތަވެފައިވާ ތާރީހުގައި ރާއްޖޭގެ ފުރަތަމަ ރަސްގެފާނަކީ ލަންކާގެ ރަސްމަތިފުށަށް ނިސްބަތްވެވަޑައިގަންނަވާ ކޮއިމަލާއެވެ. އެ ވާހަކައިން ރަމްޒުވަނީ ދެ ގައުމުގެ ގުޅުމުގެ މާޒީގެ ދިގުކަމެވެ. 

ޒަމާންވީ ގުޅުމުގެ ފަސްފަހަތް 

ރާއްޖެއާއި ލަންކާގެ މެދުގައި އޮތް ޒަމާންވީ ގުޅުމުގެ ތެރެއިން އިނގިރޭސީންްގެ އިސްތިއުމާރުގައި ލަންކާ އޮތްއިރު، އަދި ރާއްޖެ އިނގިރޭސި ހިމާޔަތުގެ ދަށުގައި އޮތްއިރު ރާއްޖޭގެ ހާރިޖީ ގުޅުންތަކާމެދު ގޮތް ނިންމަމުންދިޔައީ ކޮޅުނބުގައި ހުންނަ އިނގެރޭސި ގަވަނަރެވެ. އިނގިރޭސީންގެ ހިމާޔަތުން ވީއްލި ފުރިހަމަ މިނިވަންކަނަް ރާއްޖެއަށް ލިބުނު އެއްބަސްވުމުގައި ސޮއިކުރެވުނީވެސް ލަންކާގެ ވެރިރަށް ކޮޅުނބުގައެވެ. މިނިވަން ދިވެހިރާއްޖެ ދުނިޔެއަށް ތައާރަފުވާން ފުރަތަމަ ރުހުންދީ ރާއްޖެއާއެކު ރަސްމީ ސިޔާސީ ގުޅުން ގާއިމުކުރީ ލަންކާއިންނެވެ. އެ ގުޅުމަށް 60 އަހަރުވެ އަންނަ ޖުލައި މަހު 61 އަހަރުވާނެއެވެ. 

ލަންކާއަކީ ދިވެހިރާއްޖޭގެ އެންމެ ގާތް އަވައްޓެރިޔާއެވެ. ރާއްޖޭގެ ސިޔާސީ މަަސްރަހުގެ ފުރޮޅުންތަކާއި ބަދަލުތަކުގައި ލަންކާގެ ދައުރު ބޮޑެވެ. ރާއްޖޭގެ ސިޔާސީ ލީޑަރުން އެކި ދުވަސްވަރު ރާއްޖެއިން ބޭރުގައި ތިއްބަވައިގެން ސިޔާސީ ހަރަކާތްތައް ހިންގެވުމުގެ މަރުކަަޒަކަށް ލަންކާ އިހުތިޔާރުކުރެއްވިއެވެ. އަދި ލަންކާގެ ސިޔާސީ ލީޑަރުންނަށް ކަންކަން ބޮޑުވާ ހާލަތުގައި ރާއްޖޭގެ އެހީތެރިކަން ހޯއްދަވައެވެ. އެންމެ ފަހުން މި އެހީތެރިކަން ހޯއްދެވުމުގެ މިސާލަކީ ލަންކާގެ ކުރީގެ ރައީސް ގޯޓަބަޔަ ރާޖަޕަކްސަ ލަންކާ ދޫކުރައްވައި އެހެން ގައުމަކަށް ވަޑައިގަތުމުގައި މެދުވެރި މަންޒިލަކަށް ރާއްޖެ އިހުތިޔާރުކުރެއްވުމެވެ. 

