ENGLISH

26 އޭޕްރީލު 2026

Advertisement

ހަގީގީ މާނައިގައި ޑިމޮކްރަސީއަށް އަމަލުކުރަމުންދަނީ ކޮންގްރެސް ޕާޓީއިން: އުސްތާޒް ފަތުހީ

26 އޭޕްރީލު 2026

|

އައިޝަތު ޝާލީން

ޕީއެންސީގެ ސެކެޓްރީ ޖެނެރަލް އަލް އުސްތާޒް މޫސާ ފަތުހީ އާދަމް -- ފޮޓޯ: އެމްއެމް

ހަގީގީ މާނާގައި ޑިމޮކްރަސީއަށް އަމަލުކުރަމުންދާ ހަމައެކަނި ސިޔާސީ ޕާޓީއަކީ ކޮންގްރެސް ޕާޓީކަމަށް ޕީއެންސީގެ ސެކެޓްރީ ޖެނެރަލް އަލް އުސްތާޒް މޫސާ ފަތުހީ އާދަމް ވިދާޅުވެއްޖެއެވެ. 

ފަތުހީ މިފަދައިން ވިދާޅުވީ އެމްއެމްޓީވީގެ 'ބޮޑުޚަބަރު' ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން ވާހަކަދައްކަވަމުންނެވެ.

ހަގީގީ ޑިމޮކްރަސީއަށް އަމަލުކުރާ ޕާޓީއަކީ ޕާޓީގެ ތެރެއިން މެމްބަރުންނަށް ކަންކަން ހުޅުވާލައިގެން އެންމެންގެ ބައިވެރިވުން އޮތްހެން ކަންކަން ކުރާ ޕާޓީއެއްކަން ފާހަގަކުރައްވައި އެސްޖީ ވިދާޅުވީ އެމްޑީޕީއަށް ބަލާލުމުން ފެންނަނީ ޑިމޮކްރަސީގެ ނަމުގައި ޚުދުމުހުތާރުކޮށް ކަންކަން ކުރަމުންދާތަންކަމަށެވެ. 

މިގޮތުން އެމްޑީޕީއަކީ ލީޑަރުންގެ ޕާޓީއެއް ކަމަށް އެ ޕާޓީއިން ބުނަމުންދާއިރު، ދެތިން ލީޑަރުން ބޭނުންވާ ގޮތަށް ކަންތައް ކުރުމަކީ އެ ޕާޓީއިން ގަބޫލުކުރާ ޑިމޮކްރަސީ ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ ބަދަލުގައި ކޮންގްރެސް ޕާޓީ ހިންގަމުންދަނީ ޑިމޮކްރަސީގެ ހަގީގީ އަސާސްތަކުގެ މައްޗަށް ކަމަށާއި، އަދި ޕާޓީގެ ލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުވެސް އެންމެ އިސްކަމެއް ދެއްވާ އެއް ކަމަކީ ޑިމޮކްރަސީގެ އަސާސްތައް ދެމެހެއްޓުންކަމުގައި އެސްޖީ ފާހަގަކުރެއްވިއެވެ. 

މީގެ އިތުރުން ކަންކަން ކުރެވޭނީ އިންތިޚާބުތައް ބާއްވައިގެންކަމަށް އިދިކޮޅުން މީގެ ކުރިން ބުނަމުންދިޔަ ބުނުން ފާހަގަކުރައްވައި ފަތުހީ ވިދާޅުވީ ޕީއެންސީއިން ހުކުރު ދުވަހު އެތެރޭގެ އިންތިޚާބެއް ބާއްވާފައިވާއިރު އިދިކޮޅުގެ ފަރާތުން މިފަދަ ކަމެއްވެސް ފެނިފައިނުވާކަމަށެވެ. އެހެންކަމުން ހަގީގީ މާނާގައި ޑިމޮކްރަސީއަށް އަމަލުކުރަމުންދަނީ ހަމައެކަނި ޕީއެންސީއިން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. 

"މި އިންތިޚާބުގައި ވާދަކުރޭ އެބަ ވާދަވެރިން. އެކަމަކު ޕްރައިމަރީއެއް ނުބާއްވާ. މިއީ ތަފާތަކީ އިނގޭތޯ. އެހެންވީމަ ހަގީގީ މާނާގައި ޑިމޮކްރަސީ ރާއްޖޭގައި އެކްސަސައިޒް ކުރާ ޕޮލިޓިކަލް ޕާޓީއަކީ ކޮންގްރެސް ޕާޓީ." - އެސްޖީ ފަތުހީ ވިދާޅުވިއެވެ. 

މީގެ އިތުރުން އެ ޕާޓީއިން އަބަދުވެސް މަސައްކަތްކުރަމުންދަނީ ޑިމޮކްރަސީގެ އަސާސްތަކުގެ ތެރެއިން ރައްޔިތުން ބޭނުންވާ ބޮޑެތި މައްސަލަތައް ހައްލުކޮށްދިނުމަށްކަމަށް އެސްޖީ ވިދާޅުވިއެވެ. މީގެ ތެރޭގައި އިޒްރޭލުގެ ޕާސްޕޯޓު މަނާކުރުމާއި، ބިދޭސީންގެ މައްސަލަ ހައްލުކުރުން ފާހަގަކުރައްވައި އޭނާ ވިދާޅުވީ މިއީ ކުރީ ސަރުކާރުތަކުންވެސް ކުރަން ބޭނުންވެ އަމަލީ ސިފައެއް އަޅަން ނުކެރުނު މައްސަލަތަކެއް ކަމަށެވެ. އެހެންނަމަވެސް މިކަންކަންވެސް ކުރެއްވީ ޕީއެންސީގެ ސަރުކާރުންކަމަށް ފާހަގަކުރެއްވިއެވެ. 

ކިޔުންތެރިންގެ ހިޔާލު