ENGLISH
24 އޭޕްރީލު 2026
ބިމާއި، ބަނދަރުގެ މައްސަލަ ހައްލުކޮށްދިނުން ރަސްދޫގެ އައު ކައުންސިލުގެ އަމާޒު
24 އޭޕްރީލު 2026
|
އއ. ރަސްދޫ
އެންމެ މަޤްބޫލު
ނިމިދިޔަ ކައުންސިލް އިންތިހާބުގައި ތާރީހީ ކާމިޔާބެއް ހޯދި އއ. ރަސްދޫ އައު ކައުންސިލުގެ އަމާޒަކީ ސަރުކާރާ ގުޅިގެން އެރަށަށް ދިމާވެފައިވާ ބިމުގެ ދަތިކަމުގެ މައްސަލައާއި ބަނދަރުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުންކަމަށް ރަސްދޫ ކައުންސިލުގެ އިންތިހާބީ ރައީސް އަހުމަދު ވަހީދު ވިދާޅުވެއްޖެ އެވެ.
އިންތިހާބުގައި 18 އަހަރަށްފަހު ރަސްދޫން ޕީއެންސީން ހޯދި މި ކާމިޔާބީ ފާހަގަކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވަނީ މިފަހުން އެރަށަށް ވަޑައިގެންފަ އެވެ. މީގެ ކުރިން އިދިކޮޅު އެމްޑީޕީއަށް ބޮޑު ތާއީދެއް އޮތް ރަސްދޫން ނިމިދިޔަ ލޯކަލް ކައުންސިލު އިންތިހާބުގައި ޕީއެންސީއށް ބޮޑު އަޣުލަބިއްޔަތެއް ލިބި އެ ރަށު ކައުންސިލުގެ ހުރިހާ ގޮނޑިއަކާއި ޑަބްލިއުޑީސީގެ އެއް ގޮނޑި ފިޔަވައި ހުރިހާ ގޮނޑިއެއް ކާމިޔާބުވި އެވެ.
"އެމްއެމްޓީވީ"އަށް ދެއްވި ބަސްދީގަތުމެއްގައި އަހުމަދު ވަހީދު ވަނީ ރަށުގެ ރައްޔިތުންނަށް ހިދުމަތްދިނުމުގައި އެންމެ ބޮަޑަށް އިސްކަންދޭނެ ދާއިރާތައް ވިދާޅުވެދެއްވާފަ އެވެ.
އިންތިހާބީ ރައީސް ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެރަށަށް މައިގަނޑު ފަސް ވައުދެއްވެވަޑައިގެންފައިވާކަމަށް ވިދާޅުވެފަ އެވެ. އެ ވައުދުފުޅުތަކަކީ:
* ޒަމާނީ ފެންވަރުގެ ބޮޑު މިސްކިތެއް ބިނާކުރުން
* ރަށުގެ މަގުތައް ރައްޔިތުން އެދޭގޮތަށް ޒަމާނީ ފެންވަރަށް ހަދައިދިނުން
* ބަނދަރުގެ ދަތިކަމަށް ހައްލު ހޯދައިދިނުން
* ކުރަމަތީފަޅުގެ ބިން ހިއްކައި ރަށަށް ދިމާވެފައިވާ ބިމުގެ ދަތިކަމަށް ހައްލު ހޯދައިދިނުން
* 50 އެނދުގެ ހޮސްޕިޓަލެއް ގާއިމުކުރުން
އިންތިހާބީ ރައީސް ވިދާޅުވީ ރަށަށް ބޮޑެތި މައްސަލަތަކެއް ކުރިމަތިވެފައިވާކަމަށާއި އެ މައްސަލަތައް ހައްލުކޮށްދިނުމަކީ އެންމެ ހާއްސަ އިސްކަމެއްދީގެން އައު ކައުންސިލުން ކުރާނެ ކަންކަން ކަމަށެވެ.
އެގޮތުން ރަށުގެ ބިމުގެ ދަތިކަމުގެ މައްސަލަ ހައްލުކުރުމަށް ރަސްދޫ އަތޮޅުގެ އުތުރުން އޮންނަ ފަޅުގެ ބައެއް ރަސްދޫގެ އިހުތިސާސްގެ ތެރޭގައި ވަނީ ހިމަނުއްވާފަ އެވެ. ރައީސް މިދިޔަ އަހަރުގެ އޯގަސްޓުމަހު އެރަށަށް ކުރެވި ޒިޔާރަތުގައި މި ފަޅު ހިއްކުމުގެ މަޝްރޫއުގެ ވާހަކަ ވިދާޅުވެފައި ވެއެވެ.
