ENGLISH

22 އޭޕްރީލު 2026

Advertisement

ހަތްވަނަ ބުރިން ވެއްޓުނު 4 އަހަރުގެ ކުއްޖަކު އަޖައިބެއްފަދަ ގޮތަކަށް ސަލާމަތްވެއްޖެ

20 އޭޕްރީލު 2026

|

އާމިނަތު ނުޒްލާ

ހަތަރު އަހަރުގެ ކުއްޖާ ވެއްޓުނު އިމާރާތް

އެމެރިކާގެ މެސެޗޫސެޓްސްގެ ހުންނަ އެޕާޓްމަންޓް އިމާރާތެއްގެ ހަތްވަނަ ބުރިން ވެއްޓުނު 4 އަހަރުގެ ފިރިހެން ކުއްޖަކު، ނަސީބު ރަނގަޅުކަމުން ސަލާމަތްވެއްޖެ އެވެ. މި ހާދިސާ ހިނގުމުން އެ ސަރަހައްދުގެ ރައްޔިތުންނަށް ވަނީ ބޮޑު ހައިރާންކަމެއް ލިބިފަ އެވެ.

މި ހާދިސާ ހިނގާފައިވަނީ މިމަހުގެ 15 ވަނަ ވީ ބުދަ ދުވަހުގެ ރޭގަނޑު 7:30 އެހާކަންހާއިރު ލިންކަން ވިލެޖް އެޕާޓްމަންޓް އެއްގަ އެވެ. ވޯސެސްޓަރ ފުލުހުން މައުލޫމާތު ދޭ ގޮތުގައި އެ ކުއްޖާ ވެއްޓިފައިވަނީ ގާތްގަނޑަކަށް 62 ފޫޓު މަތިންނެވެ. ނަމަވެސް، ކުއްޖާ ވެއްޓުނު ތަނުގައި އަޅާފައި ހުރި މަޑު ކުނިބުނި ނުވަތަ 'މަލްޗް' ތަކެއްގެ ސަބަބުން ކުއްޖާއަށް ލިބުނު ގެއްލުން ވަނީ ވަރަށް ބޮޑަށް ކުޑަވެފަ އެވެ.

ހާދިސާ ހިނގި ސަރަހައްދަށް ފުލުހުންނާއި ސަލާމަތީ ބާރުތައް ދިޔައިރުވެސް، ކުއްޖާ އޮތީ ހޭލަ އެވެ. އަދި އޭރުވެސް ކުއްޖާ ނޭވާލަމުންދިޔަ ކަމަށް ފުލުހުން ބުންޏެވެ. ކުއްޖާ ވަނީ ވަގުތުން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފަށާފަ އެވެ. މިހާރު ކުއްޖާގެ ހާލު ސްޓޭބަލް ކަމަށް ރިޕޯޓްތައް ބުނެ އެވެ.

މި ހާދިސާ ލޮލުން ދުށް އަވަށްޓެރިއެއް ކަމަށްވާ އެންޓޯނިއޯ ބުނި ގޮތުގައި، ކުއްޖާ ވެއްޓުނު މަންޒަރު ފެނުމާއެކު އޭނާ ވަނީ ވަގުތުން އެމަޖެންސީ ނަންބަރު 911 އަށް ގުޅާފަ އެވެ. "އެ ކުއްޖާ ބިމުގައި ޖެހުނު ގޮތުން، އެއީ އާންމުކޮށް މީހަކު ސަލާމަތްވާނެ ގޮތެއް ނޫން. އެ ކުއްޖާ ސަލާމަތްވީ ހަމަ މުޢުޖިޒާތަކުން،" އޭނާ ބުންޏެވެ.

ވޯސެސްޓަރ ފުލުހުންގެ ސާޖެންޓް އެލީސް މިރަންޑާ ވިދާޅުވީ، މިއީ ވަރަށް ނާދިރު އަދި ތަފާތު ހާދިސާއެއް ކަމަށާއި، މިއަށްވުރެ މާ ނުރައްކާތެރި ގޮތަކަށްވެސް ކަންކަން ހިގުން އެކަށީގެންވާކަމަށެވެ. އަދި އެމެރިކާއަށް ހޫނު މޫސުން  އަންނާތީ، ގޭގެ ކުޑަދޮރުތައް ހުޅުވާއިރު ސަމާލުވުމަށާއި، ދޮރުތަކުގައި ހުންނަ ދާޖެހި ފްރޭމްތައް (ސްކޫރީން) ރަނގަޅަށް ހުރިތޯ ބެލުމަށް އޭނާ އާއިލާތަކަށް އިލްތިމާސް ކޮށްފައިވެ އެވެ.

މި ހާދިސާ ހިނގިއިރު ކުއްޖާގެ މައިންބަފައިން ތިބީ ގޭގަ އެވެ. މި މައްސަލައިގައި މައިންބަފައިންގެ މައްޗަށް އެއްވެސް ދައުވާއެއް ނުކުރާނެ ކަމަށް ފުލުހުން ބުނެފައިވެ އެވެ. އެހެންނަމަވެސް، ފުލުހުންގެ ކްރައިމް ސީން ޔުނިޓާއި ޚާއްޞަ ތަހުގީގު ޓީމުތަކުން ދަނީ މި ހާދިސާ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އަޅުގަނޑުމެންނަށް ވެވޭ ކުޑަ ކުޑަ އިހުމާލަކުން ތުއްތު ކުއްޖެއްގެ ފުރާނައަށް ނުރައްކާވުމަކީ، ވެދާނެކަމެކެވެ. ރާއްޖޭގައިވެސް މަދުން ނަމަވެސް މިދަފަ ހާދިސާތައް ހިނގާފައިވެ އެވެ. އެހެންކަމުން ކުޑަކުދިން ގެންގުޅޭ މީހުން، ދޮރު އަދި ކުޑަދޮރު ލައްޕާފައި ބެހެއްޓުމަކީ ވަރަށް މުހިއްމު ކަމެކެވެ. އަދި ބެލްކަނި ހުންނަ އެޕާޓްމެންޓްތަކުގައި އުޅޭ ފަރާތްތަކުން، އެ ބެލްކަންޏަކީ ކުއްޖާއަށް ރައްކާތެރިތަނެއް ގޮތުގައި ހެދުމަކީ ކުޑަ ކުދިންގެ ސަލަމާތަށްޓަކައި ވަރަށް ބޭނުންތެރި ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު