ENGLISH

26 އޭޕްރީލު 2026

Advertisement

ކަނޑިތީމުގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމަށް ސާވޭކުރަން ފަށައިފި

26 އޭޕްރީލު 2026

|

އާމިނަތު ނުޒްލާ

ކަނޑިތީމުގެ މަގުތައް ޒަމާނީ ފެންވަރަކަށް ހެދުމަށް ސާރވޭ ކުރަނީ-- ފޮޓޯ: އާރުޑީސީ

ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން، ށ. ކަނޑިތީމުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި ކުރަންޖެހޭ ސާރވޭގެ މަސައްކަތްތައް ކުރަމުން އަންނަކަމަށް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ބުނެފި އެވެ.  

ކަނޑިތީމުގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިދިޔަ އަހަރު އޮކްޓޫބަރ މަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެރަށަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. މި މަޝްރޫއުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާއި ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޙަސަން ރަޝީދު އެވެ.   

ކަނޑިތީމުގެ މަގުތައް ޒަމާނީ ފެންވަރަކަށް ހެދުމަށް ސާރވޭ ކުރަނީ-- ފޮޓޯ: އާރުޑީސީ

އާރުޑީސީއާ މި މަޝްރޫޢު ހަވާލުކޮށްފައިވަނީ 730 ދުވަސް ތެރޭ ނިންމާ ގޮތަށް 76,415,076 ރުފިޔާ އަށެވެ.

މި މަޝްރޫއުގެ ދަށުން ކަނޑިތީމުގައި ހަތް މަގު ތަރައްގީ ކުރުމަށް ހަމަޖެހިފައިވެ އެވެ. އެއީ 3.39 ކިލޯ މީޓަރު ދިގު މިނެވެ. މި މަޝްރޫއުގެ ދަށުން މަގުތައް ހެދުމާއި، ގާއެތުރުމާއި، ކާބް އެޅުމުގެ މަސައްކަތް ކުރިއަށްދާނެ އެވެ.

އާރުޑީސީން ބުނީ، މި މަޝްރޫއުގެ ދަށުން މަގުގެ ބިންގަނޑު އެއްވަރުކޮށް ވަރުގަދަކުރުމާއި، ތާރު އެޅުމަށް ބޭނުންވާ ބޭސް ކޯސް ތައްޔާރުކުރުމާއި، ޕޭވްމަންޓް ނުވަތަ ހިނގާ މަގު ހެދުމާއި، މަގުގެ އަރިމަތީގައި ކާބް އެޅުމާއި، ތާރު އެޅުމުގެ އިތުރުން ޒިގްޒިގް ގާ އެތުރުން ހިމެނޭ ކަމަށެވެ.

ކަނޑިތީމަށް ޢިޤްތިޞާދީ ފުރުޞަތުތައް ހިމެނޭހެން، އިސްކަންދޭ ތަރުތީބުން ކަނޑިތީމުގެ ތަރައްޤީއަށް ގިނަ މަސައްކަތްތައް ކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އެރަށަށް ކުރެއްވި ޒިޔާރަތުގައި ވިދާޅުވި އެވެ. އެގޮތުން އެދަތުރުފުޅުގައި ގިނަ މަޝްރޫއުތަކެއް ފެއްޓެވުމުގެ އިތުރުން، ބައެއް މަޝްރޫއުތައް ފައްޓަވާ ދެއްވާނެ ކަމަށް ވިދާޅުވި އެވެ. އެރަށުގައި ފެށި މަޝްރޫއުތަކުގެ ތެރޭގައި އޭޓީމް ހިދުމަތާއި، ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތާއި، ބީއެމްއެލްގެ ބްރާންޗެއް ހެދުމުގެ އިތުރުން ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތް ހިމެނެ އެވެ.

ކިޔުންތެރިންގެ ހިޔާލު