ENGLISH

23 މާރިޗު 2026

Advertisement

އަސްކަރީ އެސްކޯޓުތަކެއް މެދުވެރިކޮށް ހޮރްމުޒް ކަނޑުއޮޅި ބޯޓުފަހަރަށް ހުޅުވައިލުމުގެ ނުރައްކާ

23 މާރިޗު 2026

|

ޝިފްޒާން އަޙްމަދު

ހޮރްމުޒް ކަނޑުއޮޅި ބަންދުކޮށްފައި އޮތުމުގެ ސަބަބުން ދުނިޔޭގެ އިގުތިސާދަށް ކުރިމަތިވަމުންދާ ނުރައްކަލާއި ދަތިތަކާއެކު، އަސްކަރީ އުޅަނދުފަހަރުތަކުގެ ގާފިލާއެއް ބޭނުންކޮށްގެން ތެޔޮ އުފުލާ އުޅަނދުފަހަރު އެ ކަނޑުއޮޅިން ނެރުމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓުރަމްޕު ގެންދަވަނީ ވިސްނަވަމުންނެވެ. އެގޮތަށް އެކަން ކުރައްވާނެ ކަމަށް ބައެއް އިޝާރާތްތައްވެސް ދެއްވާފައިވެއެވެ. 

މީގެ ހަތަރު ދަހަރެއްހައި ދުވަސްކުރިއަށް ޖެހިލުމުން މިފަދަ ރޭވުމެއްގައި އެކުލެވޭ ނުރައްކާތަކާއި ތަންފީޒީ އުދަގޫތައް ފެނެއެވެ. 1988 ވަނަ އަހަރު ހޮރްމުޒްް ކަނޑުއޮޅިން ދަތުރުކުރި ތެޔޮ ޓޭންކަރަކާއެކު އެސްކޯޓެއްގެ ގޮތުގައި ދަތުރުކުރަމުންއައި ޔޫއެސްއެސް ސެމިއުއެލް ބީ ރޮބާޓްސް އީރާނުގެ ކަނޑުގެ މައިނަކަށް އަރައި، ގޮވިއެވެ. އަދި އެ ބޯޓުގެ ހަލްގައި ނުވަ ފޫޓުގެ ބޮޑު ލޯވަޅެއް ހެދި ބަލްކުހެޑް ދެފަޅިވިއެވެ. އެ ހާދިސާގައި ދިހަ ފަޅުވެރިއަކަަށް އަނިޔާވިއެވެ. 

އެހެންކަމުން ހަނގުރާމައިން ދުނިޔޭގެ އިގުތިސާދަށް ކުރިމަތިވަމުންދާ ދަތިތަކާއި ގޮންޖެހުންތަކުގެ ތެރޭގައި އެމެރިކާގެ އަސްކަރީ އިސްވެރިން ނިންމަވަންޖެހެނީ މިފަދަ ހާލަތުގައި އެމެރިކާއިން ނަގަން މުނާސަބު އަދި މަގުބޫލު ހިރާހަކީ ކޮބައިކަމާއި، އެގައުމަށް ތަހައްމަލުކުރެވޭނީ ކިހައި މިންވަރެއްގެ ނުރައްކަލެއް ކަމެވެ. 

އެމެރިކާގެ ބައެއް އަސްކަރީ މަސްއޫލުވެރިންނާ ހަވާލާދީ ފައިނޭންޝަލް ޓައިމްސްއިން ރިޕޯޓުކުރި ގޮތުގައި އެމެރިކާގެ އަސްކަރީ މަސްއޫލުވެރިންގެ ތެރެއިން ގިނަ ބޭފުޅުން ބުރަވެވަޑައިގަންނަވާ ގޮތުން މިހާރު ނަގަަންޖެހޭ ހިރާސްތަކަކީ އެކަށީގެންވާ މިންވަރަށްވުރެ ބޮޑު ހިރާސްތަކެކެވެ. 

