ENGLISH
24 މާރިޗު 2026
ޢަބްދުއްޝަކޫރު ޢަބްދުﷲ އަވަހާރަވުމާ ގުޅިގެން ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ
24 މާރިޗު 2026
|
ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރާއި ދިވެހި ފުލުހުންގެ ޚިދުމަތުގައި 43 އަހަރަށް ވުރެ ދިގު މުއްދަތެއްގައި މަސައްކަތް ކުރެއްވި ކުރީގެ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) ޢަބްދުއްޝަކޫރު ޢަބްދުﷲ.
އެންމެ މަޤްބޫލު
ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރާއި ދިވެހި ފުލުހުންގެ ޚިދުމަތުގައި 43 އަހަރަށް ވުރެ ދިގު މުއްދަތެއްގައި މަސައްކަތް ކުރެއްވި ކުރީގެ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) ޢަބްދުއްޝަކޫރު ޢަބްދުﷲ އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.
އުމުރުން 75 އަހަރުގައި ޝަކޫރު އަވަހާރަވީ ކެންސަރު ބައްޔަށް އިންޑިއާގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިއަދު ހެނދުނުގެ ވަގުތެއްގައި ކަމަށް މައުލޫމާތު ލިބެއެވެ.
ޝަކޫރު އަވަހާރަވުމާ ގުޅިގެން މިއަދު ކުރެއްވި ޕޯސްޓުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ޤައުމީ ދިފާޢީ ބާރާއި ފުލުހުންގެ ޚިދުމަތުގައި އިސް މަގާމުތަކެއް ފުރުއްވާފައިވާ ޝަކޫރު އަވަހާރަވި ޚަބަރު އެހީ ފުން ހިތާމައަކާއެކު ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ޝަކޫރަކީ ނޮވެންބަރު 3 ގެ ޢުދުވާނީ ޙަމަލާއިން ރާއްޖެ ދިފާޢުކުރެއްވުމަށް ހިތްވަރާ އެކު ޖިހާދުކުރެއްވި ދިވެހި ސިފައިންގެ ލަޝްކަރުގައި ހިމެނިވަޑައިގަތް، އަދި ރާއްޖޭގެ ޖަލުތަކުގެ ޙާލަތާއި އިންތިޒާމުތައް ރަނގަޅު ކުރެއްވުމާއި މަސްތުވާތަކެތީގެ ވަބާއިން ޤައުމު ސަލާމަތްކުރެއްވުމުގެ މަސައްކަތުގައިވެސް އިސް ދައުރެއް އަދާކުރެއްވި ތަޖުރިބާކާރު ހަރުދަނާ ދިވެހި ދަރިއެއް ކަމަށެވެ. އަދި ޝަކޫރަކީ މުޅި ޙަޔާތްޕުޅުގައިވެސް ޤައުމު އިސްކުރެއްވި އިޚުލާޞްތެރިއެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.
"ހިތާމައިގެ މި ވަގުތު، އެ ޢާއިލާއަށާއި ދިވެހި ސިފައިންނަށާއި ފުލުހުންނަށް ތަޢުޒިޔާ ދަންނަވަން. އަދި މާތްﷲގެ ތަނަވަސް ރަޙްމަތުގައި، ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި މަރްޙޫމް ޢަބްދުއްޝަކޫރު ޢަބްދުﷲ ލެހެއްޓެވުން އެދި ހެޔޮ ދުޢާކުރަން."
ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) ޝަކޫރަކީ ސިފައިންގެ ތަފާތު ރޭންކުތަކުގައި ޚިދުމަތް ކުރައްވައިފައިވާ ބޭފުޅެކެވެ. މިގޮތުން، ފުރަތަމަ އަދާކުރެއްވީ، ސިފައިންގެ މީހެއްގެ ވަޒީފާއެވެ. އޭގެފަހުން، ނޭޝަނަލް ސެކިއުރިޓީ ސަރވިސްގެ 4 ނަންބަރު ސަރުދާރު ކަމާއި، ކޯޕްރަލް ކަމާއި، ސާރޖަންޓް ކަމާއި، ސްޓާފް ސާރޖަންޓް ކަމާއި، ލެފްޓިނަންޓް ކަމާއި، ފަސްޓް ލެފްޓިނަންޓް ކަމާއި، ކެޕްޓަން ކަމާއި، މޭޖަރ ކަމުގެ ރޭންކް ފުރުއްވައިފައި ވެއެވެ. އެން.އެސް.އެސް.ގައި އެންމެފަހުން ހުންނެވީ، ލެފްޓިނަންޓް ކާނަލް ކަމުގެ ރޭންކުގައި، ސިފައިންގެ ސްޓާފް ބޯޑުގެ މެންބަރެއްގެ ގޮތުގައެވެ.
