ENGLISH
24 އޭޕްރީލު 2026
ޓެކްސީ ނަފާ ލޯނުތައް ދެއްކުމުގައި ކަންބޮޑުވުންތަކެއް، އަވަސް ފިޔަވަޅު އަޅަން އަންގަވައިފި
24 އޭޕްރީލު 2026
|
އިގުތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު ސައީދު
އެންމެ މަޤްބޫލު
ޓެކްސީ ނަފާ ލޯނު ސްކީމްގެ ދަށުން ލިބިފައިވާ ކާރުތައް ރަޖިސްޓްރީ ނުވެ ހުއްޓައި ލޯނު އަނބުރާ ދެއްކުމަށް ލޯނު ދޫކުރި ފަރާތްތަކުން ތަކުރާރުކޮށް ބާރު ފޯރުވަމުންދާކަމަށް ބުނެ ސޯޝަލް މީޑިއާގައި ކުރި ޝަކުވާއަކާ ގުޅިގެން އެކަން ހައްލު ކުރުމުގެ މަސައްކަތް އިގުތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާ އިން ފަށައިފި އެވެ.
ސޯޝަލް މީޑިއާގައި އިގުތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ޓެގް ކުރައްވައި މީހަކު ވަނީ ޓެކްސީ ނަފާ ލޯނު ސްކީމްގެ ދަށުން ލިބިފައިވާ ކާރުތައް ރަޖިސްޓްރީ ނުވެ ހުއްޓައި ލޯނު އަނބުރާ ދެއްކުމަށް ލޯނު ދޫކުރި ފަރާތްތަކުން ތަކުރާރުކޮށް ބާރު ފޯރުވަމުންދާ ދިއުމާ ގުޅިގެން އެކަން ވަޒީރުގެ ސަމާލުކަމަށް ކަމަށް ގެނެސް މައްސަލައަށް ހައްލެއް ހޯދުމަށް އެދިފަ އެވެ. އަދި މި ކަންކަމާ ގުޅޭ ގޮތުން ވަޒީރާ ބައްދަލުކޮށް، ސީދާ ވާހަކަ ދެއްކުމުގެ ފުރުޞަތެއްހޯދުމަށް ވެސް އޭނާ ވަނީ އެދިފަ އެވެ.
"ޓެކްސީ ނަފާ ލޯނު ސްކީމަކީ ދިވެހި ރައްޔިތުންނަށް ޚާއްޞަކޮށް ގުރޭޓަރ މާލޭަގައި ދިރިއުޅޭ ރައްޔިތުންނަށް ޓެކްސީ ވިޔަފާރި ފަށައިގަތުމަށް ދޭ ލޯނެއްގެގޮތުގައި ތަޢާރަފްކުރެވިގެން ދިޔަ ސްކީމެކެވެ. ނަމަވެސް، ލޯނު ސްކީމްގެ ދަށުން ލިބިފައިވާ ކާރުތައް ރަޖިސްޓްރީ ކުރުމުގެ އަމަލީ މަސައްކަތް ލަސްވެ، ބައެއް ކާރުތައް ރަޖިސްޓްރީ ނުވެ ހުއްޓައި ލޯނުދެއްކުމަށް ލޯނު ދޫކުރި ފަރާތްތަކުން ތަކުރާރުކޮށް އެދެމުންދާކަމީ، ލޯނު ނެގި ފަރާތްތަކަށް ވަރަށް ބޮޑު ތަކްލީފަކާ ކަންބޮޑުވުންތަކެއް ކުރިމަތިވެފައިވާ ކަމެކެވެ،". މައްސަލަ ފެންމަތިކުރި އާދަމް ސަލީމް ވިދާޅުވެފައި ވެއެވެ.
ކާރު ރަޖިސްޓްރީ ނުވެ ހުއްޓައި ޓެކްސީ ދުއްވުމުގެ ހުއްދަ ލިބޭނެ ގޮތެއް ނެތްކަމަށް އާދަމް ސަލީމް ވިދާޅުވި އެވެ.
"ނަތީޖާއެއްގެގޮތުން، ލޯނު ނެގި ފަރާތްތަކަށް ވިޔަފާރިން ލިބެންޖެހޭ ނަފާ ލިބޭނެ ގޮތެއް ނެތި، ލޯނު ދެއްކުމަށް ބާރު ފޯރުވަމުން ދިއުމަކީ ހަމަޔާ ޢަދުލުވެރިކަމާ ޚިލާފު ކަމެއް ކަމަށް ދެކެމެވެ. ރަޖިސްޓްރޭޝަން ލަސްވަނީ ސަރުކާރުގެ ކަމާ ބެހޭ ދާއިރާތަކުން ކުރަންޖެހޭ ކަންކަން ފުރިހަމަ ނުވެ ލަސްވާތީ ކަމަށްވާހިނދު، ލޯނު ނެގި ފަރާތްތަކަށް ލޯނު ދެއްކުމަށް ލާޒިމްކުރުމަކީ ޢަދާލަތްތެރި ކަމެއް ނޫންކަން ވަކިންބޮޑަށް ފާހަގަ ކޮށްލަން ބޭނުންވެއެވެ،". އާދަމް ސަލީމް ވިދާޅުވެފައި ވެއެވެ.
