ENGLISH

23 އޭޕްރީލު 2026

Advertisement

މަކަރުވެރިޔާއަށް މާމަ ރަނގަޅު ފިލާވަޅެއް ދީފި

23 އޭޕްރީލު 2026

|

އާމިނަތު ނުޒްލާ

ކްރިސްޓާ ވިލިސް-- ފޮޓޯ: ޕީޕަލް.ކޮމް

އެމެރިކާގެ އޯހިއޯގައި އުމުރުން ދުވަސްވީ މީހުންނަށް އަމާޒުކޮށްގެން މަކަރުވެރި ރޭވުންތައް ހިންގަމުން އަންނަ މިންވަރު އަންނަނީ އިތުރުވަމުންނެވެ. އެގޮތުން މަކަރުވެރި ރޭވުމެއްގެ މަޅީގައި ޖައްސައި، 5،000 ޑޮލަރު ފޭރެން އުޅުނު މީހަކަށް އެމެރިކާގެ އޯހިއޯއަށް ނިސްބަތްވާ މާމައަކު ރަނގަޅު ފިލާވަޅެއް ދީފި އެވެ.

ކްލީވްލޭންޑް 19 ނިއުސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ކްރިސްޓާ ވިލިސްއަށް ފޯނުން ގުޅި މީހަކު ވަނީ އޭނާގެ ކާފަ ދަރިފުޅު އެރިކް އެކްސިޑެންޓެއްގެ މައްސަލައިގައި ހައްޔަރުކޮށްފައިވާ ކަމަށް ބުނެފަ އެވެ. އަދި އޭނާ ޖަލުން ސަލާމަތް ކުރުމަށް ކަފާލާތުގެ ގޮތުގައި 5،000 ޑޮލަރު ވަގުތުން ފޮނުވުމަށް އެ މީހާ އެދުނެވެ.

މި މަކަރުވެރި ކޯލު އައި ވަގުތު ކްރިސްޓާގެ ކާފަ ދަރިފުޅު ހުރީ ގޭގެ މަތީބުރީގަ އެވެ. މިކަން އެނގި ހުރެ، ކްރިސްޓާ ނިންމީ އެ މީހާގެ ރޭވުމުގައި ބައިވެރިވާ ކަމަށް ދައްކައިގެން އޭނާއަށް އޮޅުވާލުމަށެވެ. 

ކްރިސްޓާއަކީ ކަޔަހޯގާ ކައުންޓީގެ "ސްކޭމް ސްކޮޑް" ނަމަކަށް ކިޔާ، މާލީ މަކަރުތަކާ ދެކޮޅަށް މަސައްކަތްކުރާ ޓާސްކް ފޯހެއްގެ މެންބަރެކެވެ. އޭނާ އެ މީހާއާ ސުވާލުކުރަމުން ގޮސް، އުމުރުން ދުވަސްވީ ނިކަމެތި މީހުންގެ އަތުން ފައިސާ ފޭރުމަކީ ކިހިނެއް ކުރާ ކަމެއްތޯ ސުވާލުކުރި އެވެ. އޭގެ ޖަވާބުގައި އެ މީހާ ބުނީ "މިއީ މަގޭ ވަޒީފާ" ކަމަށާއި، މިހާރު ދިރިއުޅުން "ވަރަށް ދަތި" ކަމަށެވެ.

މި ހާދިސާއާ ގުޅިގެން އެފް.ބީ.އައިގެ ކްލީވްލޭންޑް އޮފީހުގެ އޮފިޝަލް ސޫޒަން ލިކޭޓް ވިދާޅުވީ، މިއީ އާއިލާގެ މެންބަރަކަށް ބޮޑު ކަމެއް ދިމާވެގެން އުޅޭ ކަމަށް ބުނެ ބިރުގަންނުވައިގެން ފައިސާ ހޯދުމަށް އާންމުކޮށް ހިންގާ އަމަލެއް ކަމަށެވެ. އޭނާ އިރުޝާދު ދެއްވީ މިފަދަ ކޯލެއް އައުމުން ވަގުތުން ފައިސާ ނުފޮނުވުމަށާއި، އެންމެ ފުރަތަމަ ވެސް އެ ބުނާ މީހަކަށް ގުޅައި ހަގީގަތް އޮޅުންފިލުވުމަށެވެ.

މީގެ އިތުރުން، މިފަދަ ކަންކަން ރިޕޯޓް ކުރުމަށް އެފް.ބީ.އައި އިން ވަނީ އިލްތިމާސްކޮށްފަ އެވެ. ސޫޒަން ވިދާޅުވި ގޮތުގައި މިފަދަ މަކަރުވެރި އަމަލުތައް ހިންގަނީ ވަކިވަކި ފަރުދުންނަށްވުރެ ބޮޑަށް، އިންތިޒާމުވެގެން ހިންގާ ޖިނާއީ ނެޓްވޯކްތަކުންނެވެ.

ރާއްޖޭގައިވެސް އަންނަނީ އެކު އުކުޅުތައް ބޭނުންކޮށްގެން ސްކޭމް ކުރާ ފަރާތްތައް އިތުރުވަމުންނެވެ. އެހެންކަމުން ނޭނގޭ މީހުން ގުޅައިގެން އެކި ޕޮރޮމޯޝަންތަކުން ވަނަ ލިބިގެންނާއި، އެކި ގޮތްގޮތަށް ހިންގާ ސްކޭމްތަކަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން އަންނަނީ އިލްތިމާސް ކުރަމުންނެވެ.

އޮންލައިން ވިޔަވާރި ކުރާ ފަރާތްތަކުން ތަކެތި ލިބުމުން، އެ މުދަލަށް އަގު ދެއްކުމަށާއި، ނުދަންނަ ފަރާތްތަކުން ފޮނުވާ ލިންކްތަކަށް ނުފިއްތުމަށާއި، އަމިއްލަ މައުލޫމާތު ސޯޝަލް މީޑިއާގައި ހިއްސާ ނުކުރުމަށް ފުލުހުންގެ އިދާރާއިން ނަސޭހަތްތެރިވެ އެވެ. 

ކިޔުންތެރިންގެ ހިޔާލު