ENGLISH
27 އޭޕްރީލު 2026
ޗެޓްޖީޕީޓީގެ ސަބަބުން ދަރިވަރުންގެ ކިޔެވުމަށް ކުރާ އަސަރު
27 އޭޕްރީލު 2026
|
އެންމެ މަޤްބޫލު
ޓެކްނޮލޮޖީއަށް އެންމެންވެސް އަހުލުވެރިވެފައިވާ ޒަމާނެއްގައި "ޗެޓްޖީޕީޓީ" އޭ ބުނުމުން އެއީ ކޮންއެއްޗެއްކަން ނޭންގޭ މީހަކު ވަރަށް މަދުވާނެއެވެ. މުުޖުތަމަޢުގެ ހުރިހާ އުމުރުފުރަޔަކުން ވެސް ބޭނުންކުރާ މި އޭއައި (އާރޓިފިޝަލް އިންޓެލިޖެންސް) ގެ ވަސީލަތް ވަނީ ޚާއްސަކޮށް ސްކޫލް ކުދިންގެ މެދުގައި މަގުބޫލުކަމެއް ހޯދާފައެވެ. ޗެޓްޖީޕީޓީގެ ސަބަބުން ދަރިވަރުންނަށް އެތައް ފައިދާއެއް ލިބިގެންދާއިރު، ދަރިވަރުންގެ ކިޔެވުމާއި އުނގެނުމަށް ބޮޑެތި ބަދަލުތަކެއް ދަނީ ގެނުވަމުންނެވެ.
ޗެޓްޖީޕީޓީ އަކީ އަޅުގަނޑުމެންގެ ހިތުގައި އުފެދޭ ސުވާލުތަކާއި މައްސަލަތަކާއި މެދު ވިސްނާ، އެކަމަށް ފަސޭހަ އަދި އަވަސް ހައްލެއް ނުވަތަ ޖަވާބުތަކެއް ދިނުމަށް ސޭން ފްރާންސިސްކޯއިން ތައްޔާރުކޮށްފައިވާ އާޓިފިޝަލް އިންޓެލިޖެންސްގެ ވައްތަރެކެވެ. ދަރިވަރުން ޗެޓްޖީޕީޓީ ބޭނުންކޮށް އުޅެނީ އުނދަގޫ ފިލާވަޅުތައް ފަސޭހައިން ދޭހަކުރުމާ، ފަރިތަނޫން ސުވާލުތަކަށް ޖަވާބުދިނުމާއި ދަސްކޮށްފައިވާ ފިލާވަޅުތަކާއި ގުޅޭ މައުލޫމާތު އިތުރަށް މުއްސަނދިކުރުމަށެވެ. މި އޭއައި ވަސީލަތުގެ ސަބަބުން ދަރިވަރުން ކިޔެވުމަށް ވަނީ ވަރަށް ބޮޑު ލުއިފަސޭހަވެފައެވެ.
ޗެޓްޖީޕީޓީގެ ސަބަބުން ދަރިވަރުންނަށް ލިބޭ މައިގަނޑު އެއް ފައިދާއަކީ ނޭނގޭ ސުވާލުތަކަށް ވަގުތުން ޖަވާބު ލިބިގެންދިޔުމެވެ. ގިނަ ވެބްސައިޓްތަކެއް މެދުވެރިކޮށް ޖަވާބު ހޯދުމަށް ވަގުތުތަކެއް ހޭދަކުރުމުގެ ބަދަލުގައި ޗެޓްޖީޕީޓީއަށް ސުވާލެއް ފޮނުވާލާތާ ސިކުންތުކޮޅެއްގެ ތެރޭގައި އެ ސުވާލަކަށް ފުރިހަމަ ޖަވާބު ލިބިގެންދެއެވެ. ވަގުތަކީ ޚާއްސަކޮށް ކިޔަވާ ކުއްޖަކަށް ވަރަށް މުހިންމު އެއްޗަކަށްވީއިރު، ޗެޓްޖީޕީޓީގެ ޒަރިއްޔާއިން އިމްތިހާނުތަކަށް ތައްޔާރުވުމަށް ސުވާލުތައް ފަރިތަކޮށް، ދަސްކުރަން އުނދަގޫ މާއްދާތައް ދަސްކުރުމަށް ފަސޭހަވެއެވެ.
މި އޭއައި ވަސީލަތުގެ އެހީގައި ދަރިވަރުންގެ ވިސްނުން ވެސް އިތުރަށް ތަރައްޤީވެގެންދެއެވެ. ސައިންސް ފަދަ މައުލޫމާތު ގިނަ މާއްދާއެއް ދަސްކުރުމަކީ ކޮންމެ ކުއްޖަކަށް ފަސޭހަ ކަމަކަށް ނުވެދާނެއެވެ. މި ހާލަތުގައި ނޭނގޭ ފިލާވަޅު ޗެޓްޖީޕީޓީއަށް ފޮނުވާލުމުން އެ ފިލާވަޅު ކުއްޖާއަށް ވަރަށް ފަސޭހައިން ދޭހަވާ ފަދަ ގޮތަކަށް ޖަވާބުތަކެއް ލިބިގެންދެއެވެ. އަދި އެ ފިލާވަޅާއި ގުޅުންހުރި ސުވާލުތަކާއި އެ ފިލާވަޅުގެ ދަށުން އެނގެންޖެހޭ ބައިތައް ވެސް ބުނެދެއެވެ. ނަތީޖާއެއްގެ ގޮތުން ވަކި މާއްދާއެއް އުނގެނުމަށް އުނދަގޫވެފައިވާ ދަރިވަރަކަށް ކުރިމަތިވެދާނެ ގޮންޖެހުންތަކުން ސަލާމަތްކޮށްދެއެވެ.
ޗެޓްޖީޕީޓީގެ ސަބަބުން ދަރިވަރުންނަށް ގިނަ ފައިދާތަކެއް ލިބިގެންދާއިރު ތަޖުރިބާކާރުން ވަނީ މި އޭއައި ވަސީލަތް ބޭނުންކުރުމުގައި ފަރުވާތެރިވުމަށް ވެސް ނަސޭހަތްތެރިވެފައެވެ. ސްކޫލް ކުދިން ޓެކްނޮލޮޖީއާއި އޭއައި ވަސީލަތްތަކަށް މާ ބޮޑަށް ބަރޯސާވުމަކީ ދަރިވަރުންގެ މިނިވަން ވިސްނުމާއި މައްސަލަ ހައްލުކުރުމުގެ ހުނަރު ގެއްލުވާލާ ކަމެއްކަމުގައި މާހިރުން ފާހަގަކޮށްފައިވެއެވެ. ފިލާވަޅެއް ދަސްކުރުމަށް ދަރިވަރުން ހޭދަކުރަންޖެހޭ ވަގުތު ހޭދަނުކުރެވި، ކިޔެވުމަށް ހުންނަންޖެހޭ ޝައުގުވެރިކަން ދަރިވަރުންގެ ގެއްލެން މެދުވެރިވެއެވެ. ސްކޫލުން ދޭ ފިލާވަޅުތައް ޗެޓްޖީޕީޓީގެ އެހީގައި ނިންމުމަށް އާދަވެއްޖެނަމަ އެކަމުން ސަލާމަތްވުމަށް ދަތިތަކެއް ކުރިމަތިވެއެވެ. މާހިރުންގެ ލަފަޔާއި އިރުޝާދަކީ ޗެޓްޖީޕީޓީ އަކީ ފިލާވަޅުތައް އަލުން އުނގެނުމަށް ބޭނުންކުރާ ވަސީލަތެއްގެ ގޮތުގައި ބޭނުންކުރުމުގެ ބަދަލުގައި، ދަސްވެފައިވާ ފިލާވަޅެއްގެ މައުލޫމާތު އިތުރަށް ހަރުދަނާ ކުރުމަށް އެހީތެރިވެދޭ ވަސީލަތެއްގެ ގޮތުގައި ބޭނުންކުރުމެވެ.
ޗެޓްޖީޕީޓީގެ އަނެއް ކަންބޮޑުވުމަކީ އޭގެ ޞައްޙަކަމެވެ. މިއީ ބޭނުންތެރި ވަސީލަތެއް ކަމުގައިވި ނަމަވެސް، އޭގެން އަބަދުވެސް ރަނގަޅު ނުވަތަ ތެދު މައުލޫމާތު ނުލިބިދާނެކަން ހަނދާނުގައި ބަހައްޓަންވާނެއެވެ. މި އޭއައި އެޕްލިކޭޝަން ބޭނުންކުރާއިރު މުހިންމު ހަގީގަތްތައް ދެފަހަރު ޗެކްކޮށް، އިތުބާރުހުރި މަސްދަރެއްގެ ގޮތުގައި ޓެކްސްޓް ފޮތްތަކާއި މުދައްރިސުންގެ އެހީތެރިކަން ބޭނުންކުރުން ކުރިއަށް ގެންދިއުމަށް ތަޖުރިބާކާރުން ދަރިވަރުންނަށް ބާރުއަޅައެވެ.
ޗެޓްޖީޕީޓީ އަކީ މިޒަމާނުގައި ތަޢުލީމީ ދާއިރާގެ މުހިންމު ބަޔަކަށް ވެގެންދާނެއެވެ. މި އޭއަި ވަސީލަތުގެ ބޭނުން ރަނގަޅު ގޮތުގައި ހިފައިފިނަމަ ގިނަ ފައިދާތަކެއް ލިބިގެންދިޔަ ނަމަވެސް، ނުރަނގަޅު ގޮތުގައި ބޭނުންކޮށްފިނަމަ އޭގެ ގެއްލުން ވެސް ލިބިގެންދާނެއެވެ.