ނަމަވެސް ޒަމާންވީ މި ގުޅުމުގެ ތެރޭގައި ދެ ގައުމުގެ ކުރިއެރުމަށް، ދެ ގައުމުގައި ހުރި ފުރުސަތުތައް ބޭނުންކުރުމުގެ އިންތިޒާމުތަކެއް ތަރުތީބުކުރެވިފައި އޮތް ތަނެއް ނުފެނެއެވެ. އިހުގައި ދިވެހިންގެ ވިޔަފާރީގެ ބޮޑު ބައިވެރިއެއްގެ ގޮތުގައި ލަންކާ އޮތް ނަމަވެސް، ޒަމާނުުގެ ބަދަލުތަކާއެކު ހިއްކި މަހާއި، ރޯނާއި ބޮލި ލަންކާއަށް ބޭރުކޮށްގެން ދިވެހިން ހޯދަމުންއައި މަންފާ ހޯދުން ހުއްޓިއްޖެއެވެ. ލަންކާގައި އެއް ޒަމާނެއްގައި ގިނަ އަދަދެއްގެ ދިވެހިން އެކި ބޭނުންތަކަށްޓަކައި އެ ގައުމުގައި ދިރިއުޅުނު ނަމަވެސް އީސްޓާ ސަންޑޭ ބޮމަށްފަހު އެ ގައުމުގައި ދިރިއުޅޭ ދިވެހިންގެ އަދަދުވެސް މަދުވެއްޖެއެވެ. 

އިގުތިސާދަށް ބަލާއިރު ލަންކާއަކީވެސް ފަތުރުވެރިކަމަށް ބަރޯސާވާ ގައުމެކެވެ. އެހެންކަމުން އަވައްޓެރި ގުޅުމާއެކުވެސް ރާއްޖެއާއި ލަންކާއަކީ ވާދަވެރި ދެ ގައުމުގެ ގޮތުގައި ސިފަކުރެވެއެވެ. އިގުތިސާދީ ގޮތުން އެއްކަހަލަ ހާލަަތުތަކެއް ތަހައްމަލުކުރާ ދެ ގައުމު ކަމުގައިވީ ނަމަވެސް އެކަންކަމުން އަރައިގަތުމުގައި އެއްބާރުލުންދީގެން އެކުގައި މަސައްކަަތްްކުރުމާމެދު މަޝްވަރާތަކެއްކުރެވި އުސޫލުތަކެއް ތަރުތީބުކުރެވިފައި ނެތެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒާައި ލަންކާގެ ރައީސް ޑިސަނާޔަކެ، ފޮޓޯ: ރައީސް އޮފީސް 

ދެ ގައުމުގެ ގުޅުން އޮނިގަނޑަކަށް ފެތިގެންދިއުން 

ލަންކާއާއި ރާއްޖޭގެ މެދުގައި އޮތް ގުޅުމުގެ ނާރެހަކީ ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮތް "ޕީޕަލް ޓު ޕީޕަލް" ގުޅުމެވެެ. އެ ގުޅުމުގެ ތެރެއިން ދެ ގައުމަށް ލިބެން އޮތް މަންފާ ހާސިލުކުރުމަށްޓަކައި އެ ގުޅުން އޮނިގަނޑެއްގެ ތެރެއަށް ފައްތައި އިންތިޒާމީ ގޮތެއްގަައި ދެ ގައުމުގެ މެދުގައި އެއްބާރުލުންދެވޭނެ ގޮތްތަކެއް ފަހިކުރެވިފައި ނެތެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މި މަހުގެ ތިންވަނަ ދުވަހުން ހަވަނަ ދުވަހަށް ލަންކާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ހާސިލުކުރެވުނު އެންމެ ބޮޑު ކާމިޔާބަކީ ޒަމާންވީ އެކުވެރިކަމުގެ ގުޅުން "ފޯމަލައިޒް"ކުރެވި، އެ ގުޅުމުގެ ތެރެއިން ރައްޔިތުންނަށް މަންފާ ލިބެނެވި ގޮތަށް އޮނިގަނޑުތަކެއް އެކަށައެޅިގެންދިއުމެވެ. 

އެއީ އެމަނިކުފާނާއި ލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަަނާޔެކެއާ ދެމެދުގައި ކުރެއްވި ރަސްމީ މަޝްވަރާތަކަށްފަހު ދެ ގައުމުގެ ސަރުކާރުތަކުގެ މެދުގައި ގާއިމުކުރެވިގެންދިޔަ އެއްބަސްވުންތަކުގެ މައިގަނޑު މަގުސަދެވެ. ސިއްހަތާއި ތައުލީމާއި ސަލާމަތީ ދާއިރާއާއި، ވިޔަފާރިއާއި އިގުތިސާދު ފަދަ މުހިއްމު އެކި ދާއިރާތަކުން އެއްބާރުލުންދިނުމަށް ހަތް އެއްބަސްވުމެއް ގާއިމުކުރެވިފައިވެއެވެ. އެއީ؛ 

1 ފަތުރުވެރިކަމުގެ ސިނާއަތުގައި އިއާދަކުރަނިވި ހަކަތަ ބޭނުންކުރެވޭ މިންވަރު އިތުރުކުރުމަށް ދެ ގައުމު ގުޅިގެން މަސައްކަތް ކުރުމަށް ވެވޭ އެއްބަސްވުން. 

2 އަރްޝީފްކުރުމުގެ ދާއިރާއިން އެއްބާރުލުން ދިނުމުގެ އެއްބަސްވުން.  

3 ޓީޗަރުންނާއި ސުކޫލުތަކުގެ ލީޑަރުން ތަމްރީނުކުރުމާއި ފަންނީ ކުރިއެރުވުމުގެ އެއްްބަސްވުން. 

މި އެއްބަސްވުންތަކުގައި ދިވެހި ރާއްޖެ ތަމްސީލުކުރެއްވީ ހާރިޖީ ވަޒީރު އިރުތިޝާމް އާދަމް އެެވެ. ލަންކާ ތަމްސީލުކުރެއްވީ ލަންކާގެ ހާރިޖީ ވަޒީރު ވިޖިތް ހެރަތު އެވެ. 

4 ކުޅިވަރާއި ޒުވާނުން ތަރައްގީކުރުމުގެ ދާއިރާއިން ދެ ގައުމުގެ ދެމެދުގައި އެކުލަވާލެވުނު އެއްބަސްވުން.

މި އެއްބަސްވުމުގައި ދިވެހި ސަރުކާރު ތަމްސީލުކުރެއްވީ ހާރިޖީ ވަޒީރު އިރުތިޝާމް އާދަމް އެެވެ. ލަންކާ ސަރުކާރުތަމްސީލުކުރެއްވީ ލަންކާގެ މިނިސްޓަރ އޮފް ސްޕޯޓްސް އެންޑް ޔޫތް އެފެއާޒް ސުނިލް ކުމާރަ ގަމަގޭ އެވެ. 

5 ދިފާއީ ދާއިރާއިން ދެ ގައުމުގެ ދެމެދު ގުޅުން ބަދަހިކުރުމަށް ވެވުނު އެއްބަސްވުން.

މި އެއްބަސްވުމުގައި ރާއްޖެ ތަމްސީލުކުރެއްވީ ލަންކާއަށް ރާއްޖެއިިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަސްއޫދު އިމާދެވެ. އަދި ލަންކާ ތަމްސީލުކުރެއްވީ ސެކްރެޓަރީ ޓު ދަ މިނިސްޓްރީ އޮފް ޑިފެންސް އިން ސްރީލަންކާ ސަމްޕަތު ތުޔަކޮންތާ އެވެ.  

6 ދިފާއި ދާއިރާއިން ތައުލީމާއި ތަމްރީނާއި މި ދާއިރާއިން ދިރާސާތައް ކުރުމުގެ އެއްބަސްވުން.  

މި އެއްބަސްވުމުގައި ރާއްޖެ ތަމްސީލުކުރެއްވީ ލަންކާއަށް ރާއްޖެއިިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަސްއޫދު އިމާދެވެ.  އަދި ލަންކާ ސަރުކާރު ތަމްސީލުކުރެއްވީ ވީ ޖެނެރަލް ސަރ ޖޯން ކޮތަލަވެލަ ޑިފެންސް ޔުނިވަރސިޓީގެ ވައިސް ޗާންސެލަރު ދައްމިކަ ކުމާރަ އެވެ. 

7 އިލްމީ ދާއިރާއިން އެއްބާރުލުން ދިނުމުގެ އެއްބަސްވުން.

މި އެއްބަސްވުމުގައި ރާއްޖެ ތަމްސީލުކުރެއްވީ ލަންކާއަށް ރާއްޖެއިިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަސްއޫދު އިމާދެވެ. އަދި ލަންކާ ސަރުކާރު ތަމްސީލުކުރެއްވީ ޔުނިވަރސިޓީ އޮފް ކޮލަމްބޯގެ ވައިސް ޗާންސަލަރ ޕްރޮފެސަރ އިންޑިކާ އެމް. ކަރުނާތިލަކަ އެވެ. 