އެންމެ ހަލްއަކާއެކު ބިނާކޮށްފައިވާ އެމެރިކާގެ ހަނގުރާމަމަތީ މަނަވަރުތަކަކީ މައިންތަކާއި ހަލުއި ބޯޓުތަކުން ދޭ ހަމަލާތަކަށް ހުށަހެޅުމުގެ ފުރުސަތު އަދި އެފަދަ ހަމަލާތަކުން ލިބޭ ގެއްލުންވެސް ބޮޑުވާނެ ތަކެއްޗެވެ. އީރާނުގެ ހަލުއި ބޯޓުތަކަކީ ކުދި މިސައިލާއި ރޮކެޓުތައް ހަރުކޮށްފައިވަ ބޯޓުތަކަކެވެ. އަދި ކަނޑުމަތީ ކޮންމެ ގާފިލާއަކަށް އަމާޒުކޮށް ދުއްވާ މީހަކު ނެތް ކަނޑުމަތީ އުޅަނދުތަކާއި، ބެލިސްޓިކް އަދި ކްރޫޒު މިސައިލާއި ޑްރޯނުތައް ބޭނުންކުރެވޭނެއެވެ. 

އެފްޓީއަށް މައުލޫމާތު ދެއްވި އެމެރިކާގެ ކުރީގެ ދިފާއީ މަސްއޫލުވެރިޔަކު ވިދާޅުވި ގޮތުގައި، އެސްކޯޓު އޮޕަރޭޝަނެއް ނުވަތަ އުޅަނދުފަހަރު ގޮވައިގެން ދަތުރުކުރުމުގެ އަސްކަރީ އޮޕަރޭޝަނެއް ހިންގުމަށް ބޭނުންވާ ހާލަތު އުފެއްދިފައި ނެތްކަމަށް އަސްކަރިއްޔާގެ ގިނަ ބޭފުޅުން ސަރުކާރުގައި ދަންނަވަމުންދާ ކަމަށެވެ. އަދި ހޮރްމުޒް ކަނޑުއޮޅި ހުރަސްކޮށް ދަތުރުކުރުމުގެ އޮޕަރޭޝަނެއް ފެށޭނީ އީރާނުގެ ކިބައިން ކުރިމަތިވާ ހުރިހާ ނުރައްކަލެއް ނައްތައިލެވި ނުވަތަ އެ ނުރައްކާތައް ވަރަށް ބޮޑަށް ކުޑަކުރެވިގެންކަމަށް އެ ބޭފުޅުން ގަބޫލުކުރައްވާކަމަށް ނަން ހާމަނުކުރާ ގޮތަށް މައުލޫމާތު ދެއްވި މަސްއޫލުވެރިޔާ ވިދާޅުވިއެވެ. 

އެމެރިކާއަށް އުޅަނދުފަހަރާއެކު ދަތުރުކުރުމުގެ އޮޕަރޭޝަނެއް ފެށޭނީ އީރާނުގެ ހަމަލާދިނުމުގެ ގާބިލުކަން ވަރަށް ބޮޑަށް ހީނރުކުރެވިގެންނެވެ. އެ ހާލަތުގައިވެސް ދަތުރުތައް ފެށޭޏީ ކުޑަ ގާފިލާއަކާއިގެންނެވެ. ނަމަވެސް އެފަަދަ އޮޕަރޭޝަނަަކަށް މަދުވެގެން އަށް ޑިސްޓްރޯޔާ ބޭނުންވާނކެކަމަށް އެމެރިކާގެ ކަނޑުގެ ސިފައިންގެ ކުރީގެ އެޑްމަރަލް މޮންޓްގޮމެރީ ވިދާޅުވެއެވެ. 

އެމެރިކާގެ ކަނޑުގެ ސިފައިންގެ ކުރީގެ ވައިސް އެޑްމަރަލް ޖޯން މިލާ ވިދާޅުވެފައިވަނީ ދަތުުރުގައި ހިމާޔަތްދޭންޖެހޭ ގާފިލާގެ ކުޑަ ބޮޑުމިނަށް ބަލައި، ގާފިލާގެ ކުރީގައާއި ފަހަތާއި ދެފަޅީގައި ދަތުރުކުރާނެ ހަނގުރާމަމަތީ ބޯޓުތަކަށް ބޭނުންވާނެއެވެ. އޭނާ އަންދާޒާކުރައްވާ ގޮތުން ދިހައެއް ނުވަތަ 16 އަސްކަރީ ބޮޑު އުޅަނދު ބޭނުންވާނެއެވެ. 

