ENGLISH

21 އޭޕްރީލު 2026

Advertisement

އަލިފާނުގެ ނުރައްކާތެރި ހާދިސާއިން ބޭބެމެން ސަލާމަތްކޮށްދިނީ ހުޝިޔާރު އަންހެން ކޮއްކޮ

21 އޭޕްރީލު 2026

|

އާމިނަތު ނުޒްލާ

އަލިފާނުގެ ހާދިސާގައި ރޯވި ގެ-- ފޮޓޯ: ޕީޕަލް.ކޮމް

އެމެރިކާގެ ރިޗްމަންޑް ހިލްގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި، 12 އަހަރުގެ އަންހެން ކުއްޖަކު ދެއްކި ހިތްވަރާއި ހުޝިޔާރުކަމުގެ ސަބަބުން، ގޭގައި ތިބި އޭނާގެ ދެ ބޭބެއިން މަރުން ސަލާމަތްވެއްޖެ އެވެ.

މިދިޔަ މާރިޗު މަހުގެ 30 ވަނަ ދުވަހު ހިނގި މި ހާދިސާގައި، މޭސީ ނަމަކަށް ކިޔާ މި ކުއްޖާ ސްކޫލް ނިންމާފައި ގެއަށް އައިއިރު، ގޭގެ ގަރާޖާ ދިމާލުން މުޅި ގޭގައި ވަނީ އަލިފާން ރޯވެފަ އެވެ. އެ ވަގުތު ގޭތެރޭގައި އޭނާގެ ދެ ބޭބެއިން ތިބި ނަމަވެސް، ގޭގައި އަލިފާން ރޯވިކަމުގެ އެއްވެސް ނިޝާނެއް އެމީހުންނަށް އޭރު ނޭނގެ އެވެ.

މޭސީގެ މަންމަ، ލީސާ ޖޯންސަން މީޑިއާއަށް މަޢުލޫމާތު ދެމުން ބުނިގޮތުގައި، އެވަގުތު އޭނާގެ 14 އަހަރުގެ ދަރިފުޅު އޮތީ ބަލިވެގެން ގޭގެ މަތީ ފަންގިފިލާގައި ނިދާފަ އެވެ. އަދި ދޮށީ ދަރިފުޅު ހުރީ ވަޒީފާއަށް ދިއުމަށް ތައްޔާރުވުމުގެ ގޮތުން ފެންވަރާށެވެ. މޭސީ ހަޅޭލަވައިގަތުމުގެ ކުރިން މޭސީގެ ބޭބެއަށްވެސް އަލިފާން ރޯވެގެން އުޅޭކަމުގެ ހިލަމެއްވެސް ނުވެ އެވެ.

ގޭގައި އަލިފާން ރޯވެފައިވާކަން ފެނުމާއެކު، މޭސީ ވަނީ ވަގުތުން ގޭގެ މައި ދޮރުމައްޗަށް ގޮސް ބާރަށް ހަޅޭއްލަވައި، ގޭގައި އަލިފާން ރޯވެފައިވާ ކަމަށާއި އަވަހަށް ބޭރަށް ނުކުތުމަށް ގޮވާފަ އެވެ. މޭސީގެ މި ހުޝިޔާރުކަމުގެ ސަބަބުން ދެ ބޭބެއިންނަށް އެއްވެސް ގެއްލުމެއް ނުލިބި ވަނީ ރައްކާތެރިކަމާއެކު ބޭރަށް ނުކުމެވިފަ އެވެ.

މީގެ އިތުރުން، އާއިލާގެ އެންމެން ސަލާމަތްވުމަށްފަހު، އެކަކު ވަނީ އަލުން ގެއަށް ވަދެ އެމީހުން ގެންގުޅޭ ކުއްތާވެސް ސަލާމަތްކޮށްފަ އެވެ. އެމީހުން ބުނި ގޮތުގައި ކުއްތާ އޮތީ ބިރުން އެނދު ދަށުގައި ފިލަ އެވެ.

ރިޗްމަންޑް ހިލް އަދި ބްރަޔަން ކައުންޓީގެ ފަޔަރ ފައިޓަރުން ވަގުތުން އެ ސަރަޙައްދަށް އައިސް އަލިފާން ނިއްވާލި ނަމަވެސް، ގޭގެ 75 އިންސައްތައާއި 80 އިންސައްތައާ ދެމެދުގެ މިންވަރެއް ވަނީ އަނދާފަ އެވެ. މީގެ ތެރޭގައި އާއިލާގެ ގިނަ މުދަލާއި، ހިފާގެންގުޅޭ ތަކެއްޗާއި، އަންނައުނު ހިމެނެ އެވެ.

"އަހަރެންގެ ދަރިފުޅާ މެދު ވަރަށް ފަޚުރުވެރިވޭ. އެއީ ހިތްވަރުގަދަ ކުއްޖެއް،" ލީސާ ބުންޏެވެ. އާއިލާއަށް ބޮޑެތި މާލީ ގެއްލުންތަކެއް ލިބުނު ނަމަވެސް، އެންމެން ސަލާމަތްވުމުން ލީސާ ހުރީ ހިތްހަމަޖެހިފަ އެވެ. ލީސާ އެންމެ ހިތްހަމަޖެހުނީ އެ ހިތްދަތި ބިރުވެރި ވަގުތުގައި އާއިލާގެ އެކަކު އަނެކަކަށް ދިން އެހީތެރިކަމާއި އެއްބާރުލުމުންނެވެ. 

އިސްލާމްދީނުގައި އާއިލީ ގުޅުމުގެ މުހިންމުކަމާއި، ގާތްތިމާގެ މީހުންނާ ގުޅުން ބަދަހިކުރުމުގެ މަތިވެރިކަމަކަށް ވަރަށް ބޮޑަށް އަހައްމިއްޔަތުކަން ދީފައިވެ އެވެ. މި ހާދިސާއިން އަންހެން ކޮއްކޮ އޭނަގެ ބޭބެމެންނާ އޮންނަ ގާތްގުޅުމާއި، ލޯބި އިހްސާސްވެގެންދެ އެވެ. ތިމާގެ ނަފްސު އަނިޔާއަކަށް ހުށަހަޅައިގެން ނަމަވެސް، އަނެކާ ސަލާމަތްކުރާނީ އެމީހަކަށް އަނެކާގެ މުހިއްމުކަން ވަރަށް ބޮޑު ވީމައެވެ.

ކިޔުންތެރިންގެ ހިޔާލު