ރާއްޖެއާއި ލަންކާގެ މެދުގައި ފަހުމުނާމާތަކުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން، ފޮޓޯ: ރައީސް އޮފީސް 

މިއީ ރާއްޖެއަށް އަދި ލަންކާއަށްވެސް ފައިދާވާނެ ގޮތަށް ގާއިމުކުރެވުނު އެއްބަސްވުންތަަކެވެ. އެ އެއްބަސްވުންތަކާއެކު މި ދާއިރާތަކުން ދެ ގައުމަށް ފައިދާވާނެހެން ގުޅުން އިތުރަށް ހަރުދަނާކުރެވޭނެ އިންތިޒާމުތަކެއް ހަމަަޖެހުނީއެވެ. މިއީ ޒަމާންވީ އެކުވެރިކަމުގެ މަންފާ ދެ ގައުމުގެ ރައްޔިތުންނަށް ވާސިލުވާނެ ގޮތަށް ތަރުތީބު މަގުން މަސައްކަތްކުރުމުގެ ފެށުމެވެެ. އިރާދަކުރެއްވިއްޔާ ޖަޒީރާ ދެ ގައުމުގެ މި ގުޅުމުން ގިނަގުނަ ފައިދާ ލިބޭނެއެވެ. 

ވިޔަފާރިއާއި އިންވެސްޓުމެންޓުގެ އައު ވިސްނުމެއް 

ރައީސްގެ ދަތުރުފުޅުގެ ތެރެއިން ކޮޅުނބުގައި ބޭއްވުުނު އެންމެ މުހިއްމު އެއް ހަރަކާތަކީ "މޯލްޑިވްސް-ސްރީލަންކާ ބިޒްނަސް ފޯރަމެ"ވެ. މިއީ ރާއްޖެއާއި ލަންކާގެ ވިޔަފާރިވެރިން އެއްތަނަކަށް ޖަމާވެ ދެ ގައުމުގައި ހުރި އިގުތިސާދީ ފުރުސަަތުތަކާމެދު ވާހަކަދައްކައި މަޝްވަރާކުރުމަށް ހުޅުވުނު ފުރުސަތެކެވެ. ނަމަވެސް އެއަށްވުރެ މުހިއްމީ ވިޔަފާރިއާއި އިންވެސްޓުމެންޓުގެ ދާއިރާއިން ދެ ގައުމުގެ ގުޅުން ބަދަލުވާންވީ މިސްރާބާމެދު ރައީސް ދެއްކެވި ވާހަކަފުޅާއި ހުށަހެޅުއްވި ތަސައްވުރެވެ. 

އެއް ޒަމާނެއްގައި ދިވެހިންގެ އުފެއްދުންތައް އެންމެ ގިނައިން ބޭރުކުރި ގައުމަކީ ލަންކާއެވެ. ނަމަވެސް މިއަދު ލަންކާއާއި ރާއްޖެއާއި ދޭތެރޭގައި ވިޔަފާރީގެ ބޮޑު އިމްބެލެންސްއެއް އެބައޮތެވެ. އެކަން ހައްލުކުރެއްވުމަށް ރައީސް ހުށަހެޅުއްވީ ދިވެހިރާއްޖޭގެ އުފެއްދުންތައް ލަންކާގެ ބާޒާރަށް ގެންދެވޭނެ ގޮތްތަައް ފަހިކުރުމެވެ. މި ދަތުރުފުޅުގެ ތެރެއިން ރާއްޖޭގެ ގައުމީ މަސްކުންފުނި މިފްކޯގެ އަގުއެއްކުރި މަހުގެ އުފެއްދުންތައް ލަންކާއަށް ތައާރަފުކުރެވިފައިވެއެވެ. މިއީ ރައީސް އެ ކުރައްސަވައިލެއްވި އަމާޒަށް ކުރާ ދަތުރުގައި ކުރިއަށް އެޅުނު ފިޔަވަޅެކެވެ. 