ސިފައިންގެ ޚިދުމަތުގައި ޝަކޫރު ހޭދަކުރެއްވި ދިގު މުއްދަތުގެ ތެރޭގައި، ދިވެހި ޤައުމާއި، މާތްވެގެންވާ އިސްލާމްދީނާއި، ދިވެހި ރައްޔިތުންގެ ދިފާޢުގައި ކޮށްދެއްވައިފައިވާ މަސައްކަތްޕުޅުތަކާއި އަދި 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ތިން ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ނުރައްކާތެރި ޢުދުވާނީ ހަމަލައިގެ ތަޙުޤީޤުގައި އަދާކުރެއްވި ދައުރު ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލަން ޖެހެއެވެ. ޢަބްދުއްޝަކޫރު ޢަބްދުﷲ ސިފައިންގޭގައި އެންމެ ގިނަ ދުވަހު ޚިދުމަތް ކުރައްވައިފައި ވަނީ ތަޙުޤީޤީ އިދާރާގަ އެވެ.
މޯލްޑިވްސް ޕޮލިސް ސަރވިސް އުފެއްދެވުމާ ގުޅިގެން، ޝަކޫރު ހަމަޖެއްސެވީ، ސީނިއަރ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސްގެ ރޭންކަށެވެ. ދެހާސް އަށް ވަނަ އަހަރުގެ އޮގަސްޓު މަހުގެ ފަސް ވަނަ ދުވަހުން ފެށިގެން ރިޓަޔަރ ކުރެއްވުމާ ހަމަޔަށް ހުންނެވީ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސްގެ ރޭންކުގައެވެ. މޯލްޑިވްސް ޕޮލިސް ސަރވިސްގައި ޝަކޫރު ޚިދުމަތް ކުރެއްވިއިރު، ފުލުހުންގެ ޕްރޮމޯޝަން ބޯޑުގެ ޗެއަރމަން ކަމާއި، ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ހެޑް ކަމާއި، ޑިސިޕްލިނަރީ ބޯޑުގެ ވައިސް ޗެއަރމަންކަންވެސް ކުރެއްވިއެވެ.
ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) ޢަބްދުއްޝަކޫރު ޢަބްދުﷲ، ސިފައިން ގެއަށް ކޮށްދެއްވައިފައިވާ ޚިދުމަތްތަކުގެ އަގު ވަޒަންކުރައްވައި، އަށް ކުލައާއި، އަށް މެޑެލް ލިބިވަޑައިގެންފައި ވެއެވެ. ލިބިވަޑައިގެންފައިވާ މެޑެލްތަކުގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާގެ މެޑެލް، މަތިވެރި ޚިދުމަތުގެ މެޑެލް، ދިގު މުއްދަތެއްގައި ޚިދުމަތް ކުރުމުގެ މެޑެލް، އިޚުލާޞްތެރި ޚިދުމަތުގެ މެޑެލް، އަޚުލާޤީ މެޑެލް، 3 ނޮވެންބަރުގެ މެޑެލް އަދި ސައްތައިގެ މެޑެލް ހިމެނެއެވެ. ފަހުން ފުލުހުންގެ ޚިދުމަތުގައި ހޭދަކުރެއްވިއިރު، ފުލުހުންގެ މެޑެއްޔާއި، ސުނާމީ ކާރިސާގެ މެޑެލް ވެސް ޢަބްދުއްޝަކޫރު ޢަބްދުﷲ ހާސިލު ކުރައްވައިފައި ވެއެވެ.