ENGLISH

30 އޭޕްރީލު 2026

Advertisement

ހާއްސަ އިންޝުއަރެންސް ސްކީމާއެކު ގައުމު ތަމްސީލުކުރާ އެތުލީޓުންނަށް ބޮޑު ލުޔެއް

29 އޭޕްރީލު 2026

|

ޢަލީ ޝަހީމް

21 ޖުލައި 2024، 'ޕެރިސް 2024 އޮލިމްޕިކްސް' ގައި ދިވެހިރާއްޖޭގެ ދިދަ އުފުލަން ހަމަޖެހިފައިވާ އެތުލީޓުންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވުން. ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގެ ކުޅިވަރުގެ ތާރީޚަށް ބަލާއިރު، އެތުލީޓުންގެ ރައްކާތެރިކަމަށް ލިބެންޖެހޭ ޚިދުމަތްތައް ނުލިބި އޮތުމަކީ ކަންބޮޑުވުން އޮތް ކަމެކެވެ. ޚާއްޞަކޮށް ކުޅިވަރުގެ ކާމިޔާބީއާ ހަމައަށް ދިއުމުގައި، އެތުލީޓުންނަށް ކަށަވަރުވާންޖެހޭ އިޖުތިމާޢީ، ޞިއްޙީ ދުޅަހެޔޮކަމަކީ އެތުލީޓުންގެ ހުށަހެޅުންތަކާއި ބޭނުންތަކާ އެއްވަރަށް އަޅާނުލެވި، ދޫކޮށްލެވިފައި އޮތް ކަމެކެވެ. އޭގެތެރެއިން އެއް ކަމަކީ ކުޅިވަރު އެތުލީޓުންނަށް ފޯރުކޮށްދޭންޖެހޭ އިންޝުއަރެންސްގެ ޚިދުމަތް ނުލިބި އޮތުމެވެ. ޚާއްޞަކޮށް ކުޅިވަރު ކުޅުންތެރިންނަށް ހެލްތު އިންޝުއަރެންސް ނުލިބުމަކީ މިދިޔަ ދިގު މާޒީގައި އެތުލީޓުން ފާޅުކުރަމުން އައި ކަންބޮޑުވުމެކެވެ. ކުޅިވަރު އެތުލީޓުންގެ އެ ކަންބޮޑުވުމުގެ ހައްލު ސަރުކާރުން މިހާރު މިވަނީ ޙަޤީގަތަކަށް ހަދައިދީފައެވެ.  

ކުޅުންތެރިންނަށް ޚާއްޞަ ހެލްތު އިންޝުއަރެންސްގެ ޚިދުމަތް ފޯރުކޮށްދޭން ފެށިކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނުކުރެއްވީ 2026 ވަނަ އަހަރުގެ ފެބްރުވަރީ މަހުގެ 5 ވަނަ ދުވަހުއެވެ. ސަރުކާރުގެ މި ނިންމެވުމާއެކު، ކުޅިވަރު އެތުލީޓުންނަށް އިންޝުރަންސްއަކީ އެމީހުންގެ ކެރިއަރާއި، މާލީ ރައްކާތެރިކަމާއި، އަދި ސިއްޙަތު ހިމާޔަތްކުރުމަށްޓަކައި ލިބޭ ޚިދުމަތަކަށް ވެގެންދިޔައެވެ. ކުޅިވަރުގެ ތެރޭގައި ދިމާވާ އަނިޔާތަކަކީ އެތުލީޓެއްގެ މުޅި ކެރިއަރު ނިމުމަކަށް ގެނުވަފާނެ ކަންކަމަށް ވާތީ، މިފަދަ ހާލަތްތަކުގައި ސަރުކާރުގެ އެހީތެރިކަން ލިބެން ފެށުމަކީ އެތުލީޓުންނަށް ލިބިގެންދިޔަ ބޮޑު ހިތްހަމަޖެހުމެކެވެ. އެތުލީޓުންގެ އަތުގައި ހިފައިގެން ސަރުކާރުން ކުރިމަގަށް ކޮށައިދިން މަގެކެވެ.

ބައިނަލްއަގްވާމީ މައިދާނުގައި ބޮޑެތި ކާމިޔާބީތައް ހޯދާފައިވާ ބައެއް އެތުލީޓުން. ކުޅިވަރު އެތުލީޓުންނަށް މިހާރު ވަނީ ހެލްތު އިންޝުއަރެންސް ތައާރަފްކޮށްފަ. ފޮޓޯ: ރައީސް އޮފީސް

ހެލްތު އިންޝުއަރެންސް، ރާއްޖޭގެ ޤައުމީ 18 ކުޅިވަރު އެސޯސިއޭޝަނެއްގެ 385 ކުޅުންތެރިންނާއި އޮފިޝަލުންނަށް ލިބޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ. ކުޅުންތެރީންނަށް ޚާއްޞަ މި ހެލްތު އިންޝުއަރެންސްގެ ތެރޭގައި، ރާއްޖޭގައި ބާއްވާ މުބާރާތްތަކުގެ އިތުރުން، ރާއްޖެއިން ބޭރުގައި ވާދަކުރާ ބައިނަލްއަޤްވާމީ މުބާރާތްތަކާއި ތަމްރީނުތަކުގައި ލިބޭ އަނިޔާތަކަށް ފަރުވާ ހޯދުމުގައި ވެސް ބޮޑެތި ލުއިތަކެއް ހޯދައިދީ، ދިވެހި އެތުލީޓުންގެ ޞިއްޙީ ރައްކާތެރިކަން ކަށަވަރުކޮށްދޭނެއެވެ.