ޒަމާނުއްސުރެ ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮތް އެކުވެރި ގުޅުން އައު މަރުހަލާއަކަށް ގެންދިއުމަށް މިހާރުވެސް ލަންކާ ވިޔަފާރިވެރިން ރާއްޖޭގައި އިންވެސްޓުކޮށް ވިޔަފާރިކުރަމުންދާ ފަދައިން ރާއްޖޭގެ ގައުމީ ތަރައްގީގެ އައު ތަސައްވުރުގައި މުހިއްމު ދާއިރާތަކުގައި ފައިސާގެ އިތުރަށް ތަޖުރިބާއާއި ހުނަރު އިންވެސްޓުކޮށްދިނުމަށް ލަންކާގެ ވިޔަފާރިވެރިންގެ އަރިހުން ރައީސް އެދިވަޑައިގަތެވެ. އަދި ދިވެހިރާއްޖޭގެ ވިޔަފާރިތައް ރާއްޖޭގެ އަސްދަނޑިން ބޭރަށް ނުކުމެ ދުނިޔޭގައި އިންވެސްޓުކުރަން ތައްޔާރުވަމުންދާއިރު އެކަމަށް އެންމެ އެކަށޭނެ މަންޒިލަކީ ލަންކާ ކަމުގައި ވިދާޅުވިއެވެ. 

ލަންކާގައި އޮތް ބިޒްނަސް ފޯރަމުގައި ރައީސް ވާހަކަދައްކަވަނީ، ފޮޓޯ: ރައީސް އޮފީސް 

ދެ ގައުމުގެ މެދުގައި ރައުސުލްމާލާއި ތަޖުރިބާއާއި ހުނަރު ފަސޭހައިން ބަދަލުކުރެވޭނެ އިންތިޒާމުތަކެއް ހަމަޖެހުމަކީ މުހިއްމުކަމެއްކަން ފާހަގަކުރެއްވުމާއެކު ރައީސްވަނީ އެއް ބާވަތެއްގެ ގޮންޖެހުންތަކަކާ ކުރިމަތިލަމުންދާ ދެ ގައުމަށްވާތީ ލަންކާއާއި ރާއްޖޭގެ ވިޔަފާރިތަކަށް އެ ދާއިރާތަކުގައި ގުޅިގެން އީޖާދީ އުފެއްދުންތެރި މަސައްކަތްތަކެއް ކުރެވިދާނެކަން ފާހަގަކުރައްވާފައެވެ. 

ރައީސް ކުރައްސަވައިލެއްވި ތަސައްވުރަކީ ޒަމާންވީ އެކުވެރި އަވައްޓެރިކަމުގެ އުލްފަތުގެ މަތީގައި ދެ ގައުމަށްމެ މަންފާވާނެ ވިޔަފާރިއާއި ވުނޭރުކަމުގެ އައު ޒަމާނެއް ފަށައިގަނެވޭނެ ގޮތުގެ ތަސައްވުރެކެވެ. އެ ތަސައްވުރަށް ފަހިވާނެ ގޮތަށް ދެ ގައުމުގެ މެދުގައި އެއްބާރުލުންދިނުމުގެ އިންތިޒާމުތަކެއް ފަހުމުނާމާތަކުގެ ޒަރީއާއިން ގާއިމުކުރެވިއްޖެއެވެ. ގަދީމީ ތާރީހުގެ ތެރެއަށް ދެމިގެންގޮސްފައި އޮތް ރާއްޖެއާއި ލަންކާގެ ގުޅުން، ދެ ގައުމު ހިއްސާކުރާ މުހިއްމު މަސްލަހަތުތައް ހިމާޔަތްކުރުމާއި، ދެ ގައުމުގެ ރައްޔިތުންގެ ބޭނުންތަކާއި އުންމީދުތައް ހާސިލުކުރުމުގައި އެކުގައި ކުރަންޖެހިފައި އޮތް މަސައްކަތްތައް ކުރުމަށް ބޭނުންވާ އޮނިގަނޑުގެ އަސާސްތަައް ރުކުރުވައި ބިނާކުރެވިއްޖެއެވެ. މިއީ މި ގުޅުމުގެ މުޅިން އައު ބާބެއްގެ ފެށުމެވެ. އެކީ އުފައްދާ ތަނަވަސްކަމާއި ތިޔާގިކަމުގައި ދެ ގައުމުންމެ ހިއްސާވާ ޒަމާނަކަށް އަލިވިލިގެންދިޔައީއެވެ. 

ކިޔުންތެރިންގެ ހިޔާލު