ENGLISH

13 އޭޕްރީލު 2026

Advertisement

މޮރިޝަސްއަށް ފޯޅަވަހި ދިނުން މަޑުޖައްސައިލުމުން ދިވެހި ސަރުކާރުން މަރުހަބާ ކިޔައިފި

13 އޭޕްރީލު 2026

|

އައިމިނަތު ޝަފާ

ފޯޅަވަހީގެ ރަށްތައް

ފޯޅަވަހި މޮރިޝަސްއަށް ދިނުން މަޑުޖައްސައިލުމަށް އިނގިރޭސި ސަރުކާރުން ނިންމި ނިންމުމަށް ދިވެހި ސަރުކާރުން މަރުހަބާ ކިޔައިފި އެވެ. 

މިކަން ހާމަކޮށް ޚާރިޖީ ވުޒާރާއިން ނެރުނު ނޫސްބަޔާނުގައި ވަނީ ފޯޅަވަހީގެ ކުރިމަގާއި އެތަން ހިންގުމާ ގުޅޭ ކަންކަމުގައި ދިވެހިރާއްޖޭގެ ގާނޫނީ މަސްލަހަތުތަކެއް އޮތްކަން ފާހަގަކޮށްފަ އެވެ. އިނގިރޭސިވިލާތުގެ މި ނިންމުމުގެ ސަބަބުން މި މައްސަލައިގައި ދިވެހިރާއްޖެއާއެކު އަލުން މަޝްވަރާތައް ފެށުމަށް ފުރުސަތު ލިބިގެންދާކަން ވެސް ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ. 

އަދި މި މައްސަލައަށް ދިވެހިރާއްޖޭގެ ހައްގުތަކަށް އިހުތިރާމުކުރާ، ސަރަހައްދީ ހަމަޖެހުމަށް ބާރުއަޅާ، ބައިނަލްއަގުވާމީ ގާނޫނުތަކާ އެއްގޮތްވާ، އަދި އިންޑިއާ ކަނޑުގެ ދެމެހެއްޓެނިވި ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދޭނެ އިންސާފުވެރި އަދި ހަމަހަމަ ހައްލެއް ހޯދައިދިނުމަށް އިނގިރޭސި ސަރުކާރަށް ރާއްޖެއިން ވަނީ ގޮވާލާފަ އެވެ. 

މޮރިޝަސްްއަށް ފޯޅަވަހި ދިނުމަށް އިނގިރޭސިވިލާތުން އެ ގައުމާއެކު ހެދި އެއްބަސްވުން ބަލައިނުގަންނަކަން ދިވެހި ސަރުކާރުން ރަސްމީކޮށް އިނގިރޭސިވިލާތަށް އަންގާފައިވާއިރު 2024 ވަނަ އަހަރުގެ ނޮވެންބަރު މަހު އަދި 2026 ވަނަ އަހަރުގެ ޖަނަވަރީ މަހުގައި މޮރިޝަސްްއާއެކު އިނގިރޭސި ސަރުކާރުން ހަދާފައިވާ އެއްބަސްވުމަށް ރާއްޖެ އިން ވަނީ އިންކާރުކޮށްފަ އެވެ. 

އެ ސިޓީތަކުގައި ފޯޅަވައްސާމެދު ހަމައެކަނި މޮރިޝަސްއާ މަޝްވަރާކޮށް އެކަމުގައި އެކުލެވޭ ދިވެހިރާއްޖޭގެ މަސްލަހަތުތައް އެއްފަރާތްކޮށް އިނގިރޭސި ސަރުކާރުން އެއްބަސްވުމެއް ހެދުމަކީ ފުން ކަންބޮޑުވުންތަކެއް އެކަމުގައި އެކުލެވޭ ކަމެއް ކަމުގައި ދިވެހި ސަރުކާރުން ބަޔާންކޮށްފަައިވެއެވެ. 

ސަރުކާރުގެ މި މައުގިފަކީ، ރާއްޖެއާއި ފޯޅަވަހީގެ މެދުގައި އޮތް މުހިއްމު ތާރީހީ އަދި އިދާރީ ގުޅުންތަކާއި، އެ ރަށްތައް އެހެން ގައުމަކާ ހަވާލުކޮށްފިނަމަަ އެކަމުން ދިވެހިރާއްޖޭގެ ސިޔާދަތަށް ކުރާނެ އަސަރުތަކުގެ މައްޗަށް ބިނާވެފައިވާ މައުގިފެއް ކަމުގައި ދިވެހި ސަރުކާރުން ބުނެފައިވެއެވެ. 

ދިވެހި ސަރުކާރުން އިތުރަށް ބުނެފައިވަނީ ތާރީހީ ގޮތުން ފޯޅަވައްސާއި ރާއްޖޭގެ މެދުގައި އޮތް ގުޅުމުގެ އިތުރަށް ޖިއޮގްރަފީގެ ގޮތުން ފޯޅަވަހި ރާއްޖެއާ ކައިރީގައި އޮންނަ އޮތުމަށް ބަލާއިރު އެހެން ހުރިހާ ގައުމުތަކަށްވުރެ ރާއްޖެއިން އެ ރަށްތަކުގެ މައްޗަށް ކުރާ ސިޔާދަތީ ދައުވާއަކީ އިސްކަންދެވެންޖެހޭ ދައުވާއެއް ކަމަަށް ގަބޫލުކުރާ ކަމަށެވެ. 

ރާއްޖެއިން އެ ސިޔާދަތީ ހައްގު ހޯދުމަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތެއްކޮށް ބައިނަލްއަގުވާމީ އަދުލުގެ ކޯޓަށް މައްސަލަ ހުށަހަޅަންް ތައްޔާރަށް އޮތް ކަމަށްވެސް ސަރުކާރުން ބުނެފައިވެއެވެ. އަދި ރާއްޖޭގެ ގައުމީ މަސްލަހަަތު ދެމެހެއްޓުމަށް ގާނޫނު ހުއްދަކުރާ ހުރިހާ ވަސީލަތްތަކެއް ބޭނުންކުރުމަށް ތައްޔާރަށް އޮތްކަމަށްވެސް ދިވެހި ސަރުކާރުން ބުނެފިއެވެ. 

ސަރުކާރުން ބުނީ އުންމީދަކީ ދުވަސްވީ ބައިވެރިއެއްގެ ހައިސިއްޔަތުން މާނަހުރި މަޝްވަރާތަކެއްގައި އިނގިރޭސި ސަރުކާރުން ބައިވެރިވެ، ހިއްސާވަނިވި އިހުތިރާމާއި، ތާރީހީ ހަގީގަތަށް ގަދަރުކުރުމުގެ އަސާސްތަކުގެ މަތީގައި ފޯޅަވަހީގެ މައްސަލަ ހައްލުކުރުމަށް މަސައްކަތްކުރުން ކަމަށެވެ. 

ފޯޅަވަހީގެ މިލްކުވެރިކަމާ ގުޅޭގޮތުން ކުރިއަށް ގެންދާ މަޝްވަތާރަކުގެ ތެރެއިން އެ ސަރަހައްދު ހަވާލުކުރުން މަޑުޖައްސާލުމަކީ، ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގެއްލުނު ބައި ހޯދުމުގެ މައްސަލައިގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ލިބުނު މުހިންމު ކުރިއެރުމެއްކަމަށް ގިނަ ބަޔަކު ދެކެއެވެ. 

ކިޔުންތެރިންގެ ހިޔާލު