ވުމާއެކު ލޯނު ނެގި ފަރާތްތަކަށް ލުއިފަސޭހަ ހައްލެއް ހޯދައިދިނުމަށް ވަޒީރާއި ސަރުކާރަށް އާދަމް ސަލީމްގެ ސިޓީގައި ވަނީ ގޮވާލާފަ އެވެ. ސިޓީގައި ގޮވާލާފައިވާ ކަންކަމަކީ:
01 ލޯނު ދޫކުރި ފަރާތްތަކާ ގުޅިގެން، ކާރު ރަޖިސްޓަރ ވަންދެން ލޯނު ދެއްކުން ފަސްކޮށްދިނުމަށް(މޮރެޓޯރިއަމް) ހަމަޖެހިގެންދިއުން.
02 ކާރުތައް ރަޖިސްޓްރީ ކުރުމުގެ ކަންކަން އަވަސްކޮށްދިނުމަށް ޓްރާންސްޕޯޓް މިނިސްޓްރީ އިންކަމާ ބެހޭ ފަރާތްތަކާ ގުޅިގެން ފިޔަވަޅު އެޅުއްވުން.
03 ރަޖިސްޓްރޭޝަން ލަސްވަނީ ލޯނު ނެގި ފަރާތްތަކުގެ އިހުމާލުން ނޫންކަން ކަށަވަރު ކުރެވި، ލޯނުދެއްކުމުގެ ޒިންމާ ލޯނު ނެގި ފަރާތްތަކުގެ ބޮލުގައި ނޭޅޭ ގޮތަށް ކަންކަން ތަރުތީބު ކޮށްދެއްވުން.
04 ލޯނު ސްކީމްގެ ދަށުން ކާރު ލިބިފައިވާ ހުރިހާ ފަރާތްތަކަށް ވެސް ހަމަހަމަ ޢަދާލަތްތެރި ހައްލެއްލިބިދިނުމަށް ވަޒީރުގެ ފެންވަރުގައި ގޮތެއް ނިންމަވައިދެއްވުން.
އާދަމް ސަލީމް ވަނީ ކަމާ ބެހޭ ފަރާތްތަކާ މަޝްވަރާ ކުރެއްވުމަށްފަހު، ލޯނު ނެގިފަރާތްތަކަށް ލުއިފަސޭހަ ހައްލެއް ހޯދައިދިނުމަށް އެދިވަޑައިގެންފަ އެވެ.
ސިޓީ އާންމުވުމާއެކު ސިޓީއަށް ވަޒީރު މުހައްމަދު ސައީދު ވަނީ ޖަވާބު ދެއްވާފަ އެވެ. ވަޒީރު ވިދާޅުވީ އެ ސިޓީގައި ފާހަގަކުރައްވާފައިވާ ކަންކަން އިންސާފުވެރިކަމާއެކުގައި ބަލައި، ކުރިއަށް ދެވޭނެ އެންމެ އަވަސް މަގުތަކަކާއި ޙައްލުތަކެއް ހޯދަން މަސައްކަތްކޮށްދިނުމަކީ އެމަނިކުފާނުގެ އެންމެ އިސް އެއް ވާޖިބު ކަމުގައި ދެކޭ ކަމަށެވެ. އަދި އެ ސިޓީގައި ފާހަގަކުރައްވާފައިވާ އެންމެހާ ކަންކަން ބަލައި ދިނުމަށް އެދި ޓްރާންސްޕޯޓްގެ ކަންކަން ބެލެހެއްޓެވުމަށް މަސްއޫލުވެ ތިއްބެވި ބޭފުޅުންނަށް މިހާރު ވާނީ ދަންނަވައިފަައިކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
ވަޒީރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ އަމާޒަކީ ރައްޔިތުންނާ ވީހައިވެސް ގާތުން ޚިދުމަތްދީ، އަދި ރައްޔިތުން އެދޭ މިފަދަ ކަންކަމުގައި އަވަސް ޙައްލު ހޯދައި ދިނުމަށް މަސައްކަތްކުރުން ކަމުގަ އެވެ. ރައްޔިތުންގެ އަޑު އަބަދުވެސް އަހައިގެން، ރައްޔިތުން ހުށަހަޅާ ކަންކަން ޤާނޫނާއި ޤަވާޢިދުތަކުގެ ތެރެއިން ފަހިކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަރަށް ބޮޑު އެދިވަޑައިގަތުމެއްކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފަ އެވެ.