ENGLISH

26 އޭޕްރީލު 2026

Advertisement

ރާއްޖެ އިޝްތިހާރުކުރުމަށް މެލޭޝިއާގައި ރޯޑްޝޯއެއް ބާއްވައިފި

26 އޭޕްރީލު 2026

|

އައިމިނަތު ޝަފާ

މެލޭޝިޔާގެ ވެރިރަށް ކުއާލަލަންޕޫރުގައި ބޭއްވި ރޯޑް ޝޯގެ ތެރެއިން. ފޮޓޯ؛ ވިޒިޓް މޯލްޑިވްސް

ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގައި ހަރަކާތްތެރިވާ ޖަމިއްޔާއެއް ކަމުގައިވާ ނޭޝަނަލް ހޮޓެލްސް އެންޑް ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެން. އެޗް. ޖީ. އޭ. އެމް) ގެ ފަރާތުން އިސްނަގައިގެން ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން މަޓާޓޯ އަދި ދިވެހިރާއްޖޭގެ ހައިކޮމިޝަނުގެ ބައިވެރިވުމާއި އެކު މެލޭޝިޔާގެ ވެރިރަށް ކުއާލަލަންޕޫރުގައި ރޯޑް ޝޯއެއް ބާއްވައިފި އެވެ. 

ކުއަލަލަންޕޫރުގެ ހޮޓެލް ބުކިޓް ބިންގްތަންގައި އިންތިޒާމް ކުރި އެއްދުވަހުގެ މި ރޯޑް ޝޯގެ މަގްސަދަކީ ދިވެހިރާއްޖޭގެ ހޮޓާތަކާއި ގެސްޓްހައުސްތައް މެލޭޝިޔާގެ ފަތުރުވެރިންނަށް އިޝްތިހާރު ކުރުން ކަމަށް ވިޒިޓް މޯލްޑިވްސް އިން މައުލޫމާތު ދެއެވެ. މިގޮތުން މެލޭޝިޔާގެ ގިނަ އަދަދެއްގެ ޓުއަރ އޮޕަރޭޓަރުން މި ރޯޑް ޝޯއަށް ޒިޔާރަތް ކުރިކަން ވިޒިޓް މޯލްޑިވްސް އިން ވަނީ ފާހަގަކޮށްފަ އެވެ.  " އައި އެމް މޯލްޑިވްސް " ގެ ނަމުގައި މެލޭޝިޔާގައި ބޭއްވުނު މި އިވެންޓް އިފްތިތާޚް ކޮށްދެއްވަމުން މެލޭޝިޔާގައި ހުންނަވާ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ ޓްރޭޑް ރެޕްރެސެންޓެޓިވް އަލްފާޞިލް އައްބާސް އާދިލް ރިޒާ، މެލޭޝިޔާއަށް ކަނޑައަޅުއްވާފައިހުންނަވާ ސަފީރު، ޑރ. މަރިޔަމް ޝަބީނާ އަހުމަދު ގެ ފަރާތްޕުޅުން މެސެޖެއް ދެއްވިކަމަށް ވިޒިޓް މޯލްޑިވްސް އިން ވަނީ ބުނެފަ އެވެ. 

މި މެސެޖްގައި، 2025 ވަނަ އަހަރު ހައިކޮމިޝަން އާއި ނޭޝަނަލް ހޮޓެލްސް އެންޑް ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެން. އެޗް. ޖީ. އޭ. އެމް) އައި ދެމެދު ބޭއްވުނު ބައްދަލުވުމުގެ ނަތީޖާ މިހާ އަވަހަށް ހަގީގަތަކަށް ހައްދަވައިދެއްވި ކަމަށްޓަކައި ނޭޝަނަލް ހޮޓެލްސް އެންޑް ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގެ ރައީސް އަލްފާޞިލް އަބްދުﷲ ނަޝީދަށާއި، ނައިބުރައީސް އަލްފާޞިލް އަޙްމަދު ވަހީދަށް އަދި ޖަމިއްޔާގެ އެންމެހާ ހީވާގި މެންބަރުންނަށް ވަރަށް އިޙްލާސްތެރިކަމާއި އެކު ޝުކުރުދެންނެވި އެވެ.

އަދި މެލޭޝިޔާ އަކީ މިއަދު ދިވެހިރާއްޖެއާއި ވައިގެ ގުޅުން އެންމެ ރަގަޅު ގައުމު ކަމަށާއި، މެލޭޝިޔާގައި ދިވެހިރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރަން މިއީ ވަރަށް ރަގަޅު ވަގުތެއްކަމުގައި ސަފީރުގެ މެސެޖްގައި ފާހަގަ ކުރެއްވިކަމަށް ވިޒިޓް މޯލްޑިވްސް އިން ބުނެ އެވެ.

މި އިވެންޓަކީ ދިވެހިރާއްޖޭގެ ގިނަ އަދަދެއްގެ ހޮޓެލް އަދި ގެސްޓް ހައުސް ތަކެއްގެ މަންދޫބުންނާއި އެކު، ދިވެހިރާއްޖޭގެ ޓޫރިޒަމް އިޝްތިހާރު ކުރުމުގެ ގޮތުން މެލޭޝިޔާގައި ބޭއްވޭ މިފަދަ ފުރަތަމަ ހަރަކާތެވެ. ނޭޝަނަލް ހޮޓެލްސް އެންޑް ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެން. އެޗް. ޖީ. އޭ. އެމް) ގެ ފަރާތުން ބުނީ އެ ޖަމިއްޔާގެ މެންބަރުންގެ ފުރިހަމަ ސަޕޯޓް އިވެންޓަށް އޮތް ކަމަށާއި މި އިވެންޓްގެ ސަބަބުން މެލޭޝިޔާގައި ރާއްޖޭގެ ޓޫރިޒަމް ފުޅާވެގެން ދިއުމުގެ ފުރުސަތު ބޮޑުކަމަށެވެ. މި ގޮތުން، ކޮންމެ އަހަރަކުވެސް މެލޭޝިޔާގައި މިރޯޑް ޝޯވް ކުރިޔަށް ގެންދިއުމަށް އެފަރާތުން ޝައުގު ވެރިކަން ފާޅުކޮށްފައިވާކަމަށް ވިޒިޓް މޯލްޑިވްސް އިން މައުލޫމާތު ދެއެވެ.

މި އިވެންޓް ނިންމާލުމުގެ ރަސްމިއްޔާތުގައި މެލޭޝިޔާގައި ދިރިއުޅޭ ދިވެހި ކިޔަވާކުދީންގެ އެސޯސިއޭޝަނުގެ ފަރާތުން ދިވެހި ސަޤާފީ ނެށުމެއް ހުށަހަޅައިދީފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު