ENGLISH

16 އޭޕްރީލު 2026

Advertisement

އިންކަމް ޓެކުހުގެ ގޮތުގައި ދައުލަތަށް 2.3 ބިލިޔަން ރުފިޔާ

15 އޭޕްރީލު 2026

|

އައިމިނަތު ޝަފާ

މީރާގެ ޓެކްސްޕޭޔާ ސާވިސް ސެންޓަރ. ފޮޓޯ: ޕީއެސްއެމް

އާމްދަނީން ނަގާ ޓެކުހުގެ ގޮތުގައި މާޗުމަހުގެ ނިޔަލަށް ދައުލަތަށް 2.3 ބިލިޔަން ރުފިޔާ ލިބިފައިވާކަމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮޓޯރިޓީ (މީރާ) ގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އިންކަމް ޓެކުހުގެ ގޮތުގައި އެންމެ ބޮޑު އަދަދަކަށް ދައުލަތަށް އާމްދަނީ ލިބިފައިވަނީ ކުންފުނިތަކާއި އަމިއްލަ ފަރުދުން ނޫން ފަރާތްތަކުގެ އަތުން ނަގާ ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީންނެވެ. އަހަރުގެ ފުރަތަމަ ތިން މަސްދުވަހު ކުންފުނިތަކާއި އަމިއްލަ ފަރުދުން ނޫން ފަރާތްތަކުގެ އަތުން ނަގާ ޓެކުހުގެ ގޮތުގައި ދައުލަތަށް 1.2 ބިލިޔަން ރުފިޔާ ލިބިފައި ވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު 1.5 އިންސައްތައިގެ އިތުރުވުމެކެވެ.

ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކާއި ދިވެހިރާއްޖޭގައި ވަގުތީގޮތުން ވަޒަންވެރިވެފައިވާ ފަރާތްތަކުގެ އަތުން ނަގާ ޓެކުހުގެ ގޮތުގައި މާޗުމަހުގެ ނިޔަލަށް ލިބިފައިވަނީ 520 މިލިޔަން ރުފިޔާ އެވެ. އެއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 329 މިލިޔަން ރުފިޔާއާ އަޅާ ބަލާއިރު 57.8 އިންސައްތައިގެ އިތުރުވުމެކެވެ.

ފަރުދުންގެ އާމްދަނީން ނަގާ ޓެކުހުގެ ގޮތުގައި މާޗު މަހު ލިބިފައިވަނީ 150 މިލިޔަން ރުފިޔާއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު 11.8 އިންސައްތައިގެ އިތުރުވުމެކެވެ. އިންކަމް ޓެކުހަކީ އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުގެ ދަށުން ނަގާ ޓެކުހެކެވެ.

މާޗު މަހު މީރާއަށް ވަނީ 4.03 ބިލިއަން ރުފިޔާ ބަލައިގެންފައި:

މާރިޗު 2026 ގައި މީރާއިން ބަލައިގަނެފައިވާ ޖުމުލަ އާމްދަނީ އަކީ 4.03 ބިލިއަން ރުފިޔާ އެވެ. މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 17.0 އިންސައްތަ އިތުރު އަދަދެކެވެ. އަދި މާރިޗު މަހު  ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 26.8 އިންސައްތަ އިތުރު އަދަދެކެވެ.

މީރާއިން މައުލޫމާތުދޭ ގޮތުގައި، މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއާ އަޅައިބަލާއިރު މިއަހަރު ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ، ޓޫރިޒަމް ދައިރާގެ ޖީ.އެސް.ޓީގެ އާމްދަނީއާއި ކުންފުނިތަކާއި ފަރުދުން-ނޫން އެހެން ފާރާތްތަކުން ނަގާ ޓެކުހުގެ އިތުރުން ގްރީން ޓެކުހުން ލިބިފައިވާ އާމްދަނީ އިތުރުވުމެވެ. މީގެއިތުރުން، 2025 ވަނަ އަހަރުގެ ފެބުރުވަރީ މަހާ އަޅާބަލާއިރު 2026 ވަނަ އަހަރުގެ ފެބުރުވަރީމަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 18.8 އިންސައްތަ އިތުރުވުމާ ގުޅިގެން، ޓޫރިޒަމް ދާއިރާގެ ޖީ.އެސް.ޓީ، ގްރީން ޓެކްސް އަދި އެއަރޕޯޓް ޓެކުހުގެ އާމްދަނީވެސް ވަނީ އިތުރުވެފަ އެވެ.

މާޗު މަހަށް އަންދާޒާ ކޮށްފައިވާ އާމްދަނީއަށްވުރެ 26.8 އިންސައްތަ އިތުރުވި މައިގަނޑު އެއް ސަބަބަކީ ޓޫރިޒަމް ދާއިރާއާއި ޓޫރިޒަމް ދާއިރާ ނޫން ދާއިރާތަކުގެ ޖީ.އެސް.ޓީ އާއި ގްރީން ޓެކުހުން ލިބިފައިވާ އާމްދަނީގެ މިންވަރު އިތުރުވުންކަމަށް މީރާއިން ބުނެ އެވެ. މާޗު މަހު ލިބިފައިވާ އާމްދަނީގެ 31.4 އިންސައްތައަކީ ކުރީގެ ސުންގަނޑިތަކަށް ދައްކާފައިވާ ފައިސާކަމަށާއި އާމްދަނީގެ 7.6 އިންސައްތަ ލިބިފައިވަނީ ނުދެއްކި ހުރި ފައިސާ ހޯދުމަށް ކުރި މަސައްކަތުންކަން ވެސް މީރާއިން ފާހަގަކުރެއެވެ.

ދައުލަތަށް ނުލިބި ހުރި 882 މިލިއަން ރުފިޔާ ވަނީ ހޯދާފައި:

މީރާއިން ބުނީ މާޗު މަހުގެ ނިޔަލަށް ދައުލަތަށް ނުލިބިހުރި ފައިސާ ހޯދުމަށް ކުރެވުނު މަސައްކަތުގެ ތެރެއިން މީރާއިން ޖުމްލަ 882 މިލިއަން ރުފިޔާ ހޯދައިފައިވާކަމަށެވެ. މީގެ ތެރޭގައި، ނޯޓިސް ފޮނުވައިގެން 397 މިލިއަން ރުފިޔާ އަދި ޑިއުސް ކްލިއަރެންސްގެ ތެރެއިން 411 މިލިއަން ރުފިޔާ ހޯދައިފައިވެ އެވެ. މީގެ އިތުރުން، ޓެކްސް ދައްކާ ފަރާތްތަކަށް ފައިސާ ދެއްކުމަށް ހަނދާންކޮށްދިނުމަށް ކުރި ފޯނު ކޯލުތަކުގެ ޒަރިއްޔާއިން 13 މިލިއަން ރުފިޔާ އަދި އިންސްޓޯލްމަންޓް އެއްބަސްވުމުގެ ދަށުން 61 މިލިއަން ރުފިޔާ ވަނީ ހޯދައިފަ އެވެ.

މާޗު މަަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއެވެ. އެއީ 59.6 އިންސައްތަ ނުވަތަ 2.4 ބިލިއަން ރުފިޔާ އެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ރިޒޯޓްތަކުގެ ކުލިންނަގާ ޓެކުހުން ނެވެ. އެއީ 10.9 އިންސައްތަ ނުވަތަ 440 މިލިއަން ރުފިޔާ އެވެ. މީގެ އިތުރުން ގްރީން ޓެކުހުގެ ގޮތުގައި 312 މިލިއަން ރުފިޔާ، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 271 މިލިއަން ރުފިޔާ، ޑިޕާރޗަރ ޓެކުހުގެ ގޮތުގައި 248 މިލިއަން ރުފިޔާ، އަދި އާމްދަނީން ނަގާ ޓެކުހުން 198 މިލިއަން ރުފިޔާ ލިބިފައިވާކަމަށް ހިސާބުތަކުން ދައްކައެވެ. 

މީރާއިން ބުނީ މާޗު މަހު ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 205.18 މިލިއަން އެމެރިކާ ޑޮލަރު ހިމެނޭ ކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު