ENGLISH
06 މޭ 2026
ވާރުތަވި ދަރަނި އަދާކުރަން 10 ބިލިއަން ހަރަދުވި؛ އަދިވެސް ބަޖެޓު ތަންފީޒުކުރަނީ ބިލިއަންގެ އަރަނީގައި
06 މޭ 2026
|
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒާއި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު، ފޮޓޯ: ރައީސް އޮފީސް
އެންމެ މަޤްބޫލު
މި ސަރުކާރަށް ކުރީ ސަރުކާރުތަކުން ވާރުތަވި ބޮޑު ދަރަނި އަދާކުރުމަށް އޭޕްރީލު މަހުގެ ނިޔަލަށް 10 ބިލިއަން ރުފިޔާއަށްވުރެ ގިނަ ފައިސާ ހަރަދުކުރި ނަމަވެސް ދައުލަތުގެ އާމްދަނީ އިތުރުކުރުމުގެ ސަބަބުން ބަޖެޓު ތަންފީޒުކުރުމުގައި އެއް ބިލިއަން ރުފިޔާއިން އަރަނިވެފައިވާކަން މާލީ ވުޒާރާއިން އާއްމުކުރި ހިސާބުތަކުން ހާމަވެއްޖެއެވެ.
މާލީ ވުޒާރާއިން ހަފުތާއަކު އެއްފަހަރު އާއްމުކުރާ ދައުލަތުގެ އާމްދަނީއާއި ހަރަދުތަކުގެ ހިސާބަށް ބަލާއިރު ލޯނު އަނބުރާ ދެއްކުމަށް ސަރުކާރުން ޖުމްލަ 8.6 ބިލިއަން ރުފިޔާ އޭޕްރީލު މަހުގެ ނިޔަލަށް ހަރަދުކޮށްފައިވެއެވެ. އަދި ކުރީ ސަރުކާރުތަކުން ނަގާފައިވާ ލޯނުތަކުގެ އިންޓަރެސްޓާއި ފައިނޭންސިން ހަރަދުތަކަށް 1.7 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަން އެނގެއެވެ. އެއީ އެކު ޖުމްލަ 10.3 ބިލިއަން ރުފިޔާއެވެ.
ނިމުނު އަހަރުގެ އެ މުއްދަތުގައި ދައުލަތުން ލޯނު އަދާކުރުމަށް ހަރަަދުކުރީ 2.5 ބިލިއަން ރުފިޔާއެވެ. އަދި ލޯނުތަކުގެ އިންޓަރެސްޓު ދެއްކުމަށާއި ފައިނޭންސްކުރުމަށް ޖުމްލަ 1.8 ބިލިއަން ރުފިޔާ ހަރަދުކުރިއެވެ. އެހެންކަމުން ނިމުނު އަހަރުގެ އޭޕްރީލު މަހުގެ ނިޔަލަށް ދަރަނި އަދާކުރުމަށް 4.3 ބިލިއަން ރުފިޔާ ހަރަދުކުރިއެވެ. މި އަހަރުގެ އެ މުއްދަތުގައި ދަރަނި އަދާކުރުމަށް ހަރަދުކުރި އަދަދުވަނީ 136 އިންސައްތަ އިތުރުވެފައެވެ.
ދަރަނި އަދާކުރުމަށް ދައުލަތުން ކުރި ހަރަދުތައް އިތުރުވީ ނަމަަވެސް އޭޕްރީލު މަހުގެ ނިޔަލަށް ބަޖެޓުން ހަރަދުވެފައިވަނީ ލިބުނު އާމްދަނީގެ އިމުގެ ތެރޭގައެވެ. ނަތީޖާއެއްގެ ގޮތުން އާމްދަނީން ހަރަދު ކެނޑުމަށްފަހު 1.03 ބިލިއަން ރުފިޔާ ސަލާމަތްވިއެވެ.
ދަރަނި އަދާކުރުމުގެ ހަރަދުތަކުގެ ބުރަ ބަޖެޓު ތަންފީޒުކުރުމަށް ނުފޯރައި ސަލާމަތްވީ ސަރުކާރުން ދަރަނީގެ ތެރެއިން 500 މިލިއަން ޑޮލަރު ރިޒާވްއާއި ސޮވެރިން ފަންޑުގައި ފާއިތުވި ދެ އަހަރު ދުވަހު ރައްކާކުރި ފައިސާއިން އަދާކުރުމާ ގުޅިގެންނެވެ.
އޭޕްރީލު މަހުގެ ނިޔަލަށް ދައުލަތަށް ލިބުނު އާމްދަނީވަނީ ކުރީ އަހަަރުގެ އެ މުއްދަތާ އަޅާބަލާއިރު އިތުރުވެފައެވެ. ނިމުނު އަހަރުގެ އެ މުއްދަތުގައި ޖުމްލަ އާމްދަނީގެ ގޮތުގައި ލިބުނީ 14.3 ބިލިއަން ރުފިޔާއެވެ. މި އަހަރު އެ އަދަދުވަނީ 15.3 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ.
ނަމަވެސް ކުރީ އަހަރަށްވުރެ މި އަހަރު ހަރަަދުތައް އިތުރުވިއެވެ. ކުރީ އަހަރު ރިކަރަންޓު ހަރަދަށް 11.3 ބިލިއަން ރުފިޔާ ހޭދަވިއިރު މި އަހަރު އެ އަދަދުވަނީ 14.3 ބިލިއަން ރުފިޔާއަށް އަރާފައެވެ. އަދި ކެޕިޓަލް ހަރަދުތަކަށް ނިމުނު އަހަރުގެ އެ މުއްދަތުގައި 1.2 ބިލިއަން ރުފިޔާ ހަރަދުވިއިރު މި އަހަރު އެ އަދަދުވަނީ 1.7 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ. ޖުމްލަކޮށް ނިމުނު އަހަރު އޭޕްރީލުގެ ނިޔަލަަށް ހަރަދުވީ 12.6 ބިލިއަން ރުފިޔާއެވެ. މި އަހަރު އެ އަދަދުވަނީ 14.3 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ. އެހެންކަމުން ޖުމްލަ ހަރަދު ނިމުނު އަހަރަަށްވުރެ 13.0 އިންސައްތަ އިތުރެވެ.
މި މުއްދަތުގެ ހަރަދުތައް އިތުރުވި މައިގަނޑު ސަބަބަކީ ޕޭ ހާމަނައިޒޭޝަން ސިޔާސަތުގެ ދަށުން ސިވިލް ސާވިސްއާއި ޝަރުއީ ދާއިރާގެ މުވައްޒަފުންގެ މުސާރަަތައް ބޮޑުކުރީ ނިމުނު އަހަރުގެ ނޮވެންބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެންކަމަށްވާތީ، އޭޕްރީލު މަހުގެ ނިޔަލަށް ނިމުނު އަހަަރުގެ މުސާރައިގެ ހަރަދުތަކުގެ ތެރޭގައި އެބައި ނުހިމެނޭނެތީއާއި، މި އަހަަރުގެ އެ މުއްދަތުގައި މުސާރަ ދެމުން ގޮސްފައިވާނީ ގެނެވުނު ބަދަލާ އެއްގޮތަށް ކަމުގައިވުމެވެ.