ENGLISH
25 އޭޕްރީލު 2026
ސައިންސްވެރިންގެ ދިރާސާތަކުން ނިދުމުގެ ކުރިން ފޯނު ބޭނުންކުރުމުން ލިބޭ ގެއްލުން
24 އޭޕްރީލު 2026
|
އެންމެ މަޤްބޫލު
ފޯނަކީ މިހާރު ދުވަހުގެ ދިރިއުޅުމުގެ މުހިންމު ބައެކެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި ބަވަނަވަމުންމިދާ ދުނިޔޭގައި ގާތްގަނޑަކަށް 90 އިންސައްތަ މީހުންކީ ނިދުމުގެ ކުރިން ފޯނު ބޭނުންކުރާ މީހުންނެވެ. ނިދުމުގެ ކުރިން މީހުން އާންމުކޮށް ފޯނު ބޭނުންކުރަނީ މުނިފޫހިފިލުވާލުމަށް މީސް މީޑިއާގައިވާ ޕޯސްޓްތައް ސްކްރޯލް ކުރުމަށާ، ވީޑިއޯއެއް ބަލާލުމަށް ނުވަތަ ރައްޓެހިންނާ ވާހަކަދައްކާލުމަށެވެ. މިއީ އަޅުގަނޑުމެންގެ ތެރޭގައި އާންމު ވެފައިވާ އާދައެއް ކަމުގައިވި ނަމަވެސް، ނިދުމުގެ ކުރިން ފޯނު ބޭނުންކުރުމުން އިންސާނާއަށް ބޮޑެތި ގެއްލުންތަކެއް ލިބޭކަން ސައިންސްވެރިންގެ ދިރާސާތަކުން ހާމަވެއްޖެއެވެ.
ސައިންސްވެރިން ބުނާ ގޮތުގައި މިއީ އިންސާނާގެ ސިކުނޑި ނިދުމަށް ތައްޔާރުވާ ގޮތަށް ހުރަސް އެޅިދާނެ ކަމެކެވެ. އެގޮތުން ސްވިޓްޒަލޭންޑް، ޖަރުމަން، އިންޑިއާ އަދި އީރާން ފަދަ ގައުމުތަކުގެ ސައިންސްވެރިން 2024 ވަނަ އަހަރު ކުރިއަށްގެންދިޔަ ދިރާސާއަކުން ފާހަގަވެގެންދިޔައީ، ސްމާޓްފޯނުން ދޫކުރާ "ބްލޫ ލައިޓް" އަކީ އެކަމުގެ ސަބަބުން ހަށިގަނޑުގެ ގުދުރަތީ ނިދުމުގެ ސައިކަލަށް އަސަރު ފޯރުވާ ބާރުގަދަ އައްޔެކަމެވެ.
މި ބްލޫ ލައިޓްގެ ސަބަބުން ސިކުނޑިއަށާއި ހަށިގަނޑަށް ނިދި އިޙްސާސް ކުރުވާ ހޯރމޯންއެއް ކަމަށްވާ މެލަޓޮނިން އުފެއްދުން މަދުކޮށްދެއެވެ. ނަތީޖާއެއްގެ ގޮތުން ނިދި އަންނަން ގިނަ ވަގުތު ނަގާ، "އިންސޮމްނިއާ" ފަދަ ރޭގަނޑުގެ ނިންޖަށް އަސަރުކުރާ ބައްޔަކަށް މަގުފަހިވެގެންދެއެވެ.
ނިދާފައި އޮންނަ ގަޑިޔަކީ ވެސް ހަށިގަނޑުގައި މުހިންމު މަރުހަލާތަކެއް ހިނގަމުންދާ ވަގުތުތަކެކެވެ. އެގޮތުން ސިކުނޑިން ހަނދާންތައް ޕްރޮސެސްކުރުމާ، ސެލްތައް މަރާމާތުކުރުމާއި އައު ދުވަހަކަށް ތައްޔާރުވުމުށް ބޭނުންވާ ހަކަތަ އަލުން ހޯދުމުގެ މަސައްކަތްތައް ކުރެއެވެ. މިފަދަ މަސައްކަތްތަކުގެ އެހީގައި ހަށިގަނޑުގެ ސިއްހީ ނިޒާމް ވަރުގަދަވެ، ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް އެހީތެރިކަން ލިބިގެންދެއެވެ. އެހެންނަމަވެސް ނިދާ ވަގުތު ލަސްވުމުން ނުވަތަ ރޭގަނޑު ނިދަން އުނދަގޫވުމުން މި ޕްރޮސެސްތައް ރަނގަޅަށް މަސައްކަތް ކުރުމަށް ހުރަސްއެޅިގެންދެއެވެ.
މީހާ ފޯނުން ބަލާ ކޮންޓެންޓްތަކުންނާއި މީސްމީޑިޔާގައި ހޭދަކުރާ ވަގުތު ފެންނަ ތަފާތު ޚަބަރުތަކުން ވެސް ނިންޖަށް އަސަރުކުރާކަން ސައިންސްވެރިން ހޯދާފައިވެއެވެ. ފޭސްބުކް، ޓިކްޓޮކް، އިންސްޓަގްރާމް ފަދަ މަންސަތަކުގައި މިވާ ފޯރިގަދަ ވީޑިއޯތަކާއި މެސެޖުތަކާއި ޕޯސްޓްތަކުގެ ސަބަބުން ސިކުނޑީގެ ހަރަކާތްތެރިކަން ދަމަހައްޓާދެއެވެ. އަދި މިކަމުގެ ސަބަބުން ނިދާ ވަގުތު ސިކުނޑިއަށް ބޭނުންވާ ހަމަޖެހުން ލިބުމަށް ދަތިތަކެއް ކުރިމަތިވެގެންދެއެވެ.
ރަނގަޅު ނިދި ނުލިބުމަކީ އެކަމުގެ ސަބަބުން ދިފާއީ ނިޒާމު ބަލިކަށިވެ، ބަލިތަކަށް ހުށަހެޅުމަށް މަގުފަހިވެގެންދާކަމެކެވެ. ފެންނަ ވީޑިއޯއަކުން ނުވަތަ ލިބޭ މެސެޖަކުން ސްޓްރެސް ނުވަތަ ރުޅިގަދަވުމަށް މެދުވެރިވެދާނެއެވެ. ބައެއް ހާލަތްތަކުގައި ކޮންސެންޓްރޭޝަން އާއި ހަނދާން ބަލިވުމަށް ވެސް ދޮރު ހުޅުވިގެންދެއެވެ. އަދި އަނެއްބައި ހާލަތްތަކުގައި ނަފްސާނީ ދުޅަހެޔޮކަމަށް ގެއްލުންތަކެއް ލިބިގެންދެއެވެ. ތަޖުރިބާކާރުން ބުނާ ގޮތުގައި ނިދުމުގައި ދިމާވާ ކުދިކުދި އުދަނގޫތައް ތަކުރާރު ވުމުން ސިއްހަތަށް ކުރާ ނޭދެވޭ އަސަރު ވަރަށް ބޮޑެވެ.
ސައިންސްވެރިން ބުނާ ގޮތުގައި ނިދުމުގެ ކުރިން ފޯނު ބޭނުންކުރާ މިންވަރު މަދުކުރުމަކީ ނިދުމުގެ ފެންވަރު ރަނގަޅުވެގެންދާނެ ކަމެކެވެ. އެގޮތުން ނިދުމުގެ ގާތްގަނޑަކަށް 30-60 މިނެޓް ކުރިން ސްކްރީންތަކުން ދުރުހެލިވުމާ، އަލިކަން ދަށްކުރުމާއި، ނިދުމުގެ ކުރިން ފޮތެއް ކިޔާލުން ފަދަ ސިކުނޑިއަށް ހިތްހަމަޖެހުން ލިބިގެންދާނެ ކަމެއް ކުރުމަކީ ގިނަ ގެއްލުންތަކަކުން އަޅުގަނޑުމެން ސަލާމަތްކޮށްދޭނެ ކަމަކެވެ.
ނިދުމުގެ ކުރިން ފޯނު ބޭނުންކުރުމަކީ މުޖުތަމަޢު ތެރޭގައި ކިތަންމެ އާންމު ވެފައިވާ އާދައެއް ކަމުގައިވި ނަމަވެސް، މި އާދައަށް ގެންނަ ކުޑަ ބަދަލަކުން ވެސް އަޅުގަނޑުމެންގެ ޖުމްލަ ސިއްހަތަށް ވަރަށް ބޮޑު ތަފާތެއް ގެނެސްދޭނެއެވެ.