ENGLISH

22 އޭޕްރީލު 2026

Advertisement

އޯޓިސްޓިކް މި ކުއްޖާގެ އިލްމީ ގާބިލުކަމާއި ތޫނުފިލިކަމުން ދުނިޔެއަށް ސިހުންގެނުވައިފި

22 އޭޕްރީލު 2026

|

އާމިނަތު ނުޒްލާ

އަދާރާ ޕެރޭޒް ސަންޗޭޒް-- ޓައިމްސް އޮފް އިންޑިއާ

މެކްސިކޯއަށް އުފަން އުމުރުން އެންމެ 11 އަހަރުގެ އަދާރާ ޕެރޭޒް ސަންޗޭޒް އަންނަނީ އޭނާގެ އާދަޔާޚިލާފު ހުނަރުވެރިކަމާއި ހިތްވަރުން މުޅި ދުނިޔޭގެ ސަމާލުކަން ހޯދަމުންނެވެ. އުމުރުން އެންމެ ތިން އަހަރުގައި އަދާރާގެ އޯޓިޒަމް ސްޕެކްޓްރަމް ޑިސްއޯޑަރ ހުންނަކަން ދެނެގަނެވިފައިވެ އެވެ. އެހެންނަމަވެސް މިއަދު އަދާރާ ވަނީ ތައުލީމީ ދާއިރާއިން ބޮޑެތި ކާމިޔާބީތަކެއް ހާސިލްކޮށްފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން އަދާރާގެ އައި.ކިއު ހުރީ 162ގަ އެވެ. މިއީ މަޝްހޫރު ސައިންސްވެރިން ކަމަށްވާ އަލްބަޓް އައިންސްޓައިންނާއި ސްޓެފަން ހޯކިންގެ އައި.ކިއު އަށްވުރެ ވެސް މަތީ އަދަދެކެވެ. މި އާދަޔާޚިލާފު ހުނަރުގެ ސަބަބުން، އޭނާ ވަނީ އުމުރުން އެންމެ 5 އަހަރުގައި ޕްރައިމަރީ ތައުލީމު ނިންމާފަ އެވެ. އަދި އުމުރުން 11 އަހަރުގައި އިންޖީނިއަރިންގެ ދާއިރާއިން މާސްޓާޒް ޑިގްރީ ހާސިލްކޮށް، މުޅި ދުނިޔެ ހައިރާންކޮށްލާފަ އެވެ.

ތައުލީމީ ދަތުރުގެ ކުރީކޮޅު އަދާރާއަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނެވެ. އޯޓިޒަމް ހުންނާތީ އާންމު ކުލާސްތަކުގައި އުޅުމަށް އުނދަގޫވެ، އެހެން ކުދިންގެ ފުރައްސާރައާ ކުރިމަތިލާން ޖެހުނެވެ. ނަމަވެސް، އޭނާގެ އާއިލާގެ އެހީތެރިކަމާއެކު އޭނާގެ ގައިގައި ހުރި ހުނަރުތައް ދެނެގަނެ، އޭނާގެ ފެންވަރާ ގުޅޭ ތައުލީމީ ނިޒާމަކަށް ބަދަލުކުރުމުން، ކާމިޔާބީގެ ދޮރުތައް އަދާރާއަށް ހުޅުވިގެން ދިޔަ އެވެ.

އަދާރާގެ އެންމެ ބޮޑު ހުވަފެނަކީ އެމެރިކާގެ ފަޒާއާ ބެހޭ އިދާރާ " ނާސާ "އާ ގުޅުމެވެ. އިންޖީނިއަރެއްގެ ގޮތުގައި ނުވަތަ އެސްޓްރޮނޯޓެއްގެ ގޮތުގައި ފަޒާއަށް ދަތުރުކޮށް، މާސް ނުވަތަ ރަތް ގުރަހައިގައި އިންސާނުން ވަޒަންވެރިކުރުވުމަށް ކުރެވޭ މަސައްކަތުގައި ބައިވެރިވުމަކީ އޭނާގެ އެންމެ ބޮޑު ހުވަފެނެވެ.

މިހާރު ވެސް އަދާރާ އަންނަނީ މެކްސިކޯގެ ސްޕޭސް އެޖެންސީއާ ގުޅިގެން ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާއިން ކުދިން ހޭލުންތެރިކުރުވުމަށް އެންމެ ހަގު އެމްބަސަޑަރެއްގެ ގޮތުގައި މަސައްކަތް ކުރަމުންނެވެ. މީގެ އިތުރުން، އޭނާ އަންނަނީ އެސްޓްރޯފިޒިކްސްގެ ދާއިރާއިން އިތުރަށް ކިޔެވުމަށާއި ބޭރު ގައުމުތަކުގައި ހުރި ފުރުސަތުތަކަށް ތައްޔާރުވުމަށް ބަސްތައް ދަސްކުރަމުންނެވެ.

އަދާރާ ޕެރޭޒް ސަންޗޭޒް އަށް ލިބިގެންވަނީ ހަމައެކަނި އާދަޔާޚިލާފު ވިސްނުންތޫކަން އެކަންޏެއް ނޫނެވެ.  އެހެންނަމަވެސް އޭނާއަކީ ހިތްވަރާއި، ކެތްތެރިކަމާއެކު މަސައްކަތްކުރުމާއެކު، އެކަށީގެންވާ އެހީތެރިކަން ލިބިއްޖެނަމަ ކޮންމެ ކުއްޖަކަށް ވެސް އާދަޔާޚިލާފު ކާމިޔާބީއެއް ހާސިލްކުރެވިދާނެކަމުގެ ދިރިހުރި މިސާލެކެވެ. އޭނާގެ އުންމީދަކީ މުސްތަގުބަލުގައި އިންސާނިއްޔަތަށް ބޮޑު ފައިދާއެއް ކޮށްދިނުމެވެ.

ދިރާސާތަކުން އެނގިފައިވާ ގޮތުގައި އޯޓިސްޓިކް ކުދިންނަކީ ވަރަށް ހުނަރުވެރި ކުދިންތަކެކެވެ. އަދާރާގެ ވާހަކައިން އަޅުގަނޑުމެންނަށް އެގިގެންދަނީ މި ކުދިންނަށް ބޭނުންވާ ޚާއްސަ އެހީތެރިކަމާއި، ތައުލީމު އެކުދިންނަށް ޚާއްސަކޮށްގެން ދެވިއްޖެ ނަމަ އެކުދިންނަނީ ވަރަށް ތަފާތު މޮޅު ބަޔަކަށް ވެގެންދާނެ ކަމަވެ. އަދި މިކުދިންގެ ބޭނުން މުޖުތަމައަށް ހީނުކުރާ ފަދަ ގޮތަކަށް ބޭނުން ކުރެވިގެންދާނެ ކަމެވެ.

ކިޔުންތެރިންގެ ހިޔާލު