ENGLISH
25 އޭޕްރީލު 2026
މީދޫ ކައުންސިލް އިންތިހާބުގެ މައްސަލަ ހައިކޯޓުން ބަލައިގެންފި
25 އޭޕްރީލު 2026
|
ހައިކޯޓް -- ފައިލް ފޮޓޯ
އެންމެ މަޤްބޫލު
ނިމިދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ދ. މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ނެގި ވޯޓުގެ މައްސަލަ ހައިކޯޓަށް ބަލައިގަނެ އަޑުއެހުންތައް ފެށުމަށް ތައްޔާރުވެއްޖެ އެވެ.
ދިވެހިރާއްޖޭގެ ގާނޫނުއަސާސީގެ 172 ވަނަ މާއްދާގެ (ހ) ގެ ދަށުން، އިންތިޚާބަކާ ގުޅޭގޮތުން ނުވަތަ އިންތިޚާބެއްގެ ނަތީޖާއަކާ ގުޅޭގޮތުން ޝަކުވާއެއް އޮތްނަމަ، އެ މައްސަލައެއް ކޯޓަށް ހުށަހެޅުމުގެ ފުރުޞަތު ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ. އިންތިޚާބުތަކާބެހޭ ޢާއްމު ގާނޫނުގެ 64 ވަނަ މާއްދާގެ ދަށުން، އިންތިޚާބީ މައްސަލަތައް ބެލުމުގެ ފުރަތަމަ މަރްޙަލާގެ އިޚްތިޞާޞް ލިބިގެންވަނީ ދިވެހިރާއްޖޭގެ ހައިކޯޓަށެވެ. ހައިކޯޓުން ނިންމާ ނިންމުމެއް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރެވިދާނެކަމަށް ވަނީ ބަޔާންކޮށްފަ އެވެ.
އަދި އިންތިހާބީ މައްސަލައެއް ފާހަގަވެފައިވާނަމަ އެ އިންތިޚާބެއްގެ ރަސްމީ ނަތީޖާ އިޢުލާންކުރާ ތާރީޚުން ފެށިގެން ގިނަވެގެން 14 ދުވަހުގެ ތެރޭގައި އެ މައްސަލައެއް ހުށަހަޅަން ޖެހެ އެވެ.
މި މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި އިލެކްޝަން ކޮމިޝަނުން ފުރަތަމަ އާންމުކުރި ވަގުތީ ނަތީޖާ ދައްކާ ގޮތުން، އެ އިންތިޚާބުގައި ވެރިކަން ކުރާ ޕީއެންސީގެ ކެންޑިޑޭޓް ސުހާ އިބްރާހީމަށް 393 ވޯޓު ލިބުނުއިރު، މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) ކެންޑިޑޭޓް މުޙައްމަދު ޝާހިދަށް ލިބުނީ 392 ވޯޓެވެ.
ނަމަވެސް ލ. ފޮނަދޫގައި ބެހެއްޓި ވޯޓު ފޮށްޓަކަށް، ވޯޓުލުމުގެ ހައްގު ނެތް ފަރާތަކުން ވޯޓުލާފައިވާ މައްސަލައެއް ފާހަގަވެ، އެ ފޮށި އަލުން ގުނައިދިނުމަށް އެމްޑީއޭ، އަދި ޕީއެންސީގެ ކެންޑިޑޭޓުން ވެސް ވަނީ އެދިފަ އެވެ.
އެ މައްސަލައިގައި އީސީގެ ކޮމްޕްލެއިންޓްސް ބިއުރޯގެ މެމްބަރުންގެ އިއްތިފާގުން ވަނީ، މައްސަލަ ޖެހުނު ވޯޓަކީ ސައްހަ ނޫން ވޯޓެއް ކަމަށް ކަނޑައަޅައި، ނަތީޖާއިން އެ ވޯޓު އުނިކުރުމަށް ނިންމާފަ އެވެ. ކޮމިޝަނުން އަލުން ވޯޓު ގުނުމުން އެއް ވޯޓުގެ ތަފާތުން ކައުންސިލްގެ ރައީސްގެ ގޮނޑި ކާމިޔާބުކުރީ އެމްޑީއޭގެ ކެންޑިޑޭޓެވެ.
މީދޫ ވޯޓުގެ ރަސްމީ ނަތީޖާ ދައްކާ ގޮތުން ސުހާއަށް ލިބުނީ 391 ވޯޓެވެ. ޝާހިދަށް 392 ވޯޓު ލިބިފައި ވެއެވެ.
މި މައްސަލަ ހައިކޯޓުގައި ރަޖިސްޓްރީކޮށްފައިވާއިރު މި މައްސަލަ ހުށަހެޅުއްވީ ޕީއެންސީގެ ކެންޑިޑޭޓް ސުހާ އެެވެ.