ENGLISH
11 އޭޕްރީލު 2026
ޕީއެސްއައިޕީ މަޝްރޫއުތަކުގެ ހަރަދު 1.1 ބިލިއަނަށް
11 އޭޕްރީލު 2026
|
ރަށެއްގެ ބަނދަރު ފުންކުރުމުގެ މަސައްކަތުގެ ތެރެއިން
އެންމެ މަޤްބޫލު
އާއްމު ހިދުމަތްތަކާއި އުމްރާނީ ވަސީލަތްތައް ތަރައްގީކުރުމަށް ދައުލަތުން ހިންގާ ޕަބްލިކް ސެކްޓާ އިންވެސްޓުމެންޓު ޕްރޮގުރާމުގެ ތެރެއިން ހިންގަމުންދާ އެކި މަޝްރޫއުތަކަށް ޖުމްލަ 1.1 ބިލިއަން ރުފިޔާ ހަރަދުވެފައިވާކަން މާލީ ހިސާބުތަކުން ދައްކައިފިއެވެ.
މި އަހަރަށް ފާސްކުރި ބަޖެޓުގައި ޕީއެސްއައިޕީއަށް 8.3 ބިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފައިވެއެވެ. ޖަނަވަރީ އެއްވަނަ ދުވަހުން ފެށިގެން އޭޕްރީލު މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް 1.1 ބިލިއަން ރުފިޔާ ހޭދަވެފައިވާކަން ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ މާލީ ހިސާބުތަކުން އެނގެއެވެ.
މާލީ ހިސާބުތަކަަށް ބަލާއިރު އެއް ދާއިރާއަކަށް ޕީއެސްއައިޕީ ބަޖެޓުން އެންމެ ބޮޑު ހަރަދެއް ހިނގާފައިވަނީ އިގުތިސާދީ ދާއިރާއާ ގުޅުންހުރި މަޝްެރޫއުތަކަށެވެ. އިގުތިސާދީ ދާއިރާގެ މަޝްރޫއުތަކަށް 496.7 މިލިއަން ރުފިޔާ ހޭދަވެފައިވާއިރު، އެއިން އެންމެ ބޮޑު ހޭދައެއް ހިނގާފައިވަނީ ދަތުރުފަތުރާ ގުޅޭ އުމްރާނީ މަޝްރޫއުތަކަށެވެ. އެ މަޝްރޫއުތަކަށް 345.3 މިލިއަން ރުފިޔާ ހަރަދުވިއެވެ.
އިގުތިސާދާ ގުޅުންހުރި އެކި ދާއިރާތަކުގެ ތެރެއިން ދެންމެ އެންމެ ބޮޑު ހަރަދެއް ހިނގީ ހަކަތައާއި ޔުޓިލިޓީސްގެ ދާއިރާގެ މަޝްރޫއުތަކަށެވެ. އެ މަޝްރޫއުތަކށް 139.2 މިލިއަން ރުފިޔާ ހަރަދުވިކަން މާލީ ވުޒާރާގެ ހިސާބުތަކުން ދައްކައެވެ.
އާއްމު ހިދުމަތްތަކާ ގުޅުންހުރި މަޝްރޫއުތަކަށް 257.7 މިލިއަން ރުފިޔާ ހަރަދުވިއިރު، އެއިން 253.7 މިލިއަން ރުފިޔާ ހަރަދުވީ ބިން މެނޭޖުކުރުމާ ގުޅުންހުރި މަޝްރޫއުތަކަށެވެ. ތިމާވެށި ހިމާޔަތްކުރުމުގެ ދާއިރާގެ މަޝްރޫއުތަކަށް 39.3 މިލިއަން ރުފިޔާ ހަރަދުވިއެވެ.
ސިއްހީ ދާއިރާގެ މަޝްރޫއުތަކަށް 118.9 މިލިއަން ރުފިޔާ ހަަރަދުވެފައިވެއެވެ. އެއީ އެ ދާއިރާގެ އުމްރާނީ ވަސީލަތްތައް ތަރައްގީކުރުމުގެ ތަފާތު މަޝްރޫއުތަކަށް ހޭދަވި އަދަދެވެ.
ދީނީ ހިދުމަތްތަކާ ގުޅުންހުރި މަޝްރޫއުތަކަށް 50.4 މިލިއަން ރުފިޔާ އަދި ކުޅިވަރާ ގުޅޭ މަޝްރޫއުތަކަަށް 44.8 މިލިއަން ރުފިޔާ ހަރަދުވެފައިވެއެވެ. ތައުލީމީ ދާއިރާގެ މަޝްރޫއުތަކަށް 54.6 މިލިއަން ރުފިޔާ ހަރަދުވެފައިވެއެވެ.