ENGLISH
26 އޭޕްރީލު 2026
ކަނޑުގައި އުޅޭ ޖަނަވާރެއް ސިކުންތެއްގެ ތެރޭގައި ހަންގަނޑުގެ ކުލަ ބަދަލުކުރަނީ ކިހިނެއް؟
26 އޭޕްރީލު 2026
|
އެންމެ މަޤްބޫލު
އެންމެ ސިކުންތެއްގެ ތެރޭގައި ހަންގަނޑުގެ ކުލަ މުޅިން ބަދަލުކުރެވޭ ޖަނަވާރެއް ކަނޑުގައި ދަނީ ދިރިއުޅެމުންނެވެ. މި އާދަޔާ ޚިލާފު ޤާބިލުކަމާމެދު ސައިންސްވެރިން ދިރާސާކޮށް، ޝައުގުވެރިކަން ފާޅުކުރާތާ ގިނަ އަހަރުތަކެއް ވެއްޖެއެވެ. ކުލަ ބަދަލުކުރުމަށް ލިބިފައި މިވާ ސިފައަކީ މި ޖަނަވާރު ކަނޑުގައި ދިރިހުރުމަށް އެހީތެރިވެދިނުމުގައި މުހިންމު ދައުރެއް އަދާކުރާ ކަމެކެވެ. މި ތަފާތު ސިފަ ލިބިފައިވަނީ ބޯވައަށެވެ.
ބޯވައިގެ ހަންގަނޑުގައި ކްރޮމެޓޯފޯސްގެ ނަމުގައިވާ ޚާއްޞަ ސެލްތަކެއް ހުރެއެވެ. މިސެލްތަކުގައި ރަތް، ރީނދޫ އަދި މުށިކުލައިގެ އިތުރުން އެކި ކުލަކުލައިގެ ޕިގްމެންޓްތައް ހިމެނެއެވެ. އަދި ބޯވައެއް ކުލަ ބަދަލުކުރަން ބޭނުންވާ ވަގުތު، މި ސެލްތައް ބޮޑުވެ ނުވަތަ ކުޑަވުމުގެ ސަބަބުން ތަފާތު ކުލަތައް ހަންގަނޑުގައި ފެންނަން ފަށައެވެ.
ބޯވައެއްގެ ހަމުގައިވާ ކްރޮމެޓޯފޯސްގެ ދަށުގައި އަލި ރިފްލެކްޓް ކުރާ ޚާއްސަ ސެލްތަކުގެ އެހެން ފަށަލައެއް ވެސް ހިމެނެއެވެ. މި ފަށަލައިގައިވާ ސެލްތަކުގެ އެހީގައި ނޫ ކުލައާއި ފެހި ކުލަ ފަދަ އިތުރު ކުލަތައް އުފެއްދެއެވެ. ނަތީޖާއެއްގެ ގޮތުން ގިނަ ކުލަތަކާ، ޑިޒައިންތަކާއި ޕެޓާންތަކެއް އުފެއްދުމަށް ބޯވަޔަށް ފުރުސަތު ލިބިގެންދެއެވެ.
ބޯވަޔަކީ ހަމަ ހުރެލާފައި ކުލަ ބަދަލުވާ ޖަނަވާރެއް ނޫނެވެ. މިހެން ވަނީ ވަށައިގެންވާ ސަރަހައްދާއި އެއްގޮތަށް ކުލަ ބަދަލުކުރުމަށް ބޯވައެއްގެ ސިކުނޑިން ހަންގަނޑުގައިވާ ސެލްތަކަށް ފޮނުވާ ޚާއްސަ "ސިގްނަލެއް" ނުވަތަ މެސެޖެއްގެ ސަބަބުންނެވެ. މިސާލަކަށް ބޯވައެއް ގާތަކެއްގެ ކައިރީގައިވާނަމަ، އޭގެ ކުލަ މުށި ނުވަތަ އަޅި ކުލައަށް އެބަ ބަދަލުކޮށްލައެވެ. އަދި މުރަކަތަކެއް ކައިރީގައިވާނަމަ، އެ މުރަކައެއްގައިވާ އަލިގަދަ ކުލަޔަކަށް ވެސް ބަދަލުވެގެންދެއެވެ.
ކުލަ ބަދަލުކުރުމަށް ލިބިފައިމިވާ ޤާބިލުކަމަކީ އެތައް ގޮތަކުން ބޯވަޔަށް އެހީތެރިކަން ފޯރުކޮށްދޭ ސިފައެކެވެ. މި ސިފައިގެ ސަބަބުން ބޯވަޔަށް ވަށައިގެންވާ ސަރަހައްދާއި އެއްގޮތަށް ކުލަ ބަދަލުކޮށްލާ، އެ ސަރަހައްދާއި އެއްވެ، "ކެމޮފްލާޖް" ވުމަށް ފުރުސަތުތަކެއް ލިބިގެންދެއެވެ. އެގަޑިއެއްގައި ވަށައިގެންވާ މާހައުލާއި އެއްގޮތަށް ކުލަ ބަދަލުކުރެވުމުން ބޯވަޔަށް ޝިކާރަކުރާ ޖަނަވާރުތަކަށް ފެނުމުން ދުރުވެ، ސަލާމަތްވުމަށް މަގުފަހިވެގެންދެއެވެ.
ކުލަ ބަދަލުކުރުމުގެ އިތުރުން ހަންގަނޑުގެ އޮމާންކަން ވެސް ބޯވަޔަށް ބަދަލުކުރެވޭކަން ހޯދާ، މި ސިފަތައް އެއް ބޯވަ އަނެއް ބޯވައާއި މުއާމަލާތްކުރާ ވަގުތު ވެސް ބޭނުންކޮށް އުޅޭކަން ސައިންސްވެރިންގެ ދިރާސާތަކުން ހޯދާފައިވެއެވެ. އަދި އެންމެ ގިނައިން މި ސިފަ ބޭނުންކުރާ ވަގުތުތަކަކީ އެހެން ޖަނަވާރެއްގެ ކިބައިން ނުރައްކަލެއް އިހުސާސްވާ ވަގުތުތަކުގައިކަން މާހިރުން ވަނީ ފާހަގަކޮށްފައެވެ.
ބޯވަޔަކީ ކަނޑުގައި ދިރިއުޅޭ ހުރިހާ ޖަނަވާރުތަކާއި އަޅާ ބަލާއިރު، ވަރަށް އާދަޔާ ޚިލާފު ސިފައެއް ލިބިގެންވާ ޖަނަވާރެކެވެ. މި ސިފައަކީ އޭގެ ސިކުނޑިއާއި ގުޅިފައިވާ، ގިނަ މަރުހަލާތަކެއް އެކުލެވިގެންވާ ސިފައެއްވެސްމެއެވެ. ސައިންސްވެރިން ކެނޑިނޭޅި ކުރަމުންދާ ދިރާސާތަކުން ވެސް އެނގިގެންދަނީ އަޅުގަނޑުމެންގެ ވަށައިގެންމިވާ ކަނޑުގައި ދިރިއުޅެމުންދާ ޖަނަވާރުންގެ ކުޅަދާނަކަމެވެ.