ENGLISH

24 އޭޕްރީލު 2026

Advertisement

ޙަޤީޤީ ތާހިރުކަމަކީ ހިތުގެ ތާހިރުކަމާ ނުލައި ފުރިހަމަވާނޭ ކަމެއްނޫން: ހުކުރު ޚުޠުބާ

24 އޭޕްރީލު 2026

|

މުޙައްމަދު އަދުހަމް

ޙަޤީޤީ ތާހިރުކަމަކީ ހިތުގެ ތާހިރުކަމާ ނުލައި ފުރިހަމަވާނޭ ކަމެއްނޫން ކަމުގައި މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.

"ސާފުޠާހިރުކަމާއި ޒީނަތްތެރިކަން" މި މަޢުޟޫއަށް މުޅި ރާއްޖޭގައި ދިން ޚުޠުބާގައި ބުނީ، ޝިރުކާއި، ޙަސަދައާއި، ޝައްކުތަކުން ހިތް ސާފުނުކޮށް، ހަމައެކަނި ބޭރުފުށް ރީތިކުރުމަކީ، ގަނޑުވަރެއްގެ ބޭރު ޒީނަތްތެރިކޮށްފައި އޭގެ އެތެރެ ގޮނޑަކަށް ހެދުން ފަދަ ކަމެއް ކަމަށެވެ.

އިސްލާމްދީނަކީ ސާފުތާހިރުކަމުގެ ދީން ކަމަށާއި، އެހެނިހެން ދީންތަކާއި، ޙަޟާރަތްތަކުގައި، އިންސާނާގެ ރީތިކަން ޢާންމު ގޮތެއްގައި މިންކުރަނީ ހަމައެކަނި ބޭރުފުށުގެ ޒީނަތަށް ކަމަށްވީނަމަވެސް، އިސްލާމްދީން ބަލަނީ އެތެރެފުށާއި ބޭރުފުށުގެ ތާހިރުކަމާއި ޒީނަތްތެރިކަމަށް ކަމުގައި ޚުޠުބާގައި ބުންޏެވެ.

ޚުޠުބާގައި ބުނީ، މާތް الله އިންސާނާ އުފައްދަވައިފައިވަނީ ފިޠުރަތުގެ ސާފުކަންމަތީގައި ކަމަށާއި، މި ސާފުކަން ދެމެހެއްޓުމަށް ޓަކައި، މާތް ނަބިއްޔާ صلى الله عليه وسلم ވަނީ "ފިޠުރަތުގެ ސުންނަތްތައް" އަހަރެމެންނަށް އުނގަންނައިދެއްވައިފައިވާ ކަމަށެވެ. 

"މިއަދުގެ ޒަމާނީ ވަސީލަތްތަކާއެކު، ސާފުތާހިރުވުމުގެ ނަމުގައި ބައެއް ފަހަރު ދީނީ އިންތަކުން ބޭރުވާތަން އެބަފެނެއެވެ. އޭގެ ތެރެއިން އެންމެ ނުރައްކާތެރި އެއްކަމަކީ، ސެލޫންތަކަށް ގޮސް "ވެކްސް" ކުރުމަށް ނުވަތަ "ލޭޒާ ޓުރީޓްމެންޓު" ހެދުމަށް ޓަކައި، ތިމާއަށް ހުއްދަ ނޫން މީހުންގެ ކުރިމަތީގައި ޢައުރަ ކަޝްފުކުރުމެވެ. މިއީ ދީނީ ގޮތުން ހުއްދަކަމެއް ނޫނެވެ. ޞިއްޙީ ފަރުވާއެއް ފަދަ ޟަރޫރީ ޙާލަތެއްގައި މެނުވީ މިކަން ހުއްދައެއް ނުވާނެއެވެ. ރީތިކަމާއި ސާފުތާހިރުކަން ހޯދާންވާނީ ޙަރާމް މަގުތަކުން އެއްކިބާވެ ތިބެގެންނެވެ." ޚުޠުބާގައި ބުންޏެވެ.

ޚުޠުބާގައި ބުނީ، މިސްކިތްތަކަކީ މަލާއިކަތުން ޙާޟިރުވާ ތަންތަން ކަމަށެވެ. އާދަމުގެ ދަރިޔާއަށް އުނދަގޫވާ ކޮންމެ ކަމަކުން މަލާއިކަތުންނަށް ވެސް އުނދަގޫފުޅުވާ ކަމަށާއި އެހެންކަމުން ތިމާގެ ހަށިގަނޑާއި ފޭރާމުން ދުވާ ވަހަށް ސަމާލުވުމަށް ޚުޠުބާގައި ބުންޏެވެ.

"ދުންފަތުގެ އިސްތިއުމާލުކޮށްގެން، ނުވަތަ ގައިން ދާވަސް ދުވާ ޙާލުގައި ނުވަތަ އަނގައިން ނުބައިވަސް ދުވާ ޙާލުގައި، މިސްކިތުގެ ޖަމާޢަތަށާއި މީސްތަކުން އެއްވެ ތިބޭ ތަންތަނަށްދާ އިރު އެ ވަސްތައް ކަނޑުވައިގެން މެނުވީ އެ ފަދަ ތަންތަނަށް ނުދާށެވެ! އެއީ އެހެން މީހުންނަށް ކުރެވޭ އުނދަގުލެކެވެ!" ޚުޠުބާގައި ބުންޏެވެ.

އިސްލާމްދީނަކީ ރީތިކަމަށް ލޯބިކުރާ، އަދި ޒީނަތްތެރިވުމަށް ހިތްވަރުދޭ ދީން ކަމަށާއި، ތިބާ ލައިއުޅޭ ފޭރާމާއި، ދިރިއުޅޭ ގެދޮރާއި، ތިބާގެ ބޭރުފުށް ސާފު ތާހިރުކޮށް ބެހެއްޓުމާއެކު، މާތްﷲ އެންގެވިގޮތަށް ޢަމަލުތައް ބެހެއްޓުމަކީ، އެތެރެފުށުގެ ސާފުތާހިރުކަން ކަމަށް ޚުޠުބާގައި ބުންޏެވެ.

"މިއަދުގެ މުޖުތަމަޢުން ފެންނަ ހިތާމަވެރި ބައެއް މަންޒަރުތަކަށް ބަލައިލާ އިރު، ބައެއް ފަހަރު ނޭނގުމުގެ ތެރެއިން ނަމަވެސް، ހެދުން އެޅުމުގައި ބޮޑެތި ކުށްތަކަށް އަރައިގަނެވެއެވެ. ބުރުގާ އެޅުމުގެ އަޞްލު މަޤުޞަދަކީ ޢައުރަ ނިވައިކުރުމެވެ. ޢިއްފަތްތެރިވެ އަބުރުވެރި ވުމެވެ. ނަމަވެސް ބުރުގާ އަޅައިގެން ތިބޭ އިރު، ކަންފަތުގައިލާ މުދި ނުވަތަ ކަރުގައި އަޅާ ފަށް ފެންނަގޮތަށް ބުރުގާ އެޅުމާއި، ބޮލުގައި ފޮތިކޮޅެއް އޮޅައިލައިގެން ކަނދުރާ ފެންނަގޮތަށް ހެދުން އެޅުމަކީ ޙިޖާބުގެ މަޤުޞަދު ގެއްލޭ ކަމެކެވެ. އަދި ހަށިގަނޑުގެ ވަނާތައް އެނގޭ ގޮތަށް ގަޔަށްބާރު ހެދުން ލައި، ހިލޭ ފިރިހެނުންގެ ލޮލުގައި އަޅައިގަންނަ ފަދަ ގޮތްގޮތަށް ޒީނަތްތެރިވުމަކީ އިހުގެ ޖާހިލީ ޒަމާނުގެ އާދައެކެވެ." ޚުޠުބާގައި ބުންޏެވެ.

ހަމައެފަދައިން ފިރިހެނުން ވެސް ކުޅިވަރުގެ މައިދާނުގައި ވިޔަސް، އަދި އެހެން ތަނެއްގައި ވިޔަސް ތިބާގެ ޢައުރަ ހާމަނުކުރުމަށާއި، ޢައުރަ ނިވައިނުވާވަރުގެ ފޭރާން ލައިގެން އުޅުމަކީ މުސްލިމުންގެ ކަމެއް ނޫން ކަން ޚުޠުބާގައި ހަނދާންކޮށްދީފައިވެއެވެ. ނަމާދުގައި ރުކޫޢުކޮށް ސަޖިދަކުރާއިރު ޢައުރަ ކަޝްފުވާފަދަ ހެދުން އެޅުމަކީ ނަމާދު ބާޠިލުވާނޭކަމެއް ކަމަށް ވެސް ޚުޠުބާގައި ބުންޏެވެ.

ޒީނަތްތެރިވުމުގެ ނަމުގައި، މާތް ﷲ އުފެއްދެވި ސިފަ ބަދަލުކުރުމަކީ ޝައިޠާނާގެ މަޅިތަކުގެ ތެރެއިން މަޅިއެއް ކަމަށާއި، މިގޮތުން ޓެޓޫ ޖެހުމާއި ބުމަ ހެދުން ނުވަތަ ބުމައިގެ އިސްތަށި އުފުރައި، ބުމަ ތުނިކުރުމާއި ހަށިގަނޑުގެ ސިފަ ބަދަލުކުރުން ފަދަ ކަންކަން ކުރުމަކީ ﷲގެ ލަޢުނަތް ހުރި ކަންކަން ކަމަށް ޚުޠުބާގައި ބުންޏެވެ.

ޚުޠުބާ ނިންމާލަމުން ވަނީ، ދެމަފިރީން އެކަކު އަނެކަކަށް ޒީނަތްތެރިވުމަކީ ލޯބި އިތުރުވެ، ހިލޭ މީހުންނަށް ބެލުމުން ލޯތައް ރައްކާތެރިކޮށްދީ ޢިއްފަތްތެރިކޮށްދޭނޭ ކަމެއް ކަން ހަނދާންކޮށްދީފައެވެ. އެންމެ ރީތި ހެދުން ލާންވީ ހަފުލާތަކަށް ދާކަށެއް ނޫން ކަމަށާއި، އެންމެ މީރުވަސްދުވާ ސެންޓާއި އަތަރު ބޭނުންކުރާންވީ ގެއިން ބޭރަށް ނުކުންނާކަށެއް ނޫން ކަމަށް ޚުޠުބާގައި ބުންޏެވެ. އެ ކަން ކުރާންވީ ތިބާގެ އަމިއްލަ ގޭގައި ޙަލާލު ބައިވެރިޔާގެ ކުރިމަތީގައި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު