ENGLISH
25 ފެބްރުއަރީ 2026
ޖަލީލު އިންތިހާބުވެއްޖެނަމަ މާލޭގައި ކުރަންހުރި ކަންކަން ލަސްނުވެ ތަންފީޒުވާނެ: ތޯރިގު
25 ފެބްރުއަރީ 2026
|
ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ތޯރިގު އިބްރާހީމް، ފޮޓޯ: ދިޔަރެސް
އެންމެ މަޤްބޫލު
މާލެ ސިޓީގެ މޭޔަރުކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕާޓީގެ ޓިކެޓުގައި ވާދަކުރައްވާ މޫސާ އަލީ ޖަލީލު އިންތިހާބުވެވަޑައިގަތުމުން މާލޭގައި ކުރަންޖެހި ފާއިތުވި އަހަރުތަކުގައި ނުކުރެވި ހުރި ކަންކަން ކުރުމުގެ މަސައްކަތް ލަސްނުވެ ފެށިގެންދާނެކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ތޯރިގު އިބްރާހީމް ވިދާޅުވެއްޖެއެވެ.
ތޯރިގު މިފަދައިން ވިދާޅުވީ މާލޭ ސިޓީ ކައުންސިލުގެ މާފަންނު މެދު ދާއިރާއަށް ކުރިމަތިލެއްވި ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓުންގެ ކެމްޕެއިނުގެ ދޮރުން ދޮރަށް ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ އަރިހުގައި އެ ދާއިރާގައި ހުންނަވައި އެމްއެމްޓީވީއަށް މިއަދު ދެއްވި ހާއްސަ ބަސްދީގަތުމެއްގައެވެ.
އެ ބަސްދީގަތުމުގައި ވަޒީރު ވިދާޅުވީ މޫސާ އަލީ ޖަލީލަކީ ގައުމަށް ގިނަގުނަ އިހުލާސްތެރި ހިދުމަތްތަކެއް ކޮށްދެއްވާފައި ހުންނެވި ގިނަ ބަޔަކު ގޮވައިގެން އުޅުއްވުމުގެ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ގާބިލު ތެދުވެރި އަމާނާތްތެރި ބޭފުޅެއް ކަމަށެވެ.
ކައުންސިލަކީ ސަރުކާރު ޖަވާބުދާރީކުރުވަން އޮތް ތަނެއް ނޫންކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ ކައުންސިލަކީ ސަރުކާރާ ގުޅިގެން ސަރުކާރުގެ ތަސައްވުރު ތަންފީޒުކުރުމުގައި މަދަދުވެރިވެ އެހީތެރިވެދީ އެކުގައި މަސައްކަތްކުރަން އޮތް ތަނެއް ކަމަށެވެ. އެ މަސައްކަތް ކުރެއްވޭނީ މޫސާ އަލީ ޖަލީލަށް ކަމަށެވެ.
އިތުރަށް ތޯރިގު ފާހަގަކުރެއްވި ގޮތުގައި މޫސާ އަަލީ ޖަލީލަކީ ގައުމީ ހިދުމަތުގައި ގިނަ ދުވަސްތަކެއް ހޭދަކުރައްވައި މަތީ ފަންތީގެ ވަޒީފާތައް އަދާކުރައްވާފައިވާ ބޭފުޅަކަށްވާތީ ދައުލަތާއި ސަރުކާރު ހިނގަމުންދާ ގޮތް އެނގިވަޑައިގަންނަވާނެއެވެ. އަދި އެކަމުގެ ސަބަބުން ފަސޭހަކަމާއެކު ކައުންސިލު ހިންގަަވަން އޭނާއަށް އެނގިވަޑައިގަންނަވާނެކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ އެ ތަޖުރިބާ ނެތް ބޭފުޅުން ކައުންސިލުތަކަށް ވަޑައިގަތުމުން އެންމެ ރަނގަޅަށް ކައުންސިލުތައް ނުހިންގޭ ކަމަށެވެ.
ތޯރިގު ވިދާާޅުވީ ރައީސް ޑރ.މުޢިއްޒުގެ މޭޔަރުކަމުގައި މާލޭގެ މަގުތައް ޒީނަތްތެރިކޮށް، މަގުތަކުގައި ދީނީ ޝިއާރުތައް ހަރުކޮށް، ރަށްވެހި ތަރައްގީގެ ގިނަ މަސައްކަތްތަކެއް ފެށުނު ނަމަވެސް އެމަނިކުފާނު ރައީސްކަމަށް ވަޑައިގަތުމާއެކު އައު މޭޔަރަކު އިންތިހާބުވެވަޑައިގަތުމަށްފަހު އެފަދަ މަސައްކަތްތައް ހުއްޓިގެންދިޔަ ކަމަށެވެ. އަދި އަލުން އެ މަސައްކަތްތަައް ފަށައިގެން ކުރިއަށްގެންދެވޭނީ މޫސާ އަލީ ޖަލީލު އިންތިހާބުވެވަޑައިގަތުމުން ކަމަށެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މޫސާ އަލީ ޖަލީލުގެ އެބަހުރި ހުރިހާ ގާބިލުކަމެއް، މީހުންނާ އެއްކޮށް އުޅުއްވަން އެނގިވަޑައިގަންނަވާނެ ސަރުކާރުގައި އުޅުއްވާ އެންމެ މަތީ މަގާމުތައް އަދާކުރައްވާފައި ހުރީ. މިވަގުތު ކުރިމަތިލައްވާފައިވާ ބޭފުޅުންގެ ތެރެއިން އެންމެ ގާބިލު ބޭފުޅަކީ ޖަލީލު. އޭނާ އިންތިހާބުވެވަޑައިގަތުމުން މާލޭގައި ކުރަން ހުރި ކަންކަން އިތުރަށް ދެނެގަނެ އެކަންކަން ތަންފީޒުކުރަން ފެށޭނެ،" ތޯރިގު ވިދާޅުވިއެވެ.
ތޯރިގު ވިދާޅުވި ގޮތުގައި ޖަލީލު ނޫން ކެންޑިޑޭޓުން ދައްކަވަނީ ސަރުކާރު ޖަވާބުދާރީކުރުވުމުގެ ވާހަކަ ނަމަވެސް ހަގީގަތަކީ ކައުންސިލުތަކުން ކުރަންޖެހޭ މަސައްކަތަކީ ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދިނުން ކަމަށާއި، ޖަލީލު ވަޑައިގަންނަވަނީ އެ ހިދުމަތް ފޯރުކޮށްދެއްވުމަށް ކަމަށެވެ.