ENGLISH
24 އޭޕްރީލު 2026
"އަހަރެމެންގެ ދަރި މަރާލަން ދޭންވީ، އެމީހުންގެ ދަރި އަހަރެމެންވީ ބަލާ ބޮޑުކުރަން"
24 އޭޕްރީލު 2026
|
ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެމަބަރު ޢަބްދުލް ލަތީފް މުޙައްމަދު އެމްއެމްޓީވީ "ބޮޑު ޚަބަރު" ޕްރޮގްރާމުގައި. --ފޮޓޯ:އެމްއެމް
އެންމެ މަޤްބޫލު
ސަރުކާރު ހިންގާ ޕީއެންސީން ވެރިކަން ހިންގަންވީ އެމްޑީޕީން ބުނާ ގޮތަކަށްކަމަށާއި ނަމަވެސް އެމްޑީޕީގެ ވެރިކަމެއްގައި އެ ޕާޓީން ވެރިކަން ހިންގަންވީ ހިތުހުރި ގޮތަކަށްކަމަށް ވިދާޅުވެ އެމްޑީޕީން ސަރުކާރަށް ހުށަހެޅި 12 ޑިމާންޑަށް އިޖާބަދޭން ނުޖެހޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު ވިދާޅުވެއްޖެ އެވެ.
ސަރުކާރުން މިހާރުން މިހާރަށް ކަންކަން އިސްލާހު ކުރަންޖެހޭކަމަށް ބުނެ އިދިކޮޅު އެމްޑީޕީގެ ގައުމީ ހިންގާ ކޮމިޓީން ވަނީ ސަރުކާރަށް 12 ޑިމާންޑެއް ހުށަހަޅާފަ އެވެ. އަދި އެ ޑިމާންޑުތައް ފުއްދުމަށް ގޮވާލާ މާލޭގައި ސިލްސިލާ އިހުތިޖާޖުތަކެއް ކުރިއަށްދާއިރު ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ މުޒާހަރާތައް ހުއްޓާލާނީ އެ 12 ޑިމާންޑަށް ސަރުކާރުން އިޖާބަދިނުމުން ކަމަށް ބުނެފަ އެވެ.
"އެމްއެމްޓީވީ"ގެ "ބޮޑު ޚަބަރު" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން މެމްބަރު ލަތީފް ވަނީ ކަންކަން ރަނގަޅުކުރަން އެމްޑީޕީއަށް ފުރުސަތު ލިބުނުކަމަށާއި އެއިރު އެކަން ނުކޮށް މި ސަރުކާރުގައި އެ ވާހަކަ ދެއްކުމަކީ ބަލައިގަނެވޭ ކަމެއް ނޫންކަމަށެވެ.
"އަޅުގަނޑުމެންވީ އަޅުގަނޑުމެންގެ ދަރި މަރާލާފައި އެމީހުންގެ ދަރި ބަލާ ބޮޑުކުރަން. އަހަރެމެންގެ ދަރި މަރާލަން ދޭންވީ، އެމީހުންގެ ދަރި އަހަރެމެންވީ ބަލާ ބޮޑުކުރަން. މިއީ ކޮން ހަަމައެއް. އަޅުގަނޑުމެންގެ ސަރުކާރު ހިންގަންވީ އެމީހުން ބުނާގޮތަކަށް. އެމީހުންނަށް ސަރުކާރު ސަރުކާރު ލިބުނީމަ ނުވޭ އަޑު އަހައިގެންވެސް. މިއީ ކޮން ހަމައެއް،". މެމްބަރު ވިދާޅުވި އެވެ.
ކުރީ ސަރުކާރުގައި ހިންގަމުންދިޔަ ކޮރަޕްޝަނާއި ވައްކަމުގެ ވާހަކަ ދައްކައި އެކަންކަން އެމަގުން ނުކުރަން ތަކުރާރުކޮށް ޕީއެންސީން އޭރު ގޮވި އިރު ވެސް އިޖާބަދީފައި ނުވާކަމަށް ވިދާޅުވި އެވެ.
"ޑިމާންޑުތައް ނުފުއްދައިފިނަމަ މުޒާހަރާ ކުރާނަމޭ. ހަޑިހުތުރު ބަސްތައް ބޭނުންކުރާނަމޭ. ދިވެހިންނަށް އުނދަގޫކުރާނަމޭ މަގުތައް ހަލަބޮލި ކުރާނަމޭ ބުންޏަސް ރައީސް މުއިއްޒު ނުޖެހޭނެ އެ ކަމަށް އިޖާބަދޭކަށް. ރައީސް މުއިއްޒަށް ވެސް ވެރިކަން ކުރައްވަން އެނގިވަޑައިގަންނަވާނެ،". މެމްބަރު ވިދާޅުވި އެވެ.