"މި ރަށުގެ ބައެއްގެ ގޮތުގައި އަޅުގަނޑުމެން ފަޅުތެރެއިން ކަނޑައަޅާފައި އޮތް 200 ހެކްޓަރުގެ ތެރޭގައި، އަޅުގަނޑުމެން ވާނެ ޤަރާރަކުން ކަނޑައަޅާފައި 200 ހެކްޓަރު. އެ ފަޅުގެ ތެރޭގައި، އަޅުގަނޑު ކުރިން ވަޢުދުވެފައި ވާނެ، ރަށަށް ބޭނުންވާނެ ބިން ހިއްކައިދީ، ރަށަށް ބޭނުންވާ އެކިކަހަލަ ކަންކަމާއި، ގެދޮރުވެރިކަމާއި، ޞިނާޢީ އެހެން މަސައްކަތްތަކާ އެކީގައި ބޭނުންވާނެ ބިން ހިއްކައިދޭނެ ކަމަށް. އެ މަޝްރޫޢަކީ އިރާދަކުރެއްވިއްޔާ، ދެންމެ މި ދެންނެވި ދެ މަޝްރޫޢު، ބަނދަރުގެ މަޝްރޫޢާއި، މަޑިވަރު ފިނޮޅު ތިޔަބޭފުޅުންނަށްޓަކައި، ހިމާޔަތްކޮށްދީ، ތަރައްޤީކޮށްދިނުމުގެ މަޝްރޫޢުގެ އިތުރަށް، އެ މަޝްރޫޢުތައް ނިންމާފައި، މި ދެންނެވި ފަޅުން މި ރަށުގެ ބައެއްގެ ގޮތުގައި އަޅުގަނޑުމެން ކަނޑައެޅި، 200 ހެކްޓަރުގެ ފަޅުގެ ތެރޭގައި، އިތުރު ބިން ހިއްކުމުގެ މަޝްރޫޢެއް އަޅުގަނޑުމެން ފަށާނަން،". ކުރަމަތީފަޅުގެ ބިން ހިއްކައި ރަށަށް ދިމާވެފައިވާ ބިމުގެ ދަތިކަމަށް ހައްލު ހޯދައިދިނުމާ ގުޅޭގޮތުން ރައީސް ވިދާޅުވި އެވެ.
އަހުމަދު ވަހީދު ވިދާޅުވީ މި ބިމުގެ ސަބަބުން އެރަށަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހަލެއް ލިބިގެންދާނެކަމަށެވެ.
"ވަރަށް ބޮޑު ބިމެއް ހިއްކިގެންދާނީ. ގާތްގަނޑަކަށް މި ރަސްދޫގެ ދެ ގުނަ ވަރުގެ ބިމެއް އެއީ،". އިންތިހާބީ ރައީސް ވިދާޅުވި އެވެ.
ބަނދަރާ ބެހޭގޮތުން އަހުމަދު ވަހީދު ވިދާޅުވީ އޮޑިދޯނިފަހަރަށް ހުޅަނގު މޫސުމުގައި ބަނދަރުގެ ބޭރުތޮށީގެ ނިވަލެއް ނުލިބޭ ކަމަށެވެ. އެއީ ރައްޔިތުންނަށް ކުރިމަތިވެފައިވާ ބޮޑު ތަކުލީފެއްކަން ފާހަގަކުރެއްވި އެވެ.
ބަނދަރުގެ ދަތިކަމަށް ވެސް ހައްލު ގެނެސްދޭނެކަމަށް ރައީސް ވަނީ މިދިޔަ އަހަރުގެ އޯގަސްޓުމަހު އެރަށަށް ކުރެއްވި ޒިޔާރަތުގައި އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވެފަ އެވެ.
"މިހާރު ހިނގަމުންދާ ބައެއް މަޝްރޫޢުތައް ޚާއްޞަކޮށް، ބަނދަރުގެ މަޝްރޫޢު. މިއީ މި ރަށުގެ ތަރައްޤީއަށްޓަކައި ކޮންމެހެން ކުރިއަށްގެންދަންޖެހޭ މުހިންމު މަޝްރޫޢެއް. އެ މަޝްރޫޢުގެ ކަންތައް މިހާރު ޢަމަލީގޮތުން ފެށިގެން އެދަނީ. މި މައްސަލަ، ބަނދަރަށް މި ދިމާވެފައިވާ ބޮޑު މައްސަލަ ޙައްލުކުރުމަކީ، މި ރަށުގައި ސަރުކާރުން އެންމެ އިސްކަމެއްދޭ އެއް ކަންތައް. އިރާދަކުރެއްވިއްޔާ ފަންނީ ކަންކަމަށާއި، އިންޖިނިއަރިންގގެ ކަންކަމަށް ބަލައިގެން ދާއިމީގޮތެއްގައި، އެ މައްސަލައަށް އެންމެ ރަނގަޅު ޙައްލެއް ލިބޭނެގޮތަށް، އެ މަސައްކަތް އަޅުގަނޑުމެން ކުރިއަށްގެންދާނަން. މިހާރު އެ ފެށިގެންދާގޮތަށް، އަޅުގަނޑުމެން ހުއްޓާނުލައި ކުރިއަށްގެންދާނަން. ގެންގޮސް އިރާދަކުރެއްވިއްޔާ، ބަނދަރުގެ މި ދަތިކަމުގެ މައްސަލަ ދާއިމީކޮށް ތިޔަބޭފުޅުންނަށް އަޅުގަނޑުމެން ޙައްލުކޮށްދޭނަން،". ރައީސް ވިދާޅުވި އެވެ.
މި ވައުދުތައް ފުއްދައި ސަރުކާރާ ގުޅިގެން ރައްޔިތުން ބޭނުންވާ ތަރައްގީ ގެނެސްދެވޭނެ ކަމާ މެދު ޝައްކު ނުކުރައްވާކަމަށް އިންތިހާބީ ރައީސް ވިދާޅުވި އެވެ.