ENGLISH
30 އޭޕްރީލު 2026
މަދިރި ކޮންޓްރޯލް ކުރުމަށް، ގްރޭޓަރ މާލެ ސަރަޙައްދުގައި 308 ތަނެއް އިންސްޕެކްޓް ކޮށްފި
29 އޭޕްރީލު 2026
|
މާލެ ސަރަހައްދުގައި ކުރިއަށްގެންދިޔަ އިންސްޕެކްޝަން ހަރަކާތުގެ ތެރެއިން-- ފޮޓޯ: ހުޅުމާލެ ހޮސްޕިޓަލް
އެންމެ މަޤްބޫލު
މަދިރި ކޮންޓްރޯލް ކުރުމާއި މަދިރި އުފެދޭ ތަންތަން ނައްތާލުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން، ގްރޭޓަރ މާލެ ސަރަޙައްދުގައި 308 ތަނެއް އިންސްޕެކްޓް ކޮށްފައިވާ ކަމަށް ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާ އިން ބުނެފި އެވެ.
މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިސްނަގައިގެން ކަމާގުޅުންހުރި ގިނަ މުއައްސަސާތަކެއް ގުޅިގެންނެވެ. އެއީ މާލޭ ސިޓީ ކައުންސިލާއި، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި، މޯލްޑިވިއަން ރެޑް ކްރެސެންޓާއި ހުޅުމާލޭ ހޮސްޕިޓަލް އަދި ވިލިމާލެ ހޮސްޕިޓަލް ހެވެ. މި ފަދަ މަސައްކަތަކީ، މުނިސިޕަލް ހިދުމަތްދޭ ތަންތަނުން، އަމިއްލައަށް އިސްނަގައިގެން ކުރިއަށް ގެންދަންޖެހޭ މަސައްކަތަކެވެ.
މި އިންސްޕެކްޝަން ކުރިއަށް ގެންގޮސްފައިވަނީ މިމަހުގެ އޭޕްރީލް މަހުގެ 19 އިން 23 ގެ ނިޔަލަށެވެ.
ސިއްހަތާއި ބެހޭ ވުޒާރާއިން ބުނީ، މި އިންސްޕެކްޝަންގައި އިމާރާތްކުރަމުންދާ ސައިޓްތަކާއި މީހުން ދިރިއުޅޭ އިމާރާތްތަކުގެ އިތުރުން، ބޭނުންނުކުރާ ހުސްޖާގަތައް ބަލައި ފާސްކޮށްފައިވާ ކަމަށެވެ. މިގޮތުން ޖުމްލަ 308 ތަނެއް އިންސްޕެކްޓް ކުރެވުނު އިރު، މާލެއިން 153 ތަން، ހުޅުމާލެއިން 83 ތަން، ވިލިމާލެއިން 59 ތަން، ގުޅިފަޅުން 12 ތަން، ލަފުށިން 1 ތަން އަދި ގުޅީފަޅުން 1 ތަން ބަލައި ފާސް ކޮށްފައިވެ އެވެ.
މި އިންސްޕެކްޝަންގެ ތެރެއިން މަދިރި އުފެދި އާލާވާނެ ކަމަށް ބެލެވޭ ގިނަ ތަންތަން ބަލައި އެފަދަ ތަންތަން ވަނީ ނައްތާލާފަ އެވެ. މިގޮތުން އެންމެ ގިނައިން މަދިރި އާލާވާކަން ފާހަގަކުރެވުނީ ފެން އަޅާފައި ހުންނަ އެކި ކަހަލަ ތަކެއްޗާއި ފީފާ އާއި ތާނގީގެ އިތުރުން އިމާރާތްކުރުމަށް ބޭނުންކުރާ ސާމާނާއި ޓަޔަރާއި ޕްލާސްޓިކް ފުޅި ފަދަ ތަކެތީގައި ކަމަށް ސިއްހީ ވުޒާރާއިން ބުނެފައިވެ އެވެ.
މި ހަރަކާތުގެ މައިގަނޑު މަގްޞަދަކީ މަދިރީގެ ޒަރީޢާއިން ފެތުރޭ ބަލިތައް މަދުކުރުމަށްޓަކައި މަދިރި އާލާވާ ތަންތަން ދެނެގަނެ އެތަންތަން ނައްތާލުމެވެ. އަދި އާންމުން ދިރިއުޅޭ މާހައުލަކީ ސަލާމަތްތެރި ތަނަކަށް ހެދުމަށް، މުއައްސަސާތަކުން ގުޅިގެން މަސައްކަތް ކުރުމާއި ކުރިއަށް އޮތް ތަނުގައިވެސް، މިފަދަ އިންސްޕެކްޝަންތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަމަށް ވުޒާރާއިން ބުންޏެވެ.
މަދިރި އާލާވާ ތަންތަން ނައްތާލައި، މަދިރީގެ ޒަރިއްޔާއިން ފެތުރޭ ބަލިތައް ކޮންޓްރޯލް ކުރުމަށް ފަރުދީ ގޮތުންނާއި މުޖުތަމައުގެ އެންމެން އެކުގައި ކުރެވޭނެ ކަމެކެވެ. ފެން ހަރުލާފައި ހުންނަ ތަންތަން ނައްތާލައި، ވަށައިގެންވާ މާހައުލު ސާފުތާހިރުކޮށް ބަލަހައްޓައި މަދިރި އާލާވާ ތަންތަން ނައްތާލުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަށް ސިއްހީ ވުޒާރާއިންނާއި އެޗްޕީއޭ އިން އިލްތިމާސް ކޮށްފައިވެ އެވެ.