ENGLISH
25 ފެބްރުއަރީ 2026
މިހާރުގެ މޭޔަރު އިސްކުރައްވަނީ ރައްޔިތުންގެ ހިދުމަތަށްވުރެ ޕާޓީ: އަލީ އާރިފު
25 ފެބްރުއަރީ 2026
|
ރައީސް އޮފީހުގެ މިނިސްޓަރ އަލީ އާރިފު، ފޮޓޯ: ޕީއެންސީ
އެންމެ މަޤްބޫލު
މާލެ ސިޓީގެ މިހާރުގެ މޭޔަރު އާދަމް އާޒިމު ރައްޔިތުންނަށް ހިދުމަތްކުރެއްވުމަށްވުރެ އިސްކުރައްވަނީ ޕާޓީގެ މަސްލަހަތު ކަމަށް ރައީސް އޮފީހުގެ މިނިސްޓަރު އަލީ އާރިފު ވިދާޅުވެއްޖެއެވެ.
މިފަދައިން އަލީ އާރިފު ވިދާޅުވީ ކުރިއަށް އޮތް ކައުންސިލު އިންތިހާބުގައި މާފަންނު މެދު ދާއިރާއަށް ޕީޕަލްސް ނޭޝަނަލް ކޮންގުރެސް ޕާޓީން ވާދަކުރައްވާ ކެންޑިޑޭޓުންނަށް ތާއީދު ހޯއްދެވުމަށް އެ ދާއިރާގައި ޕީޕަލްސް ނޭޝަަަނަލް ކޮންގްރެސް ޕާޓީން ކުރިއަށްގެންދިޔަ ދޮރުން ދޮރަށް ހަރަކަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ އަރިހުގައި ބައިވެރިވެވަޑައިގެން އެ ސަރަހައްދުގައި ހުންނަވައި އެމްއެމްޓީވީއަށް ދެއްވި ބަސްދީގަތުމެއްގައެވެ.
އަލީ އާރިފު ވިދާޅުވީ މާލެ ސިޓީގެ މޭޔަރު ކަމުގައި ރައީސް ޑރ.މުޢިއްޒު ހުންނެވިއިރު، އެމަނިކުފާނު މާލެ ސިޓީގައި ހުރި މައްސަލަތައް ބައްލަވައި، އެ މައްސަލަތައް ހައްލުކުރެއްވުމަށް ފުރިހަމަ ތަސައްވުރެއް އެކުލަވައިލެއްވި ކަމަށެވެ. އަދި އެ ތަސައްވުރު ތަންފީޒުކުރެއްވޭނީ ވަރަށް ހީވާގި މަސައްކަތްތެރި ބޭފުޅަކު މާލެ ސިޓީގެ މޭޔަރުކަަމަށް އިންތިހާބުކޮށްގެންކަމަށްވެސް އަލީ އާރިފު ވިދާޅުވިއެވެ.
އިތުރަށް މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި ކުރިއަށް އޮތް ލޯކަލް ކައުންސިލު އިންތިހާބުގައި މާލޭ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން ރައީސްގެ މޭޔަރުކަމުގައި އެކުލަވައިލެއްވި ތަސައްވުރު ތަންފީޒުކުރެއްވޭނެ ބޭފުޅަކީ ކޮންގްރެސް ޕާޓީން މޭޔަރުކަމަށް ވާދަކުރައްވާ މޫސާ އަލީ ޖަލީލެވެ. ސަބަބެއްގެ ގޮތުގައި އަލީ އާރިފު ފާހަގަކުރެއްވީ ޖަލީލުގެ ހިތްވަރާއި ސާބިތުކަމާއި ހީވާގި ކަމެވެ.
މިހާރު ހުންނެވި މޭޔަރަށްވެސް ތަންފީޒުކުރައްވަންޖެހިވަޑައިގެންފަައި އޮތީ ރައީސް އެކުލަވައިލެއްވި ތަސައްވުރުކަން ފާހަގަކުރައްވަމުން އަލީ އާރިފު ވިދާޅުވީ މިހާރުގެ މޭޔަރަށް އެ ތަސައްވުރު ތަންފީޒުނުކުރެއްވެނީ ރައްޔިތުންނަށް ހިދުމަތްކުރެއްވުމަށްވުރެ ޕާޓީގެ މަސްލަހަތު އިސްކުރައްވަންޖެހިވަޑައިގެންފައިވާތީ ކަމަށެވެ. އެގޮތުންް މޭޔަރަށް ކްރެޑިޓު ލިބިވަޑައިނުގެންފާނެ ކަމުގައި ހީފުޅުވާތީ ކަންކަމުގައި އެއްބާރުލުންނުދެއްވާ ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.
އަލީ އާރިފު އިތުރަށް ވިދާޅުވީ ރާއްޖެއަކީ ޔުނިޓަރީ ދައުލަތަކަށްވާތީ ކައުންސިލުތަކުގެ ދައުރަކީ އެއިރެއްގައި ވެރިކަމުގައި އޮންނަ ޕާޓީއެއްގެ މެނިފެސްޓޯ ތަންފީޒުކޮށް ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ސަރުކާރާއެކު މަސައްކަތްކުރުން ކަމަށެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ދައުލަތުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން ކައުންސިލުތައް ފެއިލުވެ ކަންކަން ތަންފީޒުނުވުމުން އެކަމުގެ ޒިންމާ ރައީސުލްޖުމްހޫރިއްޔާަ ނަންގަވންްޖެހޭ ކަމަށެވެ. ޕީއެންސީން މާލެ ސިޓީގެ މޭޔަރުކަމާއި ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތައް ކާމިޔާބުކުރަން މަސައްކަަތްކުރަނީ އެ ސަބަބަށްޓަކައި ކަމަށް އޭނާ ވިދާޅުވިއެވެ.