ENGLISH
09 އޭޕްރީލު 2026
ބޮޑުތަކުރުފާނު މަގުގެ ހަތަރު ވަނަ ސެގްމަންޓު ޝީޓްޕައިލްކުރަން ފަށައިފި
09 އޭޕްރީލު 2026
|
ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ތެރެއިން. ފޮޓޯ: އެމްޓީސީސީ
އެންމެ މަޤްބޫލު
މާލޭގެ އުތުރުފަރާތު ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫއުގެ ދަށުން، ހަތަރު ވަނަ ސެގްމަންޓުގެ ޝީޓްޕައިލް ކުރުމުގެ މަސައްކަތް މިއަދު ފަށާފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.
އެމްޓީސީސީއިން ބޮޑުތަކުރުފާނު މަގުގެ އަދާހަމަ ހާމަކުރީ މިއަދު "އެކްސް" ގައި ކުރި ވީޑިއޯ ޕޯސްޓެއްގައެވެ.
މަސްވެރިންގެ ޕާކާއި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނޭ އެ ސަރަޙައްދު ޝީޓްޕައިލްކުރަން މިއަދު ފެށިއިރު، އިއްޔެ ވަނީ އެ ސަރަޙަދުގެ ފަޅާއި މަގު ބަންދުކޮށްފައެވެ.
ހަތަރު ވަނަ ސެގްމަންޓް ޝީޓްޕައިލްކުރަން ފެށުމުގެ އިތުރުން، ފަސް ވަނަ ސެގްމަންޓުގެ ދަށުން ބިން ހިއްކުމާއި، ސެޓްލްމަންޓް ޓޭންކްތައް ހަރުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، އެންކަރާއި ކޭބަލް ޓްރެންޗް އެޅުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށް އެމްޓީސީސީއިން ބުނެފައިވެއެވެ.
މާލޭގެ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް 22 ގައެވެ. ތިން ސެގްމަންޓަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން 830 މީޓަރުގެ މަގެއް ހަދާއިރު، އޭގެ ތެރެއިން 737 މީޓަރުގެ ސަރަހައްދެއްގައި ޝީޓް ޕައިލް ކުރުމުގެ މަސައްކަތް ކުރާނެއެވެ. މީގެ އިތުރުން މަގުގައި ތާރު އެޅުމާއި، ސަބްބޭސް ތައްޔާރުކުރުމާއި، ހިނގާ މީހުންނަށް ހާއްސަ ލޭނެއް ހެދުމުގެ އިތުރުން ފެންހިންދާ ނިޒާމެއް ގާއިމުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މި މަޝްރޫއުގެ ދަށުން ބޮޑުތަކުރުފާނު މަގު ތާރުއަޅައިގެން އަލުން ހެދުމަށް އެންމެ ފުރަތަމަ ނިންމީ، ޖުމްހޫރީ މައިދާނާ ދިމާލުން މާރުކޭޓާއި ރަސްމީ ފާލަމާ ދެމެދު ފަޅުން ބައެއް ހިއްކައިގެން ހަތަރު ލޭނަށް މަގު ފުޅާކުރުމަށެވެ. މި ސަރަހައްދު ނިންމައި މިދިޔަ ޑިސެމްބަރު މަހު ވަނީ ހުޅުވާލާފައެވެ.
މަޝްރޫއުގެ ދެވަނަ ސެގްމެންޓުގެ ދަށުން، ރަސްމީ ފާލަމުން ފެށިގެން މަސްމާރުކޭޓާ ހަމައަށް މަގު ފުޅާކޮށް ތާރުއެޅުމުގެ މަސައްކަތް ނިންމައި، މިދިޔަ ފެބްރުއަރީ މަހު ވަނީ އާންމުންނަށް ވަނީ ހުޅުވާލާފައެވެ.
އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއު އެއްކޮށް ނިމުމުން، ބޮޑުތަކުރުފާނު މަގު ވެގެންދާނީ ޒަމާނީ ފެންހިންދާ ނިޒާމަކާއެކު ފުޅާކުރެވިފައިވާ، ދުއްވާ އެއްޗެއްސާއި ހިނގާ މީހުންނަށްވެސް އިންތިހާއަށް ލުއިފަސޭހަ އަދި ހިތްގައިމު މަގަކަށެވެ.