ENGLISH

06 މޭ 2026

Advertisement

ބޮޑުތަކުރުފާނު މަގު ހެދުމުގެ މަޝްރޫޢުގެ ދަށުން 278 މީޓަރުގެ ޝީޓް ޕައިލް މަސައްކަތް ނިންމާލައިފި

05 މޭ 2026

|

ފާތުމަތު އަދާ

ބޮޑުތަކުރުފާނު މަގުގެ މަސައްކަތް އެމްޓީސީސީން ކުރުން. ފޮޓޯ: އެމްޓީސީސީ

މާލޭ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ހެދުމުގެ މަޝްރޫޢުގެ (ފޭސް 1) ގެ ސެގްމަންޓް 2، 3 އަދި 4 ގެ ދަށުން 278 މީޓަރުގެ ޝީޓްޕައިލް ޖަހާ ނިންމާލާފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން އިއްޔެ އެކްސް ގައިކުރި ޕޯސްޓެއްގައި ބުނީ މި ސެގްމަންޓްތަކުގައި މިހާރު ކުރިއަށްދާ މަސައްކަތްތަކުގެ ތެރޭގައި ނަރުދަމާ ނިޒާމު އަޕްގްރޭޑް ކުރުމާއި، ފެނާއި ނަރުދަމާގެ މައި ހޮޅި އެޅުމާއި، ފެން ހިންދާ ކެޗްޕިޓްތަކާއި ވެލްތައް ބެހެއްޓުމުގެ އިތުރުން، އެންކަރ ބްލޮކްތަކާއި ކީވޯލް ޕެނަލްތައް ހަރުކުރުމުގެ މަސައްކަތް ހިމެނޭ ކަމަށެވެ.

ސެގްމަންޓް 5 ގެ ދަށުން މަގުބައްތިތައް މިހާރު ހަރުކޮށް ނިމިފައިވާއިރު، ކީވޯލް ފަރާތު ދުވާރުގެ ބާކީ ހުރި މަސައްކަތްތައް މި ހަފްތާގެ ތެރޭގައި ނިންމާލުމަށް ތާވަލުކުރެވިފައިވާކަމަށް އެމްޓީސީސީން ބުނެފައިވެއެވެ. 

މި މަޝްރޫއުގެ ދަށުން ބޮޑުތަކުރުފާނު މަގު ތާރުއަޅައިގެން އަލުން ހެދުމަށް އެންމެ ފުރަތަމަ ނިންމީ، ޖުމްހޫރީ މައިދާނާ ދިމާލުން މާރުކޭޓާއި ރަސްމީ ފާލަމާ ދެމެދު ފަޅުން ބައެއް ހިއްކައިގެން ހަތަރު ލޭނަށް މަގު ފުޅާކުރުމަށެވެ. މި ސަރަހައްދު ނިންމައި މިދިޔަ ޑިސެމްބަރު މަހު ވަނީ ހުޅުވާލާފައެވެ.

މަޝްރޫއުގެ ދެވަނަ ސެގްމެންޓުގެ ދަށުން، ރަސްމީ ފާލަމުން ފެށިގެން މަސްމާރުކޭޓާ ހަމައަށް މަގު ފުޅާކޮށް ތާރުއެޅުމުގެ މަސައްކަތް ނިންމައި، މިދިޔަ ފެބްރުއަރީ މަހު އާންމުންނަށް ވަނީ ހުޅުވާލާފައެވެ.

އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއު އެއްކޮށް ނިމުމުން، ބޮޑުތަކުރުފާނު މަގު ވެގެންދާނީ ޒަމާނީ ފެންހިންދާ ނިޒާމަކާއެކު ފުޅާކުރެވިފައިވާ، ދުއްވާ އެއްޗެއްސާއި ހިނގާ މީހުންނަށްވެސް އިންތިހާއަށް ލުއިފަސޭހަ އަދި ހިތްގައިމު މަގަކަށެވެ.

ކިޔުންތެރިންގެ ހިޔާލު