މިވަގުތު މެދުއިރުމަތީގައި އެމެރިކާގެ 14 ޑިސްޓްރޯޔާ އަންނަނީ ހަރަކާތްތެރިވަމުންނެވެ. އެ ޑިސްޓްރޯޔާތަކަކީ އެމެރިކާގެ އުދުވާނުގައި އަދި ދިފާއުގައި ބޭނުންކުރަމުންދާ އުޅަނދުތަކަށްވާތީ، އެ ހުރިހާ އުޅަނދެއް މިފަދަ އެސްކޯޓު އޮޕަރޭޝަނެއްގައި ބޭނުން ނުކުރެވޭނެއެވެ. 

އެސްކޯޓު އޮޕަރޭޝަނެއް ފެށޭނީ އެމެރިކާގެ އުޅަނދުފަހަރު ގަލްފު ހުރަސްކޮށްގެންނެވެ. އެ ސަރަހައްދުގެ އައްސޭރި ފަށުގައި އީރާނުގެ ހަލުއި ބޯޓުފަހަރު ގިނަ އަދަދަކށް ރައްކާކޮށްފައި އެބަހުރިކަމަށްވެއެވެ. އެ ބޯޓުފަހަރުގައި ގޮއްވާތަކެތި ހަރުކޮށް، އިރުޝާދާ އެއްގޮތަށް ދަތުރުކުރާ ބޮންތަކެއްގެ ގޮތުގައި ބޭނުންކުރެވިދާނެއެވެ. އެމެރިކާއިން އޭ-10 މަރުކާގެ ވޯޓްހޮގުތައް ހަލުއި ބޯޓުތައް ހަލާކުކުރުމަށް ބޭނުންކުރަމުންދިޔަ ނަމަވެސް އެކަށީގެންވާ މިންވަރަށް ހަލުއި ބޯޓުތައް ނެތިކޮށްލެވިއްޖެކަން ޔަގީންކުރެވޭނެ ގޮތެއް ނެތެވެ. 

މިލާ ވިދާޅުވި ގޮތުގައި މި ބޯޓުފަހަރަކީ އެއް ސަފެއްގައި ރުކުރުވާލާފައި ހުރި އެއްޗެއްސެއް ނޫނެވެ. ބައެއް ތަކެތި ހުރީ ގަރާޖުތަކުގައެވެ. އަނެއްބައި ތަކެތި ހުރީ ބިންގަރާސްތަކުގައި ރައްކާކޮށްފައެވެ. އެކި ދިމާލުގައި ފޮރުވާފައި ހުރި މިތަކެތީގެ އަދަދެއް ޔަގީންކޮށް ނޭނގެއެވެ. 

އަނެއް މައްސަލައަކީ އީރާނުން ހަރުކޮށްފައި ހުރި މައިންތަކުގެ މައްސަލައެވެ. ގާފިލާގެ ކުރިން މައިން ހޯދައި ނައްތައިލާ ބޯޓެއް ހޮރުމުޒު ކަނޑުއޮޅިއަށް ވައްދަންޖެހެއެވެ. އީރާނުން ކަނޑުއޮޅީގައި ހަރުކޮށްފައި ހުރި މައިންތައް ނުހޯދިއްޖެނަމަ ގާފިލާގެ ބޯޓެއް ނުވަތަ މަގުދައްކާ އަސްކަރީ އުޅަނދެއް އެއިން މައިނެއްގެ ޝިކާރައަކަށްވުމަކީ އޮތް ފުރުސަތެކެވެ. 

މިފަދަ އެތައް ސަބަބަކާހުރެ އަސްކަރީ އުޅަނދުތަކުގެ ހިމާޔަތުގައި ވިޔަފާރި ބޯޓުފަހަރު ހޮރްމުޒް ކަނޑުއޮޅިން ދަތުރުކުރުމަކީ މިހާރު އެމެރިކާއަށް އެކަނި ކުރެވޭ މިންވަރަށްވުރެ އުދަގޫ ކަމެކެވެ. އީރާނުން ހަލުއި ބޯޓުތަކާއި މައިނުތަކާއި މިސައިލު އަދި ރޮކެޓުތައް ބޭނުންކޮށްގެން ދޭ ހަމަލާތަކުން ސަލާމަތްނުވެ އެފަދަ ގާފިލާއަކަށް ހޮރްމުޒް ކަނޑުއޮޅި ހުރަސްކުރެވުމާމެދު އެމެރިކާގެ އަސްކަރީ ލީޑަރުންގެ މެދުގައި ވަރަށް ބޮޑު ޝައްކުތަކެއް އެބައޮތެވެ. 

ކިޔުންތެރިންގެ ހިޔާލު