ENGLISH

24 އޭޕްރީލު 2026

Advertisement

ފަތުރުވެރިންގެ ވިސާގެ މުއްދަތު އިތުރުކުރުމުގެ މަރުހަލާ ލުއިފަސޭހަކޮށްދީފި

24 އޭޕްރީލު 2026

|

އައިމިނަތު ޝަފާ

ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންތަކެއް.

މޯލްޑިވްސް އިމިގްރޭޝަނުން ފޯރުކޮށްދޭ ޑިޖިޓަލް ޚިދުމަތްތައް ހަރުދަނާކޮށް، ރާއްޖެއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ލުއިފަސޭހަ ތަޖުރިބާއެއް ހޯދައިދިނުމަށްޓަކައި، "މޯލްޑިވްސް 2.0" އިނީޝިއޭޓިވްގެ ދަށުން ފަތުރުވެރިންގެ ވިސާ މުއްދަތު އިތުރުކުރުމުގެ އުސޫލުތައް އިތުރަށް ހަރުދަނާކޮށްފި އެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ބުނީ މި އައު އުސޫލަށް އިއްޔެއިން ފެށިގެން އަމަލުކުރަމުން އަންނަ ކަމަށެވެ.  އައު އުސޫލުގެ ދަށުން، އިމިގްރޭޝަންގެ ސިސްޓަމްގައި ކުރިން ހިމެނިފައިވާ މައުލޫމާތުތައް ވިސާ އަށް އެދޭއިރު އަލުން ފުރާކަށް ނުޖެހޭނެކަމަށާއި ޕާސްޕޯޓުގެ މައުލޫމާތާއި، ފަތުރުވެރިޔާ ހުންނަ ތަނުގެ ރެކޯޑުތައް ފަދަ މުހިންމު ތަފްސީލުތައް ސިސްޓަމުން އަމިއްލައަށް ފުރިގެންދާނެތީ، ވިސާ އަށް އެދުމުގެ މަރުހަލާ މިހާރު ކުރިއަށްވުރެ އަވަސްވެފައި ފަސޭހަވާނެކަމަށް އިމިގްރޭޝަނުން މައުލޫމާތު ދެއެވެ. 

ވިސާގެ މުއްދަތު އިތުރުކުރަން ބޭނުންވާ ފަތުރުވެރިންނަށް "އިމުގާ" ޕޯޓަލް މެދުވެރިކޮށް އެ ޚިދުމަތަށް އެދި ހުށަހެޅޭނެ އެވެ. ޕާސްޕޯޓު ނަންބަރު ޖެހުމުން ނުވަތަ ޕާސްޕޯޓުގެ ބަޔޯޑޭޓާ ސަފުހާ އަޕްލޯޑު ކުރުމުން، އެ ފަރާތެއްގެ މައުލޫމާތުތައް ސިސްޓަމުން ހޯދައިދޭނެ އެވެ. މީގެ އިތުރުން، ފާއިތުވި 12 މަސްދުވަހުގެ ތެރޭގައި ނަގާފައިވާ ޕާސްޕޯޓު ސައިޒުގެ ފޮޓޯއެއް ހުށަހަޅަން ޖެހޭނެކަމަށް ވެސް އިމިގްރޭޝަނުން ވަނީ ބުނެފަ އެވެ. 

އިމިގްރޭޝަނުން ބުނީ ޕާސްޕޯޓުގެ ބަޔޯޑޭޓާ ސަފުހާ ހުށަހަޅަން ޖެހޭނީ ހަމައެކަނި ޚާއްޞަ ހާލަތްތަކުގައި ކަމަށެވެ. އެއީ ޕާސްޕޯޓު އައުކޮށްފައިވާ ނަމަ ނުވަތަ ސިސްޓަމުގައި ހުރި މައުލޫމާތާ މިހާރުގެ މައުލޫމާތު ދިމާނުވާ ހާލަތްތަކުގަ އެވެ. އަދި ރާއްޖޭގައި ހުންނަ ހޮޓާ ނުވަތަ ގެސްޓްހައުސް ބަދަލުކޮށްފައިވާ ނަމަ، އެ މައުލޫމާތު އެޕްލިކޭޝަން މެދުވެރިކޮށް އަމިއްލައަށް އަދާހަމަ ކުރެވޭނެކަމަށް ވެސް ވަނީ ބުނެފަ އެވެ. 

ރައްޔިތުންނަށް އަވަސް ހިދުމަތެއް ފޯރުކޮށްދިނުމަށް އިމިގްރޭޝަނުން ކުރާ މަސައްކަތުގެ ތެރެއިން ވިސާގެ ކަންކަން ނިންމުމަށް ހޭދަވާ ވަގުތު މިހާރު ވަނީ ވަރަށް ބޮޑަށް ކުޑަކޮށްފަ އެވެ.  އެގޮތުން ވިސާ މުއްދަތު އިތުރުކުރުމުގެ ޚިދުމަތް 48 ގަޑިއިރުގެ ތެރޭގައި ލިބިގެންދާނެ އެވެ. 

އިމިގްރޭޝަނުން ބުނީ މި ބަދަލަކީ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ދައުލަތުގެ ޚިދުމަތްތައް ހަރުދަނާކޮށް، ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ސަރުކާރުން ދެއްވާ އިސްކަން ހާމަކޮށްދޭ މުހިންމު ފިޔަވަޅެއް ކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު