ENGLISH
24 އޭޕްރީލު 2026
ނަޝީދަށް ދިން ހަަމަލާ ތަހުގީގުކޮށް ފިޔަވަޅު އެޅުމުގައި ސޯލިހުގެ ސަރުކާރު ވަނީ ފެއިލްވެފައި: މެމްބަރު ލަތީފް
24 އޭޕްރީލު 2026
|
މެމްބަރު ޢަބްދުއްލަޠީފް މުޙައްމަދު އެމްއެމްޓީވީގެ "ބޮޑު ޚަބަރު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަނީ. -- ފޮޓޯ:އެމްއެމްޓީވީ
އެންމެ މަޤްބޫލު
ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލައާ ގުޅޭ މައްސަލަ ތަހުގީގުކޮށް ފިޔަވަޅު އެޅުމުގައި ރައީސް އިބްރާހީމް މުހައްމަދު ޞާލިހުގެ ސަރުކާރު ފެއިލްވެފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލައާ ގުޅޭ މައްސަލައިގެ ތަހުގީގު ފުޅާކޮށް، ވީހާވެސް އަވަހަށް ނިންމަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ދިވެހި ފުލުހުންގެ ހިދުމަތަށް އެންގީ މި މަހުގެ އަށް ވަނަ ދުވަހު އެވެ.
މި ދަނޑިވަޅަކީ އެމްޑީޕީގެ ޗެއާޕާސަންކަމުގެ މަގާމަށް ވާދަކުރައްވާނެކަން ނަޝީދު އިއުލާނުކުރައްވާފައިވާ ދަނޑިވަޅެކެވެ. އަދި ނަޝީދު އެ މަގާމަށް ގެނައުމަށް ކުރީގެ ދިފާއީ ވަޒީރު އަދި އެމްޑީޕީގެ ސަރުކާރުގައި މި ހާދިސާއަށް އިހުމާލުވެފައިވާކަމަށް އެންމެ ބޮޑަށް ތުހުމަތުކުރެވުނު މާރިޔާ އަހުމަދު ދީދީ ވަނީ ތާއީދު ކުރައްވާފަ އެވެ.
މިކަމާ ގުޅިގެން "އެމްއެމްޓީވީ"ގެ "ބޮޑު ޚަބަރު" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން މެމްބަރު ލަތީފް ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ތިން ފަހަރެއްގެ މަތީން ބޮން ގޮއްވާ އަވަހާރަކޮށްލަން އުޅޭ ކަމުގެ މައުލޫމާތު ދިފާއީ ވުޒާރާއަށް އެނގިފައިވާކަމަށާއި އަދި މި ހަމަލާ ދެވުނީ ދިފާއީ ވަޒީރު އެކަމަނާގެ ޒިންމާ އަދާނުކުރުމުން ކަމަށް ބުނެ ރައީސް ނަޝީދާއި އެމަނިކުފާނަށް ތާއީދުކުރައްވާ ބޭފުޅުންގެ ތުހުމަތު މާރިޔާ އަށް އަމާޒުވިކަމަށެވެ.
އަދި އެ ނުރުހުން އޮއްވައި މިއަދު ކުއްލިޔަކަށް ތިމަންކަމަނާ ނަޝީދު އެމްޑީޕީގެ ޗެއާޕާސަންކަމުގެ މަގާމަށް ގެންނަން ތާއީދުކުރައްވަމޭ ބުނުމަކީ ނަޝީދު ވެސް އަދި އެމަނިކުފާނުގެ ސްޕޯޓަރުންވެސް އެކަން ބަލައިގަންނާނެ ކަމެއް ނޫން ކަމަށް މެމްބަރު ވިދާޅުވި އެވެ. މާރިޔާގެ މި ޕޯސްޓަށް ނަޝީދު ވެސް އަދި އެމަނިކުފާނުގެ އާއިލާއާ ސަޕޯޓަރުންވެސް ހަނުހުންނެވުމުގެ މާނައަކީ މާރިޔާއާ މެދު އަދި ވެސް އެބޭފުޅުންގެ މެދުގައި ނުރުހުން އޮތުން ކަމަށް މެމްބަރު ވިދާޅުވި އެވެ.
"އެއްބަޔަކު ތިން ހަތަރު ބަޔަށް ބައިބައިވެފައި ކުދިކުދިވެފައި އޮތީމަ އޭގެތެރެއިން ގޮފި ފަޅައިގެން އެެއްބަޔަކު އަނެއް ބަޔަކަށް ޖެއްސުންކުރުމާއި، ފާޑުކިޔުމާއި ތަރުހީބު ނުދިނުމާއި މިހެން ގޮސް ނޭއްގާނީ ކަންކަން އެ ފެންނަނީ. ނަޝީދަށް ދިން ހަމަލާ ތަހުގީގުކޮށް ފިޔަވަޅު އެޅުމުގައި އެމްޑީޕީގެ މިދިޔަ ސަރުކާރު އެއްކޮށް އޮތީ ފެއިލް ވެފައި. ހާއްސަކޮށް އެކަން ހިންގަންވާ މަގުން ނުދިޔައީމަ އަދިވެސް އެކަން މިއޮތީ ހައްލުނުވެ،". މެމްބަރު ވިދާޅުވި އެވެ.
ރައީސް ނަޝީދު އަވަހާރަކޮށް ބޮން ގޮއްވާލީ އެމަނިކުފާނު ދިރިއުޅުއްވާ ގ. ކެނެރީގެ ހުންނާ ނީލޯފަރުމަގާއި މަޖީދީމަގު ގުޅޭ ކަންމަތީގައި ސައިކަލެއްގަ ބޮމެއް ހަރުކޮށްގެން ނެވެ. ހަމަލާދިނީ 2021 ވަނަ އަހަރުގެ މެއި މަހުގެ ހަ ވަނަ ދުވަހު އެވެ. މި ހާދިސާއަށް އަންނަ މަހު ހަ އަަހަރު ފުރޭނެ އެވެ.
ބެއަރިން ބޯލްސްތަކެއް އަޅައިގެން ވަރަށް ބާރުގަދަކޮށް ހަދާފައިވާ ބޮން ރިމޯޓު ބޭނުންކޮށްގެން ގޮއްވާލާފައި ވަނީ އެމަނިކުފާނު ބޮމާ އެންމެ ކައިރިވެވަޑައިގެންނެވި ވަގުތު ބެލުމަށްފަހު އެވެ.
އެ ހަމަލާގެ ސަބަބުން ނަޝީދު ވަރަށް ބޮޑަށް ޒަހަމްވެވަޑައިގެންނެވި އެވެ. މި ހަމަލާގައި ނަޝީދަށް ސީރިއަސް ޒަހަމްތަކެއް ލިބިވަޑައިގެން އޭޑީކޭ ހޮސްޕިޓަލާއި ޖަރުމަނާއި އިނގިރޭސި ވިލާތުގައި ފަރުވާ ހޯއްދެވި އެވެ.
ރައީސް ނަޝީދަށް އަމާޒުކޮށް ގޮއްވާލި އައިއީޑީ އަކީ ސަލްޓަންޕާކްގައި 2007 ވަނަ އަހަރު ގޮއްވާލި އައިއީޑީ އަށްވުރެ އެތައްގުނައެއް ބާރުގަދަ އައިއީޑީއެއް ކަމަށާއި މިއީ މިހާތަނަށް ރާއްޖޭގައި ގޮއްވާލި އެންމެ ބާރުގަދަ އައިއީޑީ ކަމަށް އޭރު ސިފައިން ހާމަކޮށްފައި ވެއެވެ.
މިބިރުވެރި ނުރައްކާތެރި ހަމަލާގެ އަޑީގައި ތިބި ބަޔަކު އަދިވެސް ހޯދިފައެއް ނުވެ އެވެ.
މި މައްސަލާގައި ދައުވާ އުފުލި މީހުންގެ ތެރެއިން މިހާތަނަށް ހުކުމްކޮށްފައި ވަނީ ވ. ތިނަދޫ، ހިޔާ، އަދުހަމް އަޙްމަދު ރަޝީދުގެ މައްޗަށެވެ. އަދުހަމަކީ ބޮން ގޮއްވާލި ކަމަށް ތުހުމަތު ކުރެވޭ މީހާ އެވެ. މީގެ އިތުރުން ހއ. މޮޅަދޫ، ބަހާރުގޭ، އަބްދުﷲ އަލީ މަނިކުގެ މައްޗަށް ޓެރަރިސްޓު ޖަމާއަތަކަށް ތާއީދުކުރުމުގެ ދައުވާ ސާބިތުވެ ފަސް އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފައި ވެއެވެ. އަދި ހއ. ހޯރަފުށީ އަލަނާސިގޭ މުހައްމަދު ތަސްލީމް ހައްޔަރުކުރި ނަމަވެސް އޭނާގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ކޯޓުންވަނީ ހުކުމްކޮށްފަ އެވެ.
ރައީސް ނަޝީދު ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނެވި އިރު މި މައްސަލަ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ބަލާފައިވެއެވެ. ނަމަވެސް އެމްޑީޕީގެ ސަރުކާރުން އެކަމަށް އެއްބާރުލުން ދީފައެއް ނުވެ އެވެ. މި މައްސަލަ ހިމެނޭހެން އޭރުގެ ސަރުކާރާ ދެމެދު އުފެދުނު ހިޔާލުތަފާތުވުމުގައި އެމްޑީޕީއާ ފެޔަށްޖެހިވަޑައިގެން އައު ޕާޓީ އެއް އުފައްދަވައިގެން މަސައްކަތް ކުރެއްވި ނަމަވެސް މިހާރު ރައީސް ނަޝީދު ވަނީ އަލު އެމްޑީޕީއާ ގުޅިވަޑައިގެންފަ އެވެ.