ENGLISH
09 އޭޕްރީލު 2026
އަލަށް އިންތިޚާބުވި ކައުންސިލަރުން ހުވާކުރުން އަންނަ މަހު 17 ގައި
09 އޭޕްރީލު 2026
|
އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލުންތަކެއް ވޯޓުލާ މަރުކަޒެއްގައި ހަރަކާތްތެރިވަނީ-- ފޮޓޯ: އިލެކްޝަންސް ކޮމިޝަން
އެންމެ މަޤްބޫލު
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި، އިންތިޚާބުވި ކައުންސިލަރުން ހުވާކުރުން އަންނަ މަހުގެ 17 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ބުނެފި އެވެ.
މި އިންތިޚާބުގައި އަލަށް ހޮވުނު ފަރާތްތައް ހުވާކުރުމުގެ ތާރީޚު ކަނޑައަޅާފައިވަނީ، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު ދަށުން އެންމެ ފަހުން ކައުންސިލަރުން ހުވާކުރިތާ ފަސް އަހަރު ހަމަވާ ދުވަހަށް ރިޢާޔަތްކޮށް ކަމަށް އެލްޖީއޭއިން ބުނެފައިވެ އެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިޚާބުގައި ކައުންސިލަރުންނާއެކު، ރަށްރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ މެމްބަރުން ވެސް އިންތިޚާބުކޮށްފައިވެ އެވެ. އެހެންނަމަވެސް މި ކޮމެޓީތަކުގެ މެމްބަރުން ހުވާ ނުކުރާނެ ކަމަށާއި، އޭގެ ބަދަލުގައި އެ ކޮމެޓީތަކުގެ މެންބަރުން އެ ދުވަހުގެ ރަސްމިއްޔާތުގައި އިޤްރާރުގައި ސޮއިކުރުމަށް ހަމަޖެހިފައިވާ ކަމަށް އެލްޖީއޭއިން މައުލޫމާތު ބުނެފައިވެ އެވެ.
މިހާރު ތިބި ކައުންސިލަރުންގެ ހުވާކޮށްފައި ވަނީ މެއި 17، 2021 ގަ އެވެ.
ހޮނިހިރު ދުވަހު ބޭއްވި ކައުންސިލް އިންތިޚާބުގައި ރަށު ކައުންސިލްތަކަށް 626 ކައުންސިލަރުން، އަދި ސިޓީތަކަށް 52 ކައުންސިލަރުން އިންތިޚާބުކޮށްފައިވެ އެވެ. ހަމަ މި އަދަދަށް އަންހެންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކަށް މެމްބަރުން އިންތިޚާބުކޮށްފައިވެ އެވެ.