ENGLISH
09 އޭޕްރީލު 2026
ފީއަލީ ތެޔޮ ބޯޓުގައި ރޯވި ހާދިސާ: އެރަށު އައިސް ޕްލާންޓް ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދާފައި
09 އޭޕްރީލު 2026
|
ފީއަލީ ތެޔޯ ބޯޓްގައި ރޯވުން-- ފޮޓޯ: އެމްއެންޑީއެފް
އެންމެ މަޤްބޫލު
ފ. ފީއަލީ ޖެޓީގައި އޮތް ތެޔޮ ބޯޓެއްގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާގައި، އެރަށު އައިސް ޕްލާންޓްގައި ރޯވެ އެތަން ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށް މިފްކޯއިން ބުނެފި އެވެ.
ފީއަލީ އައިސް ޕްލާންޓްގައި އަލިފާން ރޯވެފައިވަނީ އެތަނާ ކައިރީ އޮންނަ ތެޔޮ ޖެޓީގައި އަޅާފައި އޮތް ތެޔޮ ބޯޓެއްގައި ރޯވެ، އަލިފާންގަނޑު ފެތުރިގެންނެވެ. މި ހާދިސާގައި އިތުރު ތިން ދޯންޏަކަށް ވެސް އެކިވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
ފީއަލީގައި ގާއިމުކޮށްފައިވާ އައިސް ޕްލާންޓަކީ 25 މެޓްރިކް ޓަނުގެ އައިސްޕްލާންޓެވެ. މިއީ ފެނަކައިން މިފްކޯއާ ޖޫން، 2025 ގައި ހާވާލު ކުރުމުން ސެޕްޓެމްބަރ 1، 2025 އިން ފެށިގެން އޮޕަރޭޝަނަށް ގެނެސް، ހިދުމަތް ދެމުން އަންނަ އައިސް ޕްލާންޓެކެވެ.
މި ހާދިސާ އެމްއެންޑީއެފްގެ ސެންޓްރަލް އޭރިޔާ ކޮމާންޑަށް ރިޕޯޓްކޮށްފައިވަނީ މިއަދު ހެނދުނު 9:30 ގަ އެވެ. މައުލޫމާތު ލިބުމާއެކު ނިލަންދޫ ފަޔަރ ފައިޓަރުން ވަނީ އަލިފާން ނިއްވުމުގައި ހަރަކާތްތެރިވެފަ އެވެ. އަލިފާން ނިއްވާލެވިފައި ވަނީ 10:35 ހާއިރުކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދީފައިވެ އެވެ. އަލިފާން ނިއްވާލުމުގައި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ކުޑަހުވަދޫ ފަޔަރ ސްޓޭޝަނުންގެ ފަޔަރ ފައިޓާރުންވެސް ހަރާކާތްތެރިވެފައިވެ އެވެ.
މި ހާދިސާގައި ތެޔޮ ދޯނީގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ މީހަކު ވަރަށް ބޮޑަށް ފިހިގެން މިހާރު އަންނަނީ ސިއްހީ އެ ރަށު މަރުކަޒުގައި ފަރުވާދެމުންނެވެ.