ENGLISH

13 އޭޕްރީލު 2026

Advertisement

ދެކުނުގެ ކުނި މެނޭޖުކުރާ ފެސިލިޓީގެ މަސައްކަތް ފަށަނީ

11 އޭޕްރީލު 2026

|

ހަނާން އަހުމަދު ނައީމް

އައްޑޫ ސިޓީގައި ގާއިމުކުރާ ކުނި ފެސިލިޓީ ގެ މަސައްކަތް ކުރަނީ. ފޮޓޯ: އެންވަޔަރުމެންޓް މިނިސްޓްރީ

އައްޑޫ ސިޓީގައި ގާއިމުކުރާ ދެކުނުގެ ސަރަހައްދީ ކުނި މެނޭޖުކުރާ ނިޒާމަށް ޚާއްސަކޮށް ބަނދަރަކާއި ރިސައިކަލް ފެސިލިޓީއެއް ތަރައްޤީ ކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރު ވަމުންދާކަމަށް ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިކަން ހާމަކޮށްފައިވަނީ، ތިމާވެށީގެ ދާއިރާއިން ކުރިއަށްގެންދާ މަސައްކަތްތަކާ ގުޅޭ ގޮތުން މަޢުލޫމާތު ޙިއްސާ ކުރައްވަމުން ދެއްކެވި ވާހަފުޅުގައެވެ.

މި މަސައްކަތް ޢަމަލީ ގޮތުން ފެށުމަށް މިހާރު ދަނީ ތައްޔާރު ވަމުންނެވެ.

ވަޒީރު ވިދާޅުވީ، ދެމެހެއްޓެނިވި ގޮތެއްގައި ދެކުނުގައި ކުރި މެނޭޖުކުރާ ނިޒާމު ޤާއިމުކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ފެށުމަށް ތައްޔާރުވެފައިވާ ކަމަށެވެ. މިއީ ވަސީލަތްތައް ހަމަ، ވަށައިޖެހޭ ޒަމާނީ ނިޒާމަކަށް ވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ކުނި މެނޭޖުކުރުމުގެ މަސައްކަތް ކުރިޔަށް ގެންދަނީ، ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބަހާލައިގެންނެވެ. އެގޮތުން ދެކުނުގެ ނިޒާމަކީ، ގއ. އަތޮޅު، ގދ. އަތޮޅު ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީގައި އުފެދޭ ކުނި ރައްކާތެރި ގޮތުގައި ނައްތާލުމަށް ތަރައްޤީ ކުރާ ނިޒާމެކެވެ.

"އައްޑޫގައި ހުރީ އިންސެނިރޭޝަން ސިސްޓަމެއް އެކަނި. ރީޖަނަލް ސެންޓަރަކަށް ބަދަލުކުރަން ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ. ކުނި ވަކިކުރެވޭނެ ނިޒާމަކާއި، އެންދުމަށްފަހު ބާކީ ހުންނަ ބައި ބެހެއްޓޭނެ ތަނަކާއި، އިދާރީ އޮފީސް އިމާރާތެއް އެޅުމާ ގުޅޭ މަސައްކަތް ދަނީ ކުރަމުން. މި ޕްރޮޖެކްޓަށް ފައިސާ ވަނީ ހަމަޖެހިފައި." ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، ދެކުނުގެ ކުނި މެނޭޖުކުރާ ފެސިލިޓީގެ ދެވަނަ ފިޔަވަހީގެ ގޮތުގައި ކުރިއަށްގެންދާ މި މަސައްކަތްތައް ފެށުމަށްޓަކައި އެކަމަށް ބޭނުންވާ ލިޔެކިޔުންތަކާއި އިދާރީގޮތުން ކުރަންޖެހޭ މަސައްކަތްތައް މިހާރު ކުރަމުންދާ ކަމަށެވެ. އަދި އެކަމަށް ބޭނުންވާ ފައިސާވެސް ހަމަޖެހިފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. 

ދެކުނަކީ، ގިނަ ޢަދަދަކަށް ރިސޯޓްތައް ހިމެނޭ ސަރަޙައްދެކެވެ. މި މަސައްކަތް ނިމޭއިރު، މީހުން ދިރިއުޅޭ ރަށްތަކުގެ އިތުރުން ރިސޯޓްތަކަށްވެސް ކުނި މެނޭޖު ކުރުމަށް އެކަށީގެންވާ ޚިދުމަތެއް ލިބިގެންދާނެއެވެ.

އައްޑޫ ސިޓީގައި ކުނި މެނޭޖު ކުރުމުގެ މަސައްކަތްތައް މިހާރުވެސް ކުރިއަށް ގެންދަނީ، ވެމްކޯއިންނެވެ.  

ކިޔުންތެރިންގެ ހިޔާލު