ENGLISH

25 ފެބްރުއަރީ 2026

Advertisement

ޖަލީލަކީ އަމިއްލަ ނަފްސަށްވުރެ ގައުމު އިސްކުރައްވާނެ ގާބިލު ބޭފުޅެއް: އިހުސާން

25 ފެބްރުއަރީ 2026

|

ޝިފްޒާން އަޙްމަދު

ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން

މާލެ ސިޓީގެ މޭޔަރުކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޓިކެޓުގައި ވާދަކުރައްވާ މޫސާ އަލީ ޖަލީލަކީ އޭނާގެ އަމިއްލަ ނަފްސަށްވުރެ ގައުމު އިސްކުރައްވާނެ ގާބިލު ބޭފުޅެއްކަަން ފާހަގަކުރައްވައި މާލޭ ރައްޔިތުން މޭޔަރުކަމަށް ޖަލީލު ހޮވަންވީ ސަބަބުތައް ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވެދެއްވައިފިއެވެ. 

މިއަދު މާފަންނު މެދު ދާއިރާގައި ކޮންގްރެސް ޕާޓީން ކުރިއަށްގެންދިޔަ ދޮރުން ދޮރަށް ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ އަރިހުގައި ބައިވެރިވެވަޑައިގެން އެ ސަރަހައްދުގައި ހުންނަވައި އެމްއެމްޓީވީއަށް ދެއްވި ބަސްދީގަތުމެއްގައި އިހުސާން ވިދާޅުވީ ޖަލީލަކީ ރާއްޖެއަށް އަދި ހާއްސަކޮށް މާލެ ސިޓީއަށް މިފަހުގެ ތާރީހުގައި ކުރިމަތިވި އެންމެ ބޮޑު އުދުވާނުގައި ގައުމު ދިފާއުކުރެއްވުމަށް އަމިއްލަ ފުރާނަފުޅު ގުރުބާންްކުރެއްވުމަށް ތައްޔާރުވެވަޑައިގެން ކުރީ ސަފަށް ނުކުމެވަޑައިގެންނެވި ގައުމީ ބަތަލެއް ކަމަށެވެ. 

އިހުސާން ވިދާޅުވި ގޮތުގައި ޖަލީލު ގައުމުގެ ދިފާއުގައި ނުކުމެވަޑައިގެންވި ނުކުމެވަޑައިގަތުމުން ސާބިތުކޮށްދެއްވީ އޭނާއަކީ އޭނާގެ އަމިއްލަ ނަފްސަށްވުރެ އަބަދުވެސް ގައުމު އިސްކުރައްވާނެ، ގައުމަށް ހިދުމަތްކުރުމުގައި އާދަޔާ ހިލާފު ރޫހެއް ހުރި ބޭފުޅެއްކަމެވެ. 

"ތިބޭފުޅުންވެސް އަދި ޓީވީ ބައްލަވާ ބޭފުޅުންވެސް ބޭނުންފުޅުވާނީ އެބޭފުޅަކަށް ހިދުމަތްކުރައްވަން އަންނަ ބޭފުޅަކީ އަމިއްލަ ނަފްސަށްވުރެ ގައުމު އިސްކުރައްވައިގެން ހިދުމަތްކުރައްވާނެ ބޭފުޅެއްކަން ކަށަވަރުކުރައްވަން. އެކަން ސާބިތުކޮށްދެއްވާފައިވާ ބޭފުޅެއް މޫސާ އަލީ ޖަލީލަކީ،" އިހުސާން ވިދާޅުވިއެވެ. 

އިތުރަށް ވަޒީރު ވިދާޅުވީ ގައުމީ ދިފާއީ ބާރުގައި ދިގު މުއްދަތަކަށް އެކި ފަންތީގެ މަގާމުތަކުގައި ކުރެއްވި ހިދުމަތުގައި މޫސާ އަލީ ޖަލީލަކީ ބޮޑު ޓީމެއް ލީޑުކުރައްވަައިގެން އެ ޓީމާއެކު މަސައްކަތްކުރެއްވުމުގެ ގާބިލުކަން ހުުރި، އެ ހިދުމަތުގައި ކުރިމަތިވެވަޑައިގަތް ބޮޑެތި ކަންކަމުގައި އޯގަނައިޒްކޮށް ބޮޑު ޓީމަކާއެކު މަސައްކަތްކުރެއްވުމުގެ ތާރީހެއް ޖަލީލުގެ އެބައޮތް ކަމަށެވެ. 

އިހުސާން ވިދާޅުވީ މާލެއަކީ ރާއްޖޭގެ އެންމެ ބޮޑު އާބާދީއަށްވާއިރު، މާލޭގެ މޭޔަރުގެ މަގާމުގައި ހުންނަވާ ބޭފުޅަކީ ސަރުކާރާ އެއް ރޫހެއްގައި މަސައްކަތްކުރައްވައިގެން ސަރުކާރުގެ ތެރެއިން މާލޭ ރައްޔިތުންނަށް ހޯދަންޖެހޭ ފައިދާއާއި މަންފާ ހޯދައިދެއްވޭނެ ބޭފުޅަކަށްވާންޖެހޭ ކަމަށެވެ. އަދި އެގޮތަށް މަސައްކަތްކުރެެއްވޭނެ ބޭފުޅަކީ މޫސާ އަލީ ޖަލީލު ކަމުގައި ވަޒީރު ވިދާޅުވިއެވެ. 

"އަޅުގަނޑަކަށް ހީނުވޭ މިއީ މާލޭގެ ރައްޔިތުންނަށް އެހާ އުދަގޫ ނިންމުމަކަށްވާނެހެނެއް. މިއީ ވަރަށް ފަސޭހަ ނިންމުމެއް. މިއީ ގާބިލު ބޭފުޅެއް، ކަމަށް ކޮމިޓުވާ، ޓީމު ގޮވައިގެން މަސައްކަތްކުރެއްވޭނެ ބޭފުޅެއް، ސަރުކާރާއެކު އެއްވާނެއްގައި މަސައްކަތްކުރައްވާނެ ބޭފުޅެއް،" އިހުސާން ވިދާޅުވިއެވެ. 

އިހުސާނުގެ އަމިއްލަ ތަޖުރިބާއަށް އަލިއަޅުވައިލައްވަމުން އޭނާ ވިދާޅުވީ ސިފައިންގެ ގޭގައި އެކުގައި މަސައްކަތްކުރެއްވިއިރު، ޖަލީލު ފާހަގަކުރެއްވުނީ މަސައްކަތަށް ހުރިހާ ވަގުތެއް ހުސްކުރައްވައިގެން ހިދުމަތްކުރެއްވި ބޭފުޅެއްގެ ގޮތުގައި ކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު