ENGLISH
26 އޭޕްރީލު 2026
އުމްރާނީ ވަސީލަތްތަކާއި އިންސާނީ ވަސީލަތްތަަކާއެކު ސިއްހީ ދާއިރާއަށް އިންގިލާބީ ބަދަލެއް
26 އޭޕްރީލު 2026
|
ސިއްހީ ހިދުމަތްތައް ފުޅާކުރުމަށް ބޭނުންވާ އުމްރާނީ ވަސީލަތާއި އިންސާނީ ވަސީލަތްތައް އަންނަނީ ގާއިމުކުރަމުން
އެންމެ މަޤްބޫލު
ރާއްްޖޭގެ ސިއްހީ ހިދުމަތުގެ ދާއިރާއަކީ އަބަދުވެސް ބޮޑެތި ގޮންޖެހުންތަކެއްގެ ތެރޭގައި އޮތް ދާއިރާއެކެވެ. ހާއްސަކޮށް 2018 އިން 2023 އަށް މި ދާއިރާއަށްް އަޅައިލެވިފައިވާ މިންވަރުގެ ކުޑަކަމާއެކު އެ ދާއިރާއިން ތަހައްމަލުކުރަންޖެހިފައި އޮތް ގިލަންވެރިކަމާއި ދަތިތައް އޮތީ ހާހުން އިތުރުވެފައެވެ.
ރާއްޖޭގެ ގިނަ ރަށްރަށުގެ އާބާދީއަށް އަންނަމުންދިޔަ ބަދަލުތަކާ މުނާސަބު އެކަށޭނެ ގޮތެއްގައި އެ ރަށްރަށުގެ ސިއްހީ ހިދުމަތްދޭ މަރުކަޒުތައް ތަރައްގީނުކުރެވެއެވެ. އެތަންތަނުގެ ވަސީލަތްތައް ތަރައްގީކުރުމުގައި އިހުމާލުވުމުގެ އިތުރަށް، ކުރިއްސުރެ ގާއިމުކުރެވިފައި ހުރި ވަސީލަތްތައް މަރާމާތުކޮށް ބެލެހެއްޓުމުގެ ރަނގަޅު ނިޒާމެއް ނެތުމުގެ ސަބަބުން ވަރަށް ގިނަ ތަންތަން ހުރީ ހަލާކުވެފައެވެ.
ސިއްހީ ހިދުމަތް ދިނުމުގައި ހިދުމަތް ފޯރުކޮށްދޭ މަރުކަޒުތަކުގައި ގާއިމުކުރެވިފައިވާ އުމްރާނީ ވަސީލަތްތަކާއި މެޝިނަރީއާއި އިކުއިޕްމެންޓުތަކެކޭ އެއްވަރަށް ނުވަތަ އެއަށްވުރެ ބޮޑަށް ރަނގަޅު ފެންވަރުގެ ހިދުމަތެއް ފޯރުކޮށްދިނުމަށް އިންސަނީ ވަސީލަތްތައް ބޭނުންވެއެވެ. ޑޮކްޓަރުންނާއި ނަރުހުންނާއި އެހެނިހެން ސިއްހީ ހިދުމަތްތެރިންނާ ނުލައި، ސިއްހީ ހިދުމަތް އެކަށީގެންވާ ގޮތެއްގައި ފޯރުކޮށްނުދެވޭނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން، މިދެންނެވި ހުރިހާ މައްސަލަތައް ހައްލުކުރެއްވުމުގެ މަސައްކަތް ފައްޓަވާފައިވެއެވެ. މާލެއަށް ސިއްހީ ހިދުމަތްތައް ހޯދުމުގައި ބަރޯސާވާ މިންވަރު ކުޑަކުރުމަށް އަތޮޅު ތެރެއިން އެކި ގިންތީގެ ސިއްހީ ހިދުމަތްދޭ ތަންތަނުން ލިބޭނެ ހިދުމަތްތައް ކަނޑައަޅުއްވައި އެ ހިދުމަތްތައް އެތަންތަނުން ލިބޭނެކަން ކަށަވަރުކުރެއްވުމަށް އުމްރާނީ ވަސީލަތްތަކާއި، އިންސާނީ ވަސީލަތްތައް ގާއިމުކުރެއްވުމުގެ ބޮޑު މަޝްރޫއެއް ފެއްޓެެވިއެވެ.
މީގެ ކުރީގައި އެއްވެސް ސަރުކާރަކުން ފަށާފައިނުވާ މިންވަރަަށް ސިއްހީ ދާއިރާގެ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ރައީސް ޑރ.މުއިއްޒުގެ ޒައާމަަތުގައި ފެށިގެންގޮސްފައިވެއެވެ. އެގޮތން 2025 ވަނަަ އަހަރުގެ ނިޔަލަށް ޖުމްލަ 170 މަޝްރޫއެއްގެ މަސައްކަތް އެކި ކުންފުނިތަކާ ހަވާލުކުރެވުނެވެ.
އޭގެ ތެރޭގައި 28 އައު ހޮސްޕިޓަލެއް އިމާރާތްކުރުމާއި، 14 އަތޮޅެއްގެ އަތޮޅު ހޮސްޕިޓަލުގެ އިމާރާތްތައް އަޕްގްރޭޑުކޮށް އިތުރަށް ތަރައްގީކުރުމާއި، އެކި ރަށްރަށުގެ ސިއްހީ މަރުކަޒުތަކުގެ އިމާރާތަށް ޖާގަ އިތުރުކުރުމާއި، ބައެއް ރަށްރަށުގައި މުޅި އައު އިމާރާތްތައް އެޅުން ހިމެނެއެވެ.
އޭގެ އިތުރަށް ރާއްޖޭގެ ސަރަހައްދީ ހޮސްޕިޓާތައް ޓާޝަރީ ފެންވަރަށް ތަރައްގީކުރުމުގެ ގޮތުން އެ ހޮސްޕިޓާތަކަށްް ޖާގަ އިތުރުކުރުމާއި، ބައެއް އައު އިމާރާތްތައް އެޅުމާއި، ހޮސްޕިޓާތަކުގައި މުޅިން އަލަށް ގިނަ އައު ހިދުމަތްތަކެއް ތައާރަފުކުރުން ހިމެނެއެވެ. އަދި ބައެއް ހޮސްްޕިޓާތަކުގައި ކުރިން ލިބެމުން އައި ހިދުމަތްތަައް އިތުރަށް ފުޅާކުރުމަށް ބޭނުންވާނެ އިމާރާތްތައް ގާއިމުކުރުމާއި، މިހާރު ހުރި އިމާރާތްތަކަށްް ބޮޑެތި ބަދަލުތަކެއް ގެނައުން ހިމެނެއެވެ.
މި ވަސީލަތްތަކާއެކު 15 އަތޮޅެއްގައި ދަތުގެ ފަރުވާ ގާއިމުކުރެވި، ހުރިހާ ރަށެއްގައި ލެބޯޓަރީ ބެހެއްޓި، ޑައިލަސިސްގެ ހިދުމަތްް އިތުރު ރަށްތަކަށް ފުޅާކުރެވި، އެމްއާރްއައި އަދި އައު ސާޖަރީއާއި ފަރުވާތައް އެ ހިދުމަތްތައް ލިބޭނެކަމަށް ކަނޑައެޅިފައިވާ ގިންތީގެ މަރުކަޒުތަކުގައި އަންނަނީ ގާއިމުކުރެވެމުންނެވެ.
ރާއްޖޭގެ އެކި ސަރަހައްދުގައި ގާއިމުކުރެވިފައިވާ ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓާތަކުގެ އިމާރާތްތައް ބިނާކޮށް، ޖާގަ އިތުރުކޮށް، އައު އިކުއިޕްމެންޓު ބަހައްޓައި، ދެމުންދާ ހިދުމަތްތައް ފުޅާކުރެވޭނެ ގޮތަށް އިންތިޒާމުތައް ތަރުތީބުކުރަމުންދާއިރު، އެ ހިދުމަތް ފޯރުކޮށްދޭނެ ހުނަރުވެރި ސިއްހީ ހިދުމަތްތެރިން އެތަންތަނަށް ބޭނުންވެއެވެ.
ވަރަށް ގިނަ ސިއްހީ މަރުކަޒުތަކުގެ ހިދުމަތް މިހާރު ދެމުންދާ ވަގުތަށްްވުރެ ހިދުމަތް ލިބޭ ވަގުތު އިތުރުނުކުރެވި އޮތީ އެކަށީގެންވާ އަދަދަށް ނަރުހުންނާއި ޑޮކްޓަރުން ނެތިގެންނެވެ. އެހެންކަމުން ރައީސް ޑރ.މުޢިއްޒުގެ ވެރިކަމުގެ ފުރަތަމަ ދެ އަހަރުގެ ތެރޭގައި ސިއްހީ ދާއިރާއަށް ބޭނުންވާ ހިދުމަތްތެރިން ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރެވުނެވެ.
ޑިސެންބަރު 2025 ގެ ނިޔަލަށް 1،700 އަށްވުރެ ގިނަ މުވައްޒަަގުން ސިއްހީ ދާއިރާގެ ވަޒީފާތަކަށް ނެރެވިފައިވެއެވެ. އެއިން 1،000 އެއްހައި މުވައްޒަފުންނަކީ އަތޮޅު ތެރޭގެ ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓާތަކުގައި ހިދުމަތްކުރުމަށް ނެރެވުނު މުވައްޒަފުންނެވެ.
މި މުވައްޒަފުންގެ ތެރޭގައި ނަރުހުންނާއި ޑޮކްޓަރުން ހިމެނެއެވެ. ކުރިން އަތޮޅު ތެރޭގެ ހޮސްޕިޓާތަކުން ނުލިބޭ އެކި ހިދުމަތްތައް ފެށުމަށްޓަކައި އެ ހިދުމަތްތަަކާ ގުޅުންހުރި ދާއިރާތަކުގެ ތަޖުރިބާކާރު ގާބިލު ސިއްހީ މަސައްކަތްތެރިން ހޯދައި ހިދުމަތަށްވަނީ ނެރެވިފައެވެ.
މި މަސައްކަތްތަކުގެ ނަތީޖާއަކަށްވާނީ ރާއްޖޭގެ ކޮންމެ ސަރަަހައްދަކުން އަދި އަތޮޅަކުން އަދި ރަށަކުން ލިބޭނެ ހިދުމަތްތައް ކަނޑައެޅި، އެ ހިދުމަތްތައް ލިބޭނެކަން އިންތިޒާމީ ގޮތެއްގަައި ކަށަވަރުކުރެވުމެވެ. ސިއްހީ ގިނަ ހިދުމަތްތަކެއް ހޯދުމުގައި މާލެއަށް ބަރޯސާވާންޖެހިފައި އޮތް އޮތުން ނިމުމަކަށް އައުމެވެ. ސަަރަހައްދީ ހޮސްޕިޓާތަކުން ޓާޝަރީ ފެންވަރުގެ ހިދުމަތް ލިބޭއިރު، އަތޮޅު ހޮސްޕިޓާތަކާއި ރަށްރަށުގައި އަލަަށް ހުޅުވޭ ހޮސްޕިޓާތަކުން އެއަށްވުރެ އަސާސީ ހިދުމަތްތައް ލިބޭނެއެވެ. އެންމެ އަސާަސީ ހިދުމަތްތައް ސިއްހީ މަރުކަޒުތަކުގައި ގާއިމުކުރެވޭނެއެވެ. އިމާރާތްތައް ބިނާކުރެވި، މެޝިނަރީއާއި އާލާތްތައް ހަމަކުރެވި، ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުމަށް ބޭނުންވާ ހުނަރުވެރި މުވައްޒަފުންނާއި ހިދުމަތްތެރި މަސައްކަތްތެރިން ހަމަކުރެވޭނެއެވެ. ވަށާޖެހޭ ނިޒާމީ ހައްލެއް ސިއްހީ ހިދުމަތުގެ ދާއިރާއިން ހޯދޭނެއެވެ.