ENGLISH
06 މޭ 2026
ސައިބަރ ފްރޯޑް އިންވެސްޓިގޭޝަން ތަމްރީނު ޕްރޮގްރާމެއްގައި ދިވެހި ފުލުހުން ބައިވެރިވެއްޖެ
06 މޭ 2026
|
ސައިބަރ ފްރޯޑް އިންވެސްޓިގޭޝަން ތަމްރީނު ޕްރޮގްރާމުގެ ބައިވެރިން. ފޮޓޯ؛ ފުލުހުން
އެންމެ މަޤްބޫލު
ސައިބަރ ފްރޯޑް އިންވެސްޓިގޭޝަން ތަމްރީނު ޕްރޮގްރާމެއްގައި ދިވެހި ދެ ފުލުހަކު ބައިވެރިވެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
މި ތަމްރީން ޕްރޮގްރާމަކީ އިންޑޮނޭޝިއާގެ ސެމަރަންގްގައި ހުންނަ ޖަކާބާ ސެންޓަރ ފޯ ލޯ އެންފޯސްމަންޓް ކޯޕަރޭޝަނުން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ. އެގޮތުން މި ޕްރޮގަރާމް ކުރިއަށް ގެންގޮސްފައި ވަނީ 2026 އޭޕްރީލް 28 އިން މެއި 1 ގެ ނިޔަލަށެވެ.
ދިވެހި ފުލުހުންގެ ފަރާތުން މި ތަމްރީން ޕްރޮގްރާމުގައި ބައިވެރިވެފައި ވަނީ ސައުތު ޕޮލިސް ސީރިއަސް ކްރައިމް އިންވެސްޓިގޭޝަންގެ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު އިސްމާޢީލާއި، ޑްރަގް ފައިނޭންސިންގ އިންވެސްޓިގޭޝަން ޔުނިޓްގެ ސީނިއަރ ސާޖަންޓް އާމިނަތު ޝިރާންއެވެ.
މި ޕްރޮގްރާމުގެ މައިގަނޑު މަގުސަދަކީ އިންޓަރނެޓް މެދުވެރިކޮށް ހިންގާ އޮޅުވާލުމުގެ މުއާމަލާތްތަކާއި (ސައިބަރ ފްރޯޑް) ބައިނަލްއަގުވާމީ ފެންވަރުގައި ހިންގާ ސްކޭމްތައް ތަހުގީގުކުރުމުގެ ގާބިލުކަން އިތުރުކުރުމެވެ.
މި ޕްރޮގްރާމުގެ ތެރެއިން، ފުލުހުން ކުރާ ތަހުގީގުތައް އިތުރަށް ވަރުގަދަކުރުމަށްޓަކައި އެކި އުކުޅުތައް ވަނީ ދަސްކޮށްދީފައެވެ. އެގޮތުން އިންފޯމަންޓުންގެ އެހީތެރިކަން ފުރިހަމައަށް ހޯދުމާއި، ސްކޭމްތައް ހިންގާ ތަންތަން ބަލައި ފާސްކުރުމުގެ އޮޕަރޭޝަންތައް ރޭވުމާއި، ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް ޑިޖިޓަލް ހެކި ހޯދައި ރައްކާތެރިކުރުމުގެ ހުނަރުތައް ހިމެނެއެވެ. މީގެ އިތުރުން، ތުހުމަތުކުރެވޭ ފަރާތްތަކާ ސުވާލުކޮށް މައުލޫމާތު ހޯދާނެ އުކުޅުތަކާއި، ސައިބަރ ފްރޯޑްގެ ތަހުގީގުތަކުގައި ބޭނުންކުރެވޭ ބައިނަލްއަގުވާމީ ގާނޫނީ ވަސީލަތްތަކާ ގުޅޭގޮތުން ވެސް މި ކޯހުގައި މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.
ފުލުހުންގެ ހިދުމަތުން ދަނީ ޒަމާނީ އުކުޅުތައް ބޭނުންކޮށްގެން ސައިބަރ ކުށްތަކާއި މާލީ މުއާމަލާތްތަކުގައި ހިންގާ އޮޅުވާލުންތަކުން ރައްކާތެރިވުމަށްޓަކައި ބައިނަލްއަގުވާމީ އިދާރާތަކާ ގުޅިގެން މަސައްކަތްތަކެއް ކުރަމުންނެވެ.