މި އިންޝުއަރެންސްގެ ދަށުން ރާއްޖޭގައި ބާއްވާ މުބާރާތްތަކާއި، ރާއްޖޭން ބޭރުގައި ބާއްވާ މުބާރާތްތަކުގެ އިތުރުން ތަމްރީން ޕްރޮގްރާމްތަކުގައި ލިބޭ އަނިޔާތަކަށް ބޭސްފަރުވާކުރުމުގެ ޚަރަދު ލިބެއެވެ. ޞިއްޙީ ފަރުވާގެ ތެރޭގައި، ރިހެބިލިޓޭޝަންގެ ފަރުވާ ވެސް ހިމެނެއެވެ. މީގެ އިތުރުން، އަމިއްލަގޮތުން އިންޝުއަރެންސް ބޭނުންވާ ފަރާތްތަކަށް އެލައިޑް އިންޝުއަރެންސްއިން ބާއްވާ ބައެއް ރޭސްތަކުގައި ބައިވެރިވާ މީހުންނަށް ވަގުތީ އެކްސިޑެންޓް ކަވަރޭޖް ވެސް ދެއެވެ. މީގެއިތުރުން އަމިއްލަ ބައެއް އިންޝުއަރެންސް ކުންފުނިތަކުން ކުޅިވަރު ކްލަބްތަކާއި އެސޯސިއޭޝަންތަކަށް ޚާއްޞަ ގްރޫޕް އިންޝުއަރެންސް ޕެކޭޖުތައް ވެސް ވަނީ ހިމަނައިފައެވެ.

ކުޅިވަރު ވަޒީރު އަބްދުﷲ ރާފިއު ޤަބޫލުކުރައްވާގޮތުގައި، ހެލްތު އިންޝުއަރެންސާއެކު ކުޅިވަރު އެތުލީޓުން ކުޅިވަރަށް ލާ ހިތްވަރާއެކު ކޮންފިޑެންސް ލެވެލް އިތުރުވާނެއެވެ. އެއީ ޞިއްޙި ފަރުވާގެ ކަށަވަރުކަން ކުޅިވަރު އެތުލީޓުންނަށް ލިބިގެންދިއުންކަން ވަޒީރު ޤަބޫލުރައްވައެވެ.

ރައީސުލްޖުމްހޫރިއްޔާ ގޯލްޑް ކަޕް ފައިނަލް މެޗު ޝަރަފްވެރިކޮށްދެއްވަނީ: އަށާރަ ކުޅިވަރަކުން 385 ކުޅުންތެރިންނާއި އޮފިޝަލުންނަށް ވަނީ ހެލްތު އިންޝުއަރެންސް ހަމަޖައްސައިދީފައި. ފޮޓޯ: ރައީސް އޮފީސް

މި ޚިދުމަތް ފެށުމަކީ ހަމައެކަނި އެތުލީޓުންނަށް ލިބިގެންދިޔަ ލުޔެއް ނޫނެވެ. މީގެކުރިން އާއިލާތަކުން މިކަމަށް ހޭދަކުރި ވަގުތާއި، މާލީ ބުރައަށް ވެސް މި ނިންމުމުގެ ސަބަބުން ފަސޭހަތަކެއް ވަނީ ލިބިގެންގޮސްފައެވެ. އަދި، މިފަދަ ގެއްލުންތައް މެނޭޖްކުރުމުގައި ކުޅިވަރު އެސޯސިއޭޝަންތަކަށް ވެސް ވަނީ ފަސޭހަވެފައެވެ. އަނިޔާއިން ރަނގަޅުވުމަށް ބޭނުންވާ އެންމެ ރަނގަޅު ފަރުވާ އެތުލީޓަށް ދިނުމާއި، އެކަމުގައި ގޮންޖެހުމެއް ނެތި ފަރުވާ ކުރެވޭނެކަމުގެ ޔަގީންކަން އެސޯސިއޭޝަންތަކަށް ލިބިގެންދިއުމަކީ ވެސް މި ނިޒާމުގެ ތެރެއިން ޖުމްލަކޮށް މުޅި ކުޅިވަރަށް ލިބިގެންދިޔަ ކުރިއެރުމެކެވެ.

ކުޅިވަރު އެތުލީޓުންނަށް ހެލްތު އިންޝުއަރެންސް ހަމަޖައްސައިދިނުމަކީ ސަރުކާރުގެ ކުޅިވަރުގެ ސިޔާސަތުގެ ތެރޭގައި ހިމެނޭ މުހިއްމު ކަމެކެވެ. އެއީ ކުޅިވަރު އާއިލާއިން ސަރުކާރުތަކުގައި މީގެކުރިން ތަކުރާރުކޮށް އެދެމުންދިޔަ، އެހެނަސް ހައްލުވުމުގެ ކޮޅެއްމެދެއް ނުފެނުނު ކަމެކެވެ. ރާއްޖެއަކީ އެތުލީޓުންގެ ހެލްތު އިންޝުއަރެންސް ކަށަވަރުވެފައިވާ ޤައުމަކަށް ވެގެންދިއުމަކީ، ބައިނަލްއަޤްވާމީ މައިދާނުގައި އެތުލީޓުން އެހެން ހަރުފަތަކަށް ދިއުމަށް އެޅިގެންދިޔަ ބާރެކެވެ. މިއީ ކުޅިވަރުގެ ތެރޭގައި އުޅޭ މީހުންނަށް، މާލީގޮތުންނާއި ޞީއްޙީ ގޮތުން މުސްތަޤްބަލުގެ ޔަޤީންކަން ހޯދައިދިނުމަށް ސަރުކާރުން އެޅި ހަރުދަނާ އަދި ދެމެހެއްޓެނިވި ފިޔަވަޅެކެވެ.

ކިޔުންތެރިންގެ ހިޔާލު