ENGLISH
26 އޭޕްރީލު 2026
ކާރިސާތަކުން ރައްކާތެރިވުމަށް ކުރާ މަސައްކަތަށް ޖަޕާނުގެ 66 މިލިއަން ރުފިޔާގެ އެހީއެއް
26 އޭޕްރީލު 2026
|
"ޖަޕާން ގްރާންޓް އެއިޑް ފޯ ދަ އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް (އީ.އެސް.ޑީ.ޕީ)" ޕްރޮޖެކްޓްގެ ދަށުން ކާރިސާތަކުން ރައްކާތެރިވުމަށް ކުރާ މަސައްކަތަށް ހަދިޔާކުރި ތަކެއްޗާ ހަވާލުވުން . ފޮޓޯ؛ އެންޑީއެމްއޭ
އެންމެ މަޤްބޫލު
"ޖަޕާން ގްރާންޓް އެއިޑް ފޯ ދަ އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް (އީ.އެސް.ޑީ.ޕީ)" ޕްރޮޖެކްޓްގެ ދަށުން ކާރިސާތަކުން ރައްކާތެރިވުމަށް 4.3 މިލިއަން އެމެރިކާ ޑޮލަރު (66 މިލިއަން ދިވެހި ރުފިޔާ) ގެ އަގުހުރި ތަކެތި ޖަޕާނު ސަރުކާރުގެ ފަރާތުން ނޭޝަނަލް ޑިޒާސްޓަރ މެނޭޖުމަންޓް އޮތޯރިޓީ(އެންޑީއެމްއޭ) އާ ހަވާލުކޮށްފި އެވެ.
މިކަމަށްޓަކައި ބޭއްވުނު ރަސްމިއްޔާތުގައި ޖަޕާން ސަރުކާރުގެ ފަރާތުން މި ތަކެތި ހަވާލުކޮށްދެއްވީ ޖަޕާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހަރ އެކްސެލެންސީ މިސިޒް އިޝިގާމީ ރޫމީކޯ އެވެ. އެން.ޑީ.އެމް.އޭގެ ފަރާތުން މި ތަކެއްޗާ ހަވާލުވެލެއްވީ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެން.ޑީ.އެމް.އޭ) ގެ ޗީފް އެގްޒެކެޓިވް އަލްފާޟިލް ޙިސާން ޙަސަނެވެ.
އެންޑީއެމްއޭ އިން ބުނީ މިޕްރޮޖެކްޓްގެ ފުރަތަމަ ފިޔަވަހީގެ ދަށުން އަލިފާން ނިއްވާ 40 ޕަންޕާއި 40 ފެންހިންދާ ޕަންޕް އެއާއި ގުޅޭ އާލާތްތައް ހަދިޔާކޮށްފައި ވާކަމަށެވެ.
"ޖަޕާން ގްރާންޓް އެއިޑް ފޯ ދަ އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް (އީ.އެސް.ޑީ.ޕީ)" ޕްރޮޖެކްޓްގެ ދަށުން ހަދިޔާކުރި ތަކެތި. ފޮޓޯ؛ އެންޑީއެމްއޭ
މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެން.ޑީ.އެމް.އޭ) ގެ ޗީފް އެގްޒެކެޓިވް އަލްފާޟިލް ޙިސާން ޙަސަން ވަނީ، ހަވާލުކުރެވުނު އިކުއިޕްމަންޓްތަކުގެ ސަބަބުން ކާރިސާތަކުން އަރައިގަތުމަށް ދިވެހިރާއްޖެއިން ކުރާ މަސައްކަތްތައް ދިގުމުއްދަތަކަށް ހަރުދަނާކުރުމަށް މުހިންމު އެހީތެރިކަމެއް ލިބިގެންދިޔަކަން ފާހަގަކުރައްވާފަ އެވެ. އަދި ކާރިސާގެ ކަންކަން ލާމަރުކަޒީ ނިޒާމެއްގެތެރެއިން ހަރުދަނާކަމާއިއެކު ކުރިއަށްގެންދިޔުމަށް މުޖުތަމަޢުތައް ބާރުވެރިކުރުވުމަށް އެން.ޑީއެމް.އޭއިން ކުރައްވާ މަސައްކަތަށް މި ޕްރޮޖެކްޓްގެ ސަބަބުން އިތުރުކުރިއެރުމެއް ލިބިގެންދާނޭކަން ޗީފް އެގްޒެކެޓިވް ވަނީ ފާހަގަ ކުރައްވާފަ އެވެ. އަދި މީގެއިތުރުން ކާރިސާތަކަށް ތައްޔާރުވެތިބުމަށްޓަކައި ޖަޕާނުގެ ސަރުކާރުން އަބަދުވެސް ވެދެއްވާ އެހީތެރިކަން ފާހަގަކޮށް ޖަޕާން ސަރުކާރަށް ވަނީ ޝުކުރުއަދާކުރައްވާފަ އެވެ.
މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ފާހަގަކުރެއްވި ގޮތުގައި މި މަޝްރޫޢުގެ ސަބަބުން، ކާރިސާތަކަށް އިޖާބަދިނުމަށް ބޭނުންވާ މުހިންމު ވަސީލަތްތައް، އެންމެ ބޮޑަށް ބޭނުންޖެހިފައިވާ ރަށްތަކާއި މުޖުތަމަޢުތަކަށް ލިބިގެންދާނެކަން ކަށަވަރުވެގެންދާނެ އެވެ. އަދި މި ތަކެއްޗަކީ ކާރިސާތަކަށް ރަށްތަކުގެ ވިލުންތެރިކަން ކަށަވަރުކޮށް، މީހުންގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި ކާރިސާތަކުން އަރައިގަތުމުގެ ގާބިލުކަން އިތުރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ފާހަގަކުރައްވައި ރަށްރަށުގެ މުޖުތަމަޢުތައް ބާރުވެރިކުރުވައިގެން، ކުރިމަތިވެދާނެ ނުރައްކާތަކާ ދެކޮޅަށް ކުރާ މަސައްކަތް ވަރުގަދަކޮށް، ޤުދުރަތީގޮތުން ރާއްޖެ އުފެދިފައިވާ ގޮތުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކަށް ތައްޔާރުވެ ތިބުމަށް ކުރެވޭ މުހިންމު މަސައްކަތެއްގެ ގޮތުގައިވެސް ވަނީ ފާހަގަ ކުރައްވާފަ އެވެ. ކާރިސާތަކުން އަރައިގަތުމުގެ ގާބިލުކަމާއި ތައްޔާރީ ހާލަތުގައި ތިބުމުގެ މުހިންމުކަން ޖަޕާނުން ބަލައިގަނެ، ގުދުރަތީ ކާރިސާތަކުގެ ތަޖުރިބާތަކުން ދަސްވި ފިލާވަޅުކަމުގައިވާ ކާރިސާއެއް ކުރިމަތިވުމުގެ މާ ކުރިން، ރޭވުންތެރިކަމާއި އިންވެސްޓްމަންޓްތަކުގެ އިތުރުން ވަރުގަދަ މުއައްސަސާތައް މެދުވެރިކޮށް އެކަމަށް ތައްޔާރުވުމުގެ މުހިންމު ކަމުގެ މައްޗަށްވެސް ސަފީރު އަލިއަޅުއްވާލެއްވި އެވެ.
"ޖަޕާން ގްރާންޓް އެއިޑް ފޯ ދަ އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް (އީ.އެސް.ޑީ.ޕީ)" ޕްރޮޖެކްޓްގެ ދަށުން ހަދިޔާކުރި ތަކެތި. ފޮޓޯ؛ އެންޑީއެމްއޭ
ޖަޕާނަކީ ކާރިސާތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމުގެ ދާއިރާއިން ރާއްޖެއާ އެކު ގާތް ގުޅުމެއް ބާއްވަމުން އަންނަ ގައުމެކެވެ. މިގޮތުން، މިހާރުގެ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެން.ޑީ.އެމް.އޭ) ބިނާކޮށް ތަރައްޤީކުރުމަށްޓަކައި 2015 އަދި 2017 ވަނަ އަހަރު ޖަޕާނުން ވަނީ ބޮޑެތި އެހީތަކެއް ފޯރުކޮށްދެއްވާފަ އެވެ. މީގެ އިތުރުން، 2025 ވަނަ އަހަރު މާލޭގައި ބޭނުންކުރުމަށް ދެ އިމަޖެންސީ ސަޕޯޓް ވެހިކަލް ފޯރުކޮށްދިނުމަށްޓަކައި، ޖަޕާނުގެ "ގްރާންޓް އެސިސްޓަންސް ފޯ ގްރާސް ރޫޓްސް ހިއުމަން ސެކިއުރިޓީ ޕްރޮޖެކްޓްސް" (ޖީ.ޖީ.ޕީ) ގެ ދަށުން 89,900 އެމެރިކާ ޑޮލަރުގެ އެހީއެއް ދިނުމަށް އެ ގައުމުން ވަނީ ނިންމަވާފަ އެވެ.
މި އެހީގެ ސަބަބުން މޫސުމީ ބަދަލުތަކާއި، ގުދުރަތީ ކާރިސާތަކުގެ އިތުރުން އަލިފާނުގެ ހާދިސާތަކުން ލިބޭ ނުރައްކާތަކުން ރައްކާތެރިވުމަށް ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އިތުރު ފުރިހަމަކަމެއް ލިބި، ކާރިސާތަކަށް ވިލުންތެރި، ހަރުދަނާ ގައުމެއްގެ ގޮތުގައި ރާއްޖެ ބިނާކުރުމަށް މަގުފަހިވެގެންދާނެކަމަށް އެންޑީއެމްއޭއިން މައުލޫމާތު ދެއެވެ. އަދި ރަށްރަށުގެ މުޖުތަމަޢުތަކަކީ ކާރިސާތަކަށް ހޭނިފައިވާ ބަޔަކަށް ހެދުމަށާއި، ފެންބޮޑުވުމުގެ ހާދިސާތަކާއި އަލިފާނުގެ ހާދިސާތައް މެނޭޖުކުރުމަށް ކުރާ މަސައްކަތް މިހާރަށްވުރެ ހަރުދަނާކުރުމަށް މި އެހީގެ ސަބަބުން މަގުފަހިވެގެންދާނެކަމަށް ވެސް އެންޑީއެމްއޭއިން ބުނެ އެވެ.