ENGLISH
19 އޭޕްރީލު 2026
ތުރާކުނުގެ ރީތި މޮނިއުމަންޓް: އެ ރަށަށް އޮތް ހުރިހާ ޝަރަފެއްގެ ރަމްޒެއް
19 އޭޕްރީލު 2026
|
ތުރާކުނުގެ ބަނދަރުމަތީގައިވާ މޮނިއުމަންޓް --
އެންމެ މަޤްބޫލު
ތިލަންދުންމަތީ އުތުރުބުރީ ތުރާކުނުގައި ހެދި އެ ރަށުގެ ނަން ޖަހާފައިވާ ރީތި މޮނިއުމަންޓް ރަސްމީކޮށް އިފްތިތާޙު ކޮށްފި އެވެ.
ރޭ އެރަށުގައި އޮތް ޚާއްސަ ހަފްލާއެއްގައި އެ މޮނިއުމަންޓް އިފްތިތާޙުކޮށްދެއްވީ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މުޙައްމަދު ސަޢީދެވެ. މިނިސްޓަރު ސަޢީދަކީ ތުރާނަކަށް ނިސްބަތްވާ ބޭފުޅެކެވެ.
ދިވެހި އަކުރުން ރަށުގެ ނަން ލިޔެފައިވާއިރު މިއީ އެކި ކުލަތައް ހިމެނޭ ވަރަށް ރީތި އެހާމެ ހިތްގައިމު މޮނިއުމަންޓެކެވެ. މޮނިއުމަންޓުން ތުރާކުނަށް ލިބިފައިވާ ހުރިހާ ޝަރަފެއް ރަމްޒުކޮށްދެ އެވެ.
ތުރާކުނަކީ ރާއްޖޭގެ އެންމެ އުތުރުގައި އޮންނަ ރަށެވެ. އުތުރުން ރާއްޖެ ނިމެނީ ތުރާކުނާއި ހަމައިންނެވެ. އެކަން ފާހަގަ ކުރުމަށް އެ ރަށުގެ އެންމެ އުތުރުގައި ޖަހާފައިވާ ބައްތީގެ ރެޕްލިކާއެއް މޮނިއުމަންޓާއެކު ވެ އެވެ. ތުރާކުނުގައިވާ ބައްތި އަކީ މުޅި ރާއްޖެއަށް މަޝްހޫރު ބައްތި އެކެވެ. އެއީ ރާއްޖޭގެ އެންމެ އުތުރުގެ އެންމެ ފަހު ސަރަޙައްދުކަން ރަމްޒުކޮށްދޭ ބައްތި އެވެ.
މި މޮނިއުމަންޓްގައި ބޮޑު ފަންގަނޑު ހިބަރެއް ވެސް ވެ އެވެ. މިއީ ވެސް ތުރާކުނާއި ގުޅިފައިވާ ޝަރަފެކެވެ. ހިބަރުގެ މަސްވެރިކަމަށް އެންމެ މަޝްހޫރު އެއް ރަށަކީ ތުރާކުނެވެ. މީގެ އިތުރުން ސަމުގާ އެއްވެސް މި މޮނިއުމަންޓްގައި ހިމަނާފައިވެ އެވެ. ސަމްގާ އިން ރަމްޒުކޮށްދެނީ އެއީ ކުޅަދާނަ ނެވީން ނިސްބަތްވި ރަށެއް ކަމެވެ. އޮޑި ދޯނި ފަހަރު ދުއްވުމުގައި ވަރަށް ފާހަގަކޮށްލެވޭ މާލިމީން އެ ރަށަށް ނިސްބަތްވެ އެވެ.
ޖުމްލަކޮށް މިއީ މިއީ މި ފަހުން ރަށަކުން ފެނުނު އެންމެ ހިތްގައިމު އެއް މޮނިއުމަންޓެވެ. މި މޮނިއުމަންޓާއެކު ތުރާކުނުގެ މޫނުމައްޗަށް އިތުރު ފުރިހަމަ ކަމެއް ވަނީ ގެނުވާފަ އެވެ.