ENGLISH

25 އޭޕްރީލު 2026

Advertisement

ދެކުނުގެ ކަނެކްޓިވިޓީ: 1800 ފަސިންޖަރުން ހިދުމަތް ހޯދާފައިވޭ

25 އޭޕްރީލު 2026

|

އައިމިނަތު ޝަފާ

މޯލްޑިވިއަންގެ ބޯޓެއް.

"ދެކުނު ކަނެކްޓިވިޓީ" މަޝްރޫޢުގެ ދަށުން މިހާތަނަށް 1800 އަށްވުރެ ގިނަ ފަސިންޖަރުން ހިދުމަތް ހޯދާފައިވާކަމަށް ގައުމީ އެއާލައިން މޯލްޑިވިއަނުން ބުނެފި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ގައުމީ އެއާލައިން މޯލްޑިވިއަންއިން ރާއްޖޭގެ ދެކުނުގެ ހަތަރު އަތޮޅުކަމަށްވާ އައްޑު އަތޮޅާއި، ފުވައްމުލަކާއި ހުވަދޫގެ ދެ ބުރި ވައިގެ ދަތުރުތަކުން ގުޅާލީ ޖަނަވަރީ މަހުގެ ތެރޭގަ އެވެ. 

ދައުލަތުގެ މީޑިއާ އަށް މައުލޫމާތު ދެއްވަމުން ގައުމީ އެއާލައިން މޯލްޑިވިއަނުން ބުނީ މިއަހަރުގެ ފެބްރުވަރީ މަހުގެ ފުރަތަމަ ދުވަހު ފެށި މި ދަތުރުތަކާއެކު މިހާތަނަށް 296 އަކަށްވުރެ ގިނަ ދަތުރުކޮށްފައިވާކަމަށެވެ. އަދި މި ދަތުރުތަކުގައި 1857 ފަސިންޖަރުންވަނީ އުފުލާފަ އެވެ.

ދެކުނުގެ ކަނެކްޓިވިޓީގެ ތެރެއިން ކޮންމެ ހަފްތާއަކު ކުރާ ދަތުރުގެ ތެރެއިން މިހާތަނަށް ފުވައްމުލަކަށް ނުވަ ދަތުރު ކާޑެއްދޫއަށް ހަ ދަތުރު އަދި ކޫއްޑޫއަށްތިން ދަތުރުކޮށްފައިވާކަމަށް މޯލްޑިވިއަނުން ބުނެ އެވެ.

ދެކުނުގެ ހަތަރު އަތޮޅު ވައިގެ ދަތުރުން ގުޅާލުމުގެ ހިދުމަތުގައި ބޭނުންކުރަނީ މޯލްޑިވިއަންގެ ޓްވިން އޮޓާ ބޯޓުތަކެވެ. ޑީ ހެވިލަންޑް ކެނެޑާ DHC-6-300 ޓްވިން އޮޓާއަކީ ކުރު ރަންވޭތަކުން އުދުއްސާލުމާއި ޖެއްސުމުގެ ގާބިލުކަން ލިބިފައިވާ، 15 މީހުންގެ ޖާގައިގެ ބޯޓެކެވެ. 

ދަތުރުތަކުގެ އަގުތައް؛

  • ގަން - ފުވައްމުލައް | ކޮޅަކަށް 500ރ. 
  • ފުވައްމުލައް - ކޫއްޑޫ | ކޮޅަކަށް 650ރ.
  • ފުވައްމުލައް - ކާޑެއްދޫ | ކޮޅަކަށް 650ރ.
  • ގަން - ކާޑެއްދޫ | ކޮޅަކަށް 900ރ.
  • ގަން - ކޫއްޑޫ | ކޮޅަކަށް 900ރ.

މި ހިދުމަތުގެ މައިގަނޑު މަގުސަދަކީ ދެކުނުގެ ރަށްތަކުގެ މެދުގައި ދަތުރުފަތުރު ކުރުމުގައި އާންމުންނަށް ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމެވެ.

މި ހިދުމަތުގެ ސަބަބުން ގއ، ގދ، ފުވައްމުލައް އަދި އައްޑޫއާ ދެމެދުގައި އޮތް ދަތުރުފަތުރުގެ ގުޅުން އިތުރަށް ރަނގަޅުވާނެއެވެ. އަދި އައްޑޫ ގަން، ދެކުނުގެ ދަތުރުފަތުރުގެ މައި މަރުކަޒެއްގެ ގޮތުގައި ތަރައްގީވެ، އެހެން ސަރަހައްދުތަކާ ގުޅުވައިދޭނެއެވެ. އައްޑޫ ގަން، ދެކުނުގެ ދަތުރުފަތުރުގެ މައި މަރުކަޒެއްގެ ގޮތުގައި ތަރައްގީވެ، އެހެން ސަރަހައްދުތަކާ ގުޅުވައިދޭނެއެވެ.

މީގެ އިތުރުން ބަލި މީހުން އުފުލުމާއި ސިއްހީ ބޭނުންތަކަށް ކުރާ ދަތުރުތަކުގައި ކަނޑުދަތުރުފަތުރަށް ބަރޯސާވާން ޖެހޭ މިންވަރު ކުޑަވެ، މޫސުން ގޯސްވުމުގެ ސަބަބުން ދިމާވާ ދަތިތަކަށް ހައްލެއް ލިބޭނެއެވެ. އަދި ގަމަށް ދާ ޓޫރިސްޓުންނަށް ދެކުނުގެ އެހެން ރަށްތަކަށާއި ރިސޯޓުތަކަށް ދަތުރުކުރުން ފަސޭހަވެ، ގެސްޓްހައުސްތަކާއި ލޯކަލް ޓޫރިޒަމަށް ކުރިއެރުން އަންނާނެއެވެ. 

ކިޔުންތެރިންގެ ހިޔާލު