ENGLISH
26 އޭޕްރީލު 2026
ޕްރިންސިޕަލުންގެ އެޕްރައިސަލް މައްސަލަ ހައްލުކޮށް ކުރިއެރުންތައް ދަނީ ދެމުން: ސައުދުﷲ
26 އޭޕްރީލު 2026
|
ތައުލީމީ ހިދުމަތްތެރިންގެ ބައްދަލުކުރެއްވުމެއްގެ ތެރެއިން. ފޮޓޯ؛ތައުލީމީ ވުޒާރާ
އެންމެ މަޤްބޫލު
ތަޢުލީމާއި މަތީ ތަޢުލީމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ދަނީ ޕްރިންސިޕަލުންގެ އެޕްރައިސަލް މައްސަލަތައް ހައްލުކޮށް ބޭފުޅުންނަށް ހައްގުވާ ވަޒީފާގެ ކުރިއެރުމާއި މުސާރައިގެ ކުރިއެރުން ދެމުން އަންނަ ކަމަށް ތަޢުލީމާއި މަތީ ތަޢުލީމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާގެ ޗީފް ސުޕްރިންޓެންޑެންޓް އިސްމާއިލް ސައުދުﷲ ވިދާޅުވެއްޖެ އެވެ.
ސައުދު މިފަދައިން ވިދާޅުވީ ޕްރިންސިޕަލުންގެ އެޕްރައިސަލް ނުނިންމައި އެބޭފުޅުންނަށް ހައްގު ކުރިއެރުން ދިނުމަށް ސަރުކާރުން ހުރަސްއަޅަމުންދާކަމަށް ބުނެ އިދިކޮޅު މީޑިއާއެއްގައި ފަތުރަމުން އަންނަ ވާހަކަތަކަށް ރައްދު ދެއްވައި ކުރެއްވި ޕޯސްޓެއްގަ އެވެ.
ސައުދު ވަނީ އިދިކޮޅު މީޑިއާއިން ފަތުރާފައިވާ ހަބަރުތަކަކީ ހަގީގަތް އޮޅޭގޮތަށް ފަތުރާފައިވާ މައުލޫމާތެއް ކަމަށް ވިދާޅުވެފަ އެވެ. އަދި އެ މައުލޫމާތު ސާފުކޮށްދެއްވަމުން ވިދާޅުވީ އެ ހަބަރުގައިވާ ޕްރިންސިޕަލުންގެ އެޕްރައިސަލް އަކީ 2022 އަދި 2023 ވަނަ އަހަރުގެ އެޕްރައިސަލް ކަމަށެވެ.
"އަޅުގަނޑަކީވެސް އެއިރު ޕްރިންސިޕަލްއެއް. މިއަދާއި ހަމަޔަށްވެސް އަޅުގަނޑުގެ ވެސް 2022 އަދި 2023 ވަނަ އަހަރުގެ އެޕްރައިސަލް ފެންނަން އިންނަނީ "އިންކޮލްޕްލީޓް" ސްޓޭޓަސް،". ސައުދު ވިދާޅުވި އެވެ.
ސިވިލް ސާވިސްގެ އާންމު އުސޫލުތަކުގައި ވާގޮތުން ކޮންމެ އަހަރެއްވެސް ނިމުމުން ފެށޭ އާއަހަރުގެ ޖަނަވަރީމަސް ނިމުމުގެ ކުރިން މުވައްޒަފުންގެ ފާއިތުވި އަހަރުގެ އެޕްރައިސަލް ނިންމަން ޖެހެ އެވެ. ނަމަވެސް މި މައްސަލަ މިގޮތުގައި ދިގުލަމުން ދަނިކޮށް މިހާރުގެ ޕާމަނަންޓު ސެކްރެޓަރީ މަގާމާއި ހަވާލުވުމަށްފަހު ވަޒީރު އިސްމާއީލް ޝަފީއު ގެ އިރުޝާދާއި އެހީތެރިކަމާއި އެކު ސިވިލް ސާވިސް ކޮމިޝަނާއި ގުޅިގެން ކުރެވުނު މަސައްކަތުން އިތުރު ވަރަށް ގިނަ ޕްރިންސިޕަލުންގެ އެޕްރައިސަލް މައްސަލަތައް ހައްލުވެ ޕްރޮމޯޝަން ހަމަޖެހިގެން ގޮސްފައިވާކަމަށް ސައުދު ވިދާޅުވި އެވެ.
އަދި މި މަސައްކަތް މިހާރު ވެސް ކުރިއަށްދާކަން ސައުދު ފާހަގަކުރެއްވި އެވެ.