އެމްޑީޕީގެ މި ޑިމާންޑުތަކަށް އިޖާބަދޭން ނުޖެހޭކަމަށް މެމްބަރު ވަނީ ތަކުރާރުކޮށް ވިދާޅުވެފަ އެވެ.
އެމްޑީޕީން ހުށަހަޅާ 12 ޑިމާންޑް:
1 މުސްތަގިއްލު މުއައްސަސާތަކުގެ ރައީސުން އައްޔަންކުރުމުގެ ބާރު ރައްޔިތުންގެ މަޖިލިހަށް އަލުން ދޫކޮށްލުން.
2 ބިޑަކާ ނުލައި މަޝްރޫއުތައް ހަވާލުކުރެވޭ ގޮތަށް ރާވާފައިވާ ކަންކަން އިސްލާހުކުރުން.
3 ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން ވޯޓު ދެއްވާ ގޮތަކުން ނުވަތަ ސިޔާސީ ޕާޓީއެއްގެ ކޮމިޓީއަކުން އަޅާ ފިޔަވަޅަކުން މެމްބަރުކަން ގެއްލޭ ގޮތަށް ގާނޫނަށް ގެނެސްފައިވާ ބަދަލު ބާތިލްކުރުން.
4 ލޯކަލް ކައުންސިލްތައް މާލީ ބާރުވެރިކަން ލިބޭ ގޮތަށް ގާނޫނުތައް އަލުން އިސްލާހުކުރުން.
5 ސަރުކާރުގެ ތެރޭގައި ހިނގާ ކޮރަޕްޝަންގެ ތަހުގީގުތައް އަވަސްކުރުން.
6 ސަރުކާރުގެ ސިޔާސީ މަގާމުގެ އަދަދު ހާމަކުރުން. އޭގެ ތެރޭގައި މިދިޔަ ހަ މަސް ދުވަހު ސަރުކާރުގެ ކުންފުނިތަކަށް އައްޔަންކުރި މީހުންގެ އަދަދާއި ޕްރޮމޯޝަންގެ އަދަދާއި އެ މީހުންގެ ތަފުސީލް ހާމަކުރުން.
7 މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ކުރިމަތިވެފައިވާ ދަތި ދަނޑިވަޅާ ދިމާކޮށް މަސްވެރިންނަށް ތެލުގެ ސަބްސިޑީ ދިނުން.
8 ޖޭއެސްސީ އިސްލާހުކޮށް، ޝަރުއީ ދާއިރާގެ މިނިވަންކަން ކަށަވަރުކުރުން.
9 އެންޓި ކޮރަޕްޝަން ކޮމިޝަނާއި އިލެކްޝަންސް ކޮމިޝަން ފަދަ ތަންތަނުގެ ރައީސުންގެ މަގާމުގައި ތިއްބެވި ބޭފުޅުން މަގާމުން ވަކިކޮށް، ގާބިލް ބޭފުޅުން އެ މަގާމުތައް އިސްކުރުން.
10ދައުލަތުގެ ހަރަދު ކުޑަކޮށް، އިގުތިސާދީ ހާއްސަ ހާލަތާ ގުޅޭ އިސްލާހުތައް ހާމަކުރުން.
11 ގާނޫނުއަސާސީ އިސްލާހު ކުރާއިރު ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމިއްޔާތަކުގެ ބައިވެރިން ހިމެނޭ ގޮތަށް ހާއްސަ ކޮމިޓީއެއް އެކުލަވާލައި، އެ ކޮމިޓީގެ މަޝްވަރާގެ މަތިން ނޫނީ ގާނޫނުއަސާސީ އިސްލާހު ނުކުރެވޭނެ ގޮތަށް ނިޒާމު ބައްޓަންކުރުން.
12 ތިމާވެއްޓަށް ގެއްލުންވާ ގޮތަށް ހިންގާ މަޝްރޫއުތައް ވަގުތުން ހުއްޓާލުން އަދި ތިމާވެށި ހިމާޔަތް ކުރުމުގެ ބާރު އީޕީއޭ އަލުން ދިނުން.
މީގެ ތެރެއިން ގިނަ ކަންކަމަކީ ސަރުކާރުގެ އިސްލާހީ އެޖެންޑާގެ ތެރޭގައި ހިމެނޭ ކަންކަމެވެ. އަދި އަނެއްބައި ކަންކަމަކީ މިހާރު ވެސް ހަރުދަނާ ފިޔަވަޅުތަކެއް އެޅިގެން ކުރިއަށްދާ ކަންކަމެެވެ.