ENGLISH
13 އޭޕްރީލު 2026
ފުލުހުން ކުރިއަށްގެންދާ "ރައްކާ ރޯޑްޝޯ" ރ. އަތޮޅުގައި މި މަހު 17 ގައި ފަށާނެ
13 އޭޕްރީލު 2026
|
މަގުމަތީގައި ފުލުހުން ހަރަކާތްތެރިވަނީ-- ފޮޓޯ: އެޓޯލް ޓައިމްސް
އެންމެ މަޤްބޫލު
މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އާންމުން ހޭލުންތެރިކުރުވައި، މަގުމަތީގެ އަދަބުތަކަށް އަހުލުވެރިކުރުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރިއަށްގެންދާ "ރައްކާ ރޯޑްޝޯ" ރ. އަތޮޅުގައި ފަށަން ތައްޔާރުވެފައިވާކަމަށް ފުލުހުންގެ އިދާރާއިން ހާމަކޮށްފި އެވެ.
ފުލުހުން ބުނީ، މި އަހަރުގެ ރޯޑްޝޯ ކުރިއަށް ދާނީ މި މަހުގެ 17 އިން 27 އަށް ކަމަށެވެ. މިދުވަސްތަކުގައި ރ. އަތޮޅުގެ ރަށްތަކުގެ ރައްޔިތުންނަށް އަމާޒުކޮށްގެން، މަގުމަތީގެ ރައްކާތެރިކަމާ ގުޅޭ ތަފާތު ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ރޭވިފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނެފައިވަނީ، ރައްކާ ރޯޑް ޝޯގެ ބޭނުމަކީ އާންމުންގެ ބައިވެރިވުމާއެކު މަގުމަތީގެ ރައްކާތެރިކަމާ މެދު މުޖުތަމައު ހޭލުންތެރިކަން އިތުރުކުރުން ކަމަށެވެ.
ފުލުހުން މީޑިއާތަކަށް ހިއްސާކޮށްފައިވާ މައުލޫމާތުގައި ބުނެފައިވަނީ، "ރައްކާ ރޯޑްޝޯ" ގެ ތެރެއިން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ރޯޑް ސޭފްޓީ ވޯކް އާއި، ޓީމް ބިލްޑިން ހަރަކާތްތަކާއި، "ބީޗް ބްލާސްޓް" އިވެންޓްތަކާއި، ކުއިޒް މުބާރާތްތަކުގެ އިތުރުން ވޮލީ އަދި ފުޓްސަލް މުބާރާތްތައް ހިމެނޭކަމަށް ބުނެފައިވެ އެވެ.
މީގެ އިތުރުން ދަރިވަރުންނަށް އަމާޒުކޮށްގެން ހިންގާ "ޓްރެފިކް މޮނީޓަރސް ޕްރޮގްރާމް" އާއި "ފަހިރާސްތާ" ޕްރޮގްރާމްވެސް ކުރިއަށްދާނެ ކަމަށް އެ އިދާރާއިން މައުލޫމާތު ހިއްސާކޮށްފައިވެ އެވެ. މި ހަރަކާތްތަކަކީ ދަރިވަރުންނާއި، ޑްރައިވަރުންނާއި، ޒުވާނުންނަށް އަމާޒުކޮށްގެން ހިންގާ ހަރަކާތެކެވެ.
ފުލުހުން އިތުރަށް ބުނެފައިވަނީ، މި ހަރަކާތްތަކުގެ އިތުރުން، މަގުމަތީގެ ގަވާއިދުތަކަށާއި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އާންމުން އަހުލުވެރިކުރުވުމަށް ހާއްސަ ސެޝަންތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މަގުމަތީގެ ރައްކާތެރިކަމާ ގުޅޭ ބިލްބޯޑްތައް އެކި ރަށްތަކުގައި އިފްތިތާހުކުރުން ހިމެނޭކަމަށްވެސް ބުނެފައިވެ އެވެ.
މި ރޯޑްޝޯ ކުރިއަށް ދަނީ "ރަނގަޅުކޮށްލާ" މި ޝިއާރުގެ ދަށުންނެވެ. މިއީ އެކްސިޑެންޓްތައް މަދުކޮށް، ރައްކާތެރި މުޖުތަމައެއް ބިނާކުރުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމަށް ބާރުއެޅުމުގެ ގޮތުން ފުލުހުންގެ އިދާރާއިން ހިންގާ ކެމްޕޭނެކެވެ.
މި ޕްރޮގްރާމަކީ ފުލުހުންގެ ރޯޑް ސޭފްޓީ އެވެއާނަސް އެންޑް ޕްރިވެންޝަން ޑިޕާޓްމަންޓުން އިސްނަގައިގެން، ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި، ކައުންސިލްތަކާއި އަދި އަމިއްލަ ކުންފުނިތަކާ ގުޅިގެން ހިންގާ ހަރަކާތެކެވެ. މި އަހަރުގެ ޕާޓްނަރުންގެ ތެރޭގައި އޫރީދޫ މޯލްޑިވްސް، އެލައިޑް އިންޝުއަރެންސް، އެމް.ޓީ.ސީ.ސީ، އަވަސް، އަދި ހޮންޑާ (ޝީޝާ) ހިމެނެ